ދީން

ރަވާތިބު ސުންނަތުގެ 12 ރަކްޢަތް ކުރުމުގެ މާތްކަން ، ސުވަރުގޭގައި އެމީހަކަށް ގެއެއް ބިނާކުރެވޭނެ

ދެން އެމްވީ ، ދެން އޮންލައިން

ފަރުޟު ނަމާދުތަކުގެ އިތުރުން ހެޔޮކަން ބޮޑުވެގެންވާ ސުންނަތް އެތައް ނަމާދުތަކެއް ވެއެވެ. ދަމު ނަމާދާއި ޟުޙާ ނަމާދުގެ އިތުރުން ރަވާތިބު ސުންްނަތްތަކަކީ ވެސް އެތައް ގިނަ ސަވާބަކާއި ދަރުމައެއް ލިބެން އޮތް ނަމާދު ތަކެކެވެ.

Ads by STELCO

ރަވާތިބު ސުންނަތް ނަމާދުތަކަކީ އެ ނަމާދުތަކެއް ކުރުމަށް ﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ އެއް ނަމާދު ތަކެވެ.

ފަރުޟު ނަމާދުގެ ކުރިންނާއި ނަމާދުގެ ފަހުން ކުރާ ރަވާތިބު ސުންނަތް \ތަކާ ގުޅޭ ގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ.

(مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ)) [أخرجه مسلم]

މާނައީ: “ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގެއެއް ބިނާކުރެވެއެވެ.”

މިބާރަ ރަކުޢަތުގެ ތަފްސީރު އުންމު ޙަބީބާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްއެއްގައިވެއެވެ. އޭގައި ވަނީ އެއީ މި ބާރަ ރަކުޢަތްކަމުގައެވެ. ފަހެ، މިނަމާދުތަކަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާ އެހުރީ ވަރަށް ބޮޑު ހެޔޮކަމެއްގެ މަތީގައެވެ. މިޙަދީޘްގައިވާ ގޮތުން އެނަމާދުތައް ކުރާ މީހާއަށް އެވަނީ ސުވަރުގެއިން ގެއެއް ލިބޭނެކަމުގައި ވަޢުދުވެވޮޑިގެންނެވެ.

ޢިލްމްވެރިން ވިދާޅުވާ ގޮތުގައި މި ބާރަ ރަކުޢަތަކީ މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބުނަމާދުގެ ފަހުން ދެރަކުޢަތާއި ޢިޝާނަމާދުގެ ފަހުން ދެރަކުޢަތާ އަދި ފަތިސްނަމާދުގެ ކުރިން ދެ ރަކުޢަތެވެ. ރަވާތިބު ސުންނަތްތަކޭ މިކިޔަނީ މިނަމާދުތަކަށެވެ.

ރަވާތިބު ސުންނަތްތަކުގެ ހުރިހާ ނަމާދެއްވެސް ކުރާނީ ދެރަކުޢަތުން ސަލާމްދެމުންނެވެ. ނަބިއްޔާ صلى الله عليه وسلم ރަށުގައި ޤާއިމުވެ ހުންނަވާއިރު މި ނަމާދުތަކަށް ރައްކާތެރިވެވަޑައިގަންނަވައެވެ.

ކީރިތި ނަބިއްޔާ ޙަދީޘްކުރެއްވިއެވެ.

ރ(مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ)) [رواه الترمذي وصححه الألباني]

މާނައީ: “މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި މެންދުރުނަމާދުގެ ފަހުން ހަތަރު ރަކުޢަތަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާގެ މައްޗަށް ﷲ ވަނީ ނަރަކަ ޙަރާމްކުރައްވާފައެވެ.”

މެންދުރުނަމާދު ފަހުން ކުރާ ހަތަރު ރަކުޢަތަކީ ރަވާތިބު ސުންނަތެއް ނޫނެވެ. ރަވާތިބު ސުންނަތުގެ ގޮތުގައި ކުރާނީ ދެ ރަކުޢަތެވެ. ނަމަވެސް މިޙަދީޘްއަށް އަމަލުކުރުމަށްޓަކައި އިތުރު ދެރަކުޢަތް (އެބަހީ: މެންދުރު ނަމާދުގެ ފަހުން ޖުމްލަ ހަތަރު ރަކުޢަތް) ކުރުމަކީ މޮޅުއިތުރުކަމެކެވެ. އެއީ އިސްވެ ބަޔާންކުރެވުނު އުންމު ޙަބީބާ ބިންތު އަބީ ސުފްޔާނުގެ ޙަދީޘްގައިވާ ފަދައިންނެވެ.

