ދުނިޔެމަތީގައި ނުބައި އަމަލުތައް ކުރި މީހުންނާ ކަށްވަޅުން ބައްދަލު ކުރާނީ ނުބައި ވަސް ދުވާ، ހުތުރު އަދި ނުބައި ދުޝްމަނެއް!
ހަ ބިލިއަނަށް ވުރެ ގިނަ އިންސާނުން ދިރިއުޅެމުން އަންނަ މި ވަގުތީ ފާލަމުގައި އެއްބަޔަކު ލޯބިވެރިން ހާސިލު ކުރުމުގައި އެތައް ވަގުތެއް ނަގާލައެވެ. ފޯނުން ގުޅާ، އެތައް ވާހަކަތަކެއް ބަދަލު ކުރެއެވެ. މިފަދަ ކަންކަމުގައި ބައެއް މީހުން ކެއުމެއް ބުއިމެއް އަދި އަރާމު ކުރުމެއް ނެތި ވަގުތުތައް ނަގާލަނީއެވެ. ލޯބިވެރިޔާ ހާސިލު ކުރުމަށް ޓަކައި އެތައް މަސަައްކަތެއް ކުރަނީއެވެ. އެކުއްޖާގެ މޫނު ފެނޭތޯ އެކުއްޖާ ދިރިއުޅެމުން އަންނަ ގެ ވަށައިގެން ކުރުކާލި ވެސް ކަނޑަނީއެވެ.
އަނެއް ބަޔަކު އެފަދަ ބުރަ މަސައްކަތުން ގިނަގުނަ ވަގުތުތައް ނަގައިލައިގެން ހޯދި ބައިވެރިޔާ ގެއްލުމުގެ ހިތާމައިގެ ކަނޑުގައި ޣަރަޤު ވަމުން ދަނީއެވެ. އެކަމުގެ ހިތާމައިގައި ހިތާމަވެރި އެތައް ލަވަތަކެއް ޖަހައިގެން އެއަށް ވުރެ ބޮޑު ހިތާމަވެރިކަމަކަށް އަމިއްލަ ނަފުސު ހުށަހަޅަނީއެވެ. އެންމެ ފަހުން އެ ހިތާމަ ތަކަށް ކެތް ނުކުރެވިގެން ތިމާގެ ހަށިގަނޑާއި ޖިސްމު ވެސް ނަގާލާ އަމިއްލައަށް މަރުވުމުގެ ފިނޑި ޖަރީމާ ވެސް ހިންގަނީއެވެ.
މީހުން ތޮއް ޖެހި ބަރާވެފައިވާ ވަގުތީ މި ދުނިޔޭގައި ތިމާ ހިތާމަ ކުރާއިރު، އެންމެން ވެސް ދެން ދާން އޮތް ގޯތީގެ އެކަނިވެރިކަމާމެދު އެއްވެސް ވަރަކަށް ހަނދުމަ ނުވަނީ ބާވައެވެ. އެތަނުގެ އަނދިރިކަން ނުވިސްނެނީ ބާވައެވެ. ނުވަތަ އެތަނުގެ ބިރުވެރިކަން ހިތަށް ތަސައްވަރު ނުކުރެވެނީ ބާވައެވެ. އެތަނުގައި ގަދަފަދަ މަލާއިކަތުންގެ ހަރުކަށި ސުވާލުތަކާ ކުރިމަތިލާން ޖެހޭނެ ކަން ސިކުނޑިއަށް ހަމަ ނުވިސްނެނީ ބާވައެވެ. މީގެ އިތުރުން އެތަނަކީ ތިމާގެ ނުބައި ޢަމަލުތަކުގެ ސަބަބުން ދެއަރިކަށި ޖައްސާ ފުނޑުކޮށްލެވޭނެ ތަނެވެ. އަދިވެސް ތިބާގެ ނަފްސާއި އަގުހުރި ވަގުތުތައް ހުސުްކޮށްލަންވީ ދުނިޔަވީ ވަގުތީި އުފަލަށް ޓަކައި ބާވައެވެ.
ގަބުރުސްތާނުގައި ދެން އެންމެ އަވަހަށް ކޮނެވޭނީ ތިބާގެ ކަށްވަޅު ކަމެއް އެނގެނީ ފަހެ ކާކަށް ހެއްޔެވެ؟ އެތަނަށް ދާއިިރު ތިބާގެ ބައިވެރިއަކަށް ތިބާ ގެންދާނީ ކާކު ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް ތިބާ ދުނިޔެމަތީގައިި ކުރިހާ ޢަމަލެއް ނޫނީ ތިބާއާއެކު އެތަނުގައި ނުވާނެއެވެ. ތިމާގެ އަމަލު ތަކަކީ ހެޔޮ ޢަމަލެއް ކަމުގައި ވަނީނަމަ އެދުވަހުން ތިބާއާ ބައްދަލު ކުރާނީ މީރުވަސް ދުވާ ރީތި އަދި ތިބާގެ ހިތަށް ފިނިކަން ގެނެސްދޭ އެކުވެރިއެކެވެ. އެހެންނަމަވެސް ތިބާގެ ޢަމަލު ތަކަކީ ނުބައި އަމަލު ތަކެއް ނަމަ އެދުވަހުން ތިބާއާ ބައްދަލު ކުރާނީ ނުބައި ވަސް ދުވާ، ހުތުރު އަދި ނުބައި ދުޝްމަނަކެވެ. އޭނާ ވެގެންދާނީ ތިބާއަށް ހުރި އިތުރު ވޭނަކަށެވެ. އިތުރު ތަކުލީފަކަށެވެ. ބޮޑުވެގެންވާ ޢަޒާބަކަށެވެ.
ވީމާ ވިސްނާށެވެ. ނަފުސު ޠާހިރު ކުރުމަށް ތިމާގެ އަގުހުރި ވަގުތުތައް ހުސްކުރާށެވެ. ހެޔޮ ޢަމަލު ކުރުމުގައި ވަގުތު ހޭދަކުރާށެވެ. ފާފަތަކަށް ތަޢުބާވެ އެކަލާނގެ ހަޟްރަތަށް ކުއްތަން ވާށެވެ. އެހެނީ ތިބާ ތިބާގެ ކަށްވަޅަށް ޒިޔާރަތް ކުރަން ޖެހޭނީ އަދަކު ނުވަތަ މާދަމާ ނޫން ކަމެއް ނޭނގެއެވެ.