ދީން

ޤިޔާމަތް ދުވަހުގައި ﷲ ތަޢާލާ ބަސްފުޅު ވަޙީ ނުކުރައްވާނޭ ތިން މީހެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

ދުނިޔެ މަތީގައި އަހަރެމެން ކުރާ ކޮންމެ ޢަމަލަކީ ބުނާ ކޮންމެ ބަހަކީ އެކަމާ މެދު ޖަވާބުދާރީވާން ހުރި ކަންކަމެވެ. ނުވަތަ ބަސްބަހެވެ. މި ހުރިހާ ކަމެއްގެ ފައިސަލާ ކުރުން އޮތް ދުވަހަކީ ބިރު ބޮޑު ދުވަހެކެވެ. ދިގު ދުވަހެކެވެ. 5000 އަހަރުގެ ދިގު މި ދުވަހުގައި ، އެކަކު އަނެކަކަށް އެހީތެރިވާނޭ މީހަކު ނުވާނެއެވެ.

Ads by STELCO

ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ބަޔާން ކުރައްވާ ﷲ ވަޙީ ކުރައްވއިފައި ވެއެވެ.

"އޭ މީސްތަކުންނެވޭ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަގުވާވެރި ވާށެވެ! ހަމަކަށަވަރުން، ގިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަ ދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާން ނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާ ފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެން ވަނީ، މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު ﷲގެ އަޒާބު ގަދަފަދައީއެވެ."

އެހެންކަމުން އެ ދުވަހާއި އަދި އޭގެ ފަހުން ވެސް ސަލާމަތްކަމާއި ރައްކާތެރިކަމެއް ލިބުން އޮތީ ﷲ ރުއްސެވި އަޅަކަށެވެ. އެ އިލާޙުގެ ޙަޟްރަތުން ހެޔޮ ، ޞާލިޙް އަޅެއްގެ ގޮތުގައި ފައިސަލާ ކުރެއްވެވި އަޅަކަށެވެ.

ދަންނާށެވެ. އެ ބިރުