އުފާވެރިކަން ޙާޞިލް ކުރެވޭނެ 4 ގޮތެއް
ހިތްހަމަ ޖެހުމާއި އުފާވެރި ކަމަކީ ކޮންމެ މީހަކު ވެސް އެދޭނޭ ކަންކަމެވެ. ތަފާތަކީ އެކި މީހުން އުފާވެރިކަން މާނަ ކުރާ ގޮތެވެ. ބޭނުން ވަގުތަކު ބޭނުން އެއްޗެއް ހޯދާ ، ބޭނުން ތަނަކަށް ގޮސް ހެދޭ ފަދަ ތަނަވަސް ކަމެއް އޮތް ނަމަ އެއީ އުފާވެރިކަން ކަމުގައި ދެކޭ މީހުން އުޅެއެވެ. ދަތި ޙާލުގައި އުޅޭ ބައެއް މީހުންނަށް އެގޮތަށް ވިސްނުނު ކަމުގައި ވިޔަސް އެފަދަ ތަނަވަސްކަން ހުރި މީހުންގެ ތެރޭގައި ވެސް އެއީ ގޯސް ވިސްނުމެއްކަން ގަބޫލުކުރާ މީހުން އުޅެއެވެ.
ވީއިރު ހަގީގީ އުފަލަކީ ކޮބައި ހެއްޔެވެ؟ ހަގީގީ ހިތްހަމަ ޖެހުމަކީ ކޮބައި ހެއްޔެވެ؟
އުފަލާއި ހިތްހަމަ ޖެހުމަކީ ﷲ ތަޢާލާ އަހަރެމެންނަށް ދެއްވާ އިޙްސާސެކެވެ. ނެތުމުގެ ތެރެއިން އަހަރެމެން ދުނިޔެއަށް ފޮނުއްވާ އެ އިހްސާސްތައް އަހަރެމެންނަށް ދެއްވި ﷲ ތަޢާލާ ވަނީ ހަގީގީ ހިތްހަމަ ޖެހުމަކީ ކޮބައިކަން އަންގަވައި ދެއްވާފައެވެ.
އެ އިލާހު ވަޙީ ކުރައްވާފައި ވެއެވެ.
﴿28﴾ الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަ ކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަ ކުރުމުން ނޫން ހެއްޔެވެ؟
ވީއިރު އަހަރެމެންގެ މައްޗަށް އޮތީ އެ އިލާހު އަންގަވާފައިވާ ގޮތަށް ދުނިޔޭގެ މަދު ދުވަސްކޮޅު ހޭދަ ކުރުމެވެ. އެއާއެކު ދޭދޭ ދެމީހުންގެ މެދުގައި ކުރާ މުޢާމަލާތްތަކުގައި އިޚްލާޞްތެރިކަމާއި ތެދުވެރިކަން ހިމަނާ ﷲއަށް ވަކީލް ކުރުމެވެ. އެގޮތުން މި ކަންކަމަކީ އުފާވެރިކަމަށް މަގު ދައްކައިދޭ ކަންކަމެވެ.
މާޔޫސް ނުވާށެވެ.
ދިރިއުޅުމުގައި އަހަރެމެންނާ ބައްދަލު ކުރަނީ ހަމައެކަނި އަހަރެމެން ކުރާ ކަންތަކުގެ ނަތީޖާއަކާ ނޫނެވެ. ބައެއް ފަހަރު ތިމާއާ ނުވެސް ބެހޭ ނުވަތަ ނުވެސް ގުޅޭ ކަމެއްގައި މީހުންގެ ފަރާތުން ފާޑު ކިޔުން އާދެއެވެ. ހަމަ މި ނޫނަސް މާޔޫސްވާ ދަރަޖައަށްދާ ކިތަންމެ ކަމެއް މި ބޭއިންސާފު ދުނިޔޭގައި ބައްދަލު ކުރެއެވެ. ނަމަވެސް އުފާވެރިކަން މަތީ ހުންނަން ބޭނުންވާ ނަމަ ވިސްނަންވީ މާޔޫސްވުމާ ދުރުވުމެވެ. ތިމާ ހުރީ ޙައްޤު ގޮތުގައި ނަމަ ދެން އެހެން ހުރިހާ ކަމެއް ﷲ ތަޢާލާއަށް ދޫކޮށްލާށެވެ. ޙާލަތު ބަދަލު ވެދާނެތެވެ.
ނަފްރަތު ނުކުރާށެވެ.
ނަފްރަތަކީ ހަސަދައިގެ ކާނާއެވެ. އެހެން މީހުންގެ މައްޗަށް ނަފުރަތު އުފެދެން ފަށައިފިނަމަ ހަސަދަވެރިކަމުގެ އަލިފާންގަނޑު ހެދި ބޮޑުވެއެވެ. އެހެންކަމުން އެހެން މީހުންގެ މައްޗަށް ހިތް ސާފުކޮށް ބޭއްވުމުގެ މައްޗަށް އަބަދާއި އަބަދު ނަފްސަށް ފާރަވެރިވާން ޖެހެއެވެ.ހަސަދައިގެ އަލިފާނަށް ފެން ޖަހަން އޮތް އެންމެ މޮޅު އެއް ގޮތަކީ އެހެން މީހުންގެ ކާމިޔާބީގައި ވެސް ހިނިތުންވާން ދަސް ކުރުމެވެ. ތިމާގެ ކާމިޔާބީގެ ވަގުތު ޖެހުމާއެކު އެކަން ހިފެހެއްޓޭނެ މީހަކު ނޫޅޭނެއެވެ.
ގިނައިން ދޭށެވެ. ގިނައިން ލިބުމަށް އުއްމީދު ނުކުރާށެވެ.
ދުނިޔެއަކީ އިންސާފުވެރި ތަނެއް ނޫނޭ ބުނެ އުޅެނީ ވަރަށް ގިނަ ސަބަބުތަކަކަށް ޓަކައެވެ. އެހެނީ ތިމާ މީހަކާ މެދު ކިތަންމެ ރަނގަޅަކަށް ކަންތައް ކުރި ނަމަވެސް އޭގެ ބަދަލަކަށް ވޭނާއި ހިތާމަ ވެސް ލިބެނީ މަދެއް ކޮށެއް ނޫނެވެ. އެހެންކަމުން އުފާވެރި ކަންމަތީ ހުންނަން ބޭނުންވާ ނަމަ މީހުންގެ ފަރާތުން ތިމާއަށް އަބަދު ހެޔޮ ބަސްތަކާއި ހެޔޮ ގޮތްތައް ވެދާނެ ކަމަށް އުއްމީދު ނުކުރާށެވެ. އެހެން ނަމަވެސް ތިމާއަށް ވީ މިންވަރަކުން މީހުން އެދޭ ކަންކަމުގައި އެހީތެރިކަމާއި ހެޔޮ ފޯރު ކޮށްދޭށެވެ.
ސާދާކަން އިޚްތިޔާރު ކުރާށެވެ.
ބޮޑާވެރިކަމަކީ ދެ ދުނިޔޭގެ ހަލާކުގެ ތެރެއަށް މީހާ އެއްލާލާ ކަމެކެވެ. ކިތަންމެ މަތީ ފާހެއް އޮތަސް ، ކިތަންމެ މަތީ މަގާމެއްގައި ހުއްޓަސް ހިސާބު ބައްލަވާ ދުވަހު ވަޒަން ކުރާ ކަމަކީ ތަގުވާވެރި ކަމެވެ. އެހެންކަމުން ދިރިއުޅުމުގައި އަބަދު ވެސް ސާދާކަމަށް އިސްކަން ދޭށެވެ. މީހުންގެ ކުރިމަތީގައި ހީލާ ، ސަލާން ގަލާންކޮށް އަބަދު ވެސް ފައްސި ވިސްނުމުގައި ދުވަސްތައް ހޭދަ ކުރާށެވެ. އުފާވެރިކަން ތިބާގެ ފަހަތުން އަންނާނެއެވެ.