"ދާމޭން" ވީޑިއޯތަކުގެ "ބައްޕަ" ކާލް ޖޫޑީ ކޮވިޑް-19 ޖެހިގެން މަރުވެއްޖެ

ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މަޝްހޫރު "ދާމޭން ޕްރޮޑަކްޝަންސް" ގެ ވީޑިއޯތަކުން، ބައްޕައެއްގެ ރޯލުން ގިނައިން ފެނިގެންދާ ކާލް ޖޫޑީ ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.
އިއްޔެގެ ވަގުތެއްގައި ކާލް މަރުވި ޚަބަރު ކާލްގެ އަންހެން ދަރިފުޅު ބްރައިނާއާއި ދާމޭން ވަނީ އެމީހުންގެ އިންސްޓަގްރާމްއާއި ފޭސްބުކް މެދުވެރިކޮށް އާންމުންނާ ޙިއްސާ ކޮށްފައެވެ.
ދާމޭން ބުނިގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި ކާލްގެ ބަލި ހާލަތު ގޯސްވެ އޭނާ އެޑްމިޓު ކުރިއެވެ. އަދި އޭނާ ކޯމާއަކަށް ދިޔަ ކަމަށް ވެސް ދާމަން ވަނީ ބުނެފައެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި ކާލްގެ ބަލި ހާލަތު ގޯސްވީ ކޮވިޑަށް ފައްސި ވެގެންނެވެ. އަދި ކޯމާއަށް ދިޔަ ނަމަވެސް މީގެ ދެ ދުވަސް ކުރިން އޭނަ ހޭ އެރި ކަމަށާއި އެވަގުތު ޒޫމް މެދުވެރިކޮށް އޭނަގެ އަންހެނުން ލަވައެއް ކިޔައިދިން އަޑު ވެސް އެހި ކަމަށް ބުނެފައިވެއެވެ.
ދާމޭން ޕްރޮޑަކްޝަންސް އަކީ، ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އެހެން މީހުންނަށް އިބުރަތް ހާސިލު ކޮށްދިނުމުގެ ގޮތުން ކުރު ވީޑިއޯ އުފައްދާ ބައެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އެމީހުންގެ ވީޑިއޯ ބަލާއިރު 6 މިލިއަނަށްވުރެ ގިނަ މީހުން ޔޫޓިއުބްގައި ވެސް އެޗެނަލަށް ސަބްސްކްރައިބް ކޮށްފައިވެއެވެ.

ކާލް އަކީ އެވީޑިއޯތަކުގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން އެންމެ ދުވަސްވީ އެކެކެވެ. އަދި އޭނާއަކީ ގިނަ މީހުން ވަރަށް ތާއީދު ކުރާ އެކްޓަރެއް ވެސް މެއެވެ.