ޢަޞުރުނަމާދުގެ ކުރިންވެސް ހަތަރު ރަކުޢަތްކުރުމަކީ މުސްތަޙައްބުކަމެކެވެ. ނަމަވެސް އެއީވެސް ރަވާތިބު ސުންނަތްތަކެއް ނޫނެވެ. އެހަތަރު ރަކުޢަތްކުރާނީވެސް ދެރަކުޢަތުން ސަލާމްދެމުންނެވެ.

ޙަދީޘްގައިވެއެވެ.

((رَحِمَ اللَّهُ امْرَأً صَلَّى قَبْلَ العَصْرِ أَرْبَعًا)) [رواه أحمد والترمذي والجماعة بسند صحيح عن ابن عمر رضي الله عنهما]

މާނައީ: “ޢަޞުރުނަމާދުގެ ކުރިން ހަތަރު ރަކުޢަތްކޮށްފިމީހަކަށް ﷲ ރަޙުމަތްލައްވާށިއެވެ.”

ހަމައެފަދައިން ކޮންމެ ބަންގިއަކާއި ޤަމަތަކާއި ދެމެދު ނަމާދެއްކުރުން ސުންނަތްވެގެންވެއެވެ. އެގޮތުން މަޣްރިބުނަމާދުގެ ބަންގިއާއި ޤަމަތާ ދެމެދުގައްޔާއި ޢިޝާނަމާދުގެ ބަންގިއާއި ޤަމަތުގެ ދެމެދުގައި އެފަދައިން ކުރެވިދާނެއެވެ. އެހެނީ ޙަދީޘްގައިވެއެވެ.

((بَيْنَ كُلِّ أَذَانَيْنِ صَلاَةٌ، بَيْنَ كُلِّ أَذَانَيْنِ صَلاَةٌ))، ثُمَّ قَالَ فِي الثَّالِثَةِ: ((لِمَنْ شَاءَ)) [رواه البخاري ومسلم]

މާނައީ: “ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ. ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ.” – ދެން ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

((صَلُّوا قَبْلَ صَلاَةِ المَغْرِبِ))، قَالَ: ((فِي الثَّالِثَةِ لِمَنْ شَاءَ)) [رواه البخاري]

މާނައީ: “މަޣްރިބުނަމާދުގެ ކުރިން (ސުންނަތް) ނަމާދު ކުރާށެވެ.” – ދެން އެއަށްފަހު ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ.”

އެގޮތުން ޞަޙާބީ ބޭކަލުން މަޣްރިބު ނަމާދުގެ ފަހުން (ސުންނަތް) ދެރަކުޢަތް ކުރައްވައެވެ. އަދި މަޣްރިބުނަމާދުގެ ބަންގީގެ ފަހުން، ޤަމަތްދިނުމުގެ ކުރިންވެސް ދެ ރަކުޢަތް ކުރައްވައެވެ. މި ސުންނަތް ނަމާދަކީ އެއީ ރަވާތިބު ސުންނަތެއް ނޫނެވެ. ނަމަވެސް ސުންނަތް ނަމާދެކެވެ. މެންދުރު ނަމާދުގެ ފަހުން ހަތަރު ރަކުޢަތްކުރުމަކީވެސް ސުންނަތެކެވެ. ނަމަވެސް އެއީ ރަވާތިބު ސުންނަތެއް ނޫނެވެ. ރަވާތިބު ސުންނަތުގައި ހިމެނެނީ މެންދުރުނަމާދުގެ ފަހުން ދެރަކުޢަތެވެ. ޢަސުރުނަމާދުގެ ކުރިން ދެރަކުޢަތުން ސަލާމްދެމުން ކުރާ ހަތަރު ރަކުޢަތަކީވެސް ސުންނަތެކެވެ. ނަމަވެސް އެއީ ރަވާތިބު ސުންނަތެއް ނޫނެވެ…

ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅަށް ޢަމަލުކުރުމުގެ ގޮތުން ޢަޞުރުނަމާދުގެ ކުރިން އެހަތަރު ރަކުޢަތަށް ރައްކާތެރިވުން މޮޅުއިތުރުވެގެންވެއެވެ. މަޣްރިބުނަމާދު ބަންގިއާއި ޤަމަތާ އަދި ޢިޝާނަމާދު ބަންގިއާއި ޤަމަތާދެމެދު ސުންނަތް ދެރަކުޢަތްކުރުންވެސް މޮޅުއިތުރުވެގެންވެއެވެ.

މަސްދަރު: ދި ސަލަފިއްޔާ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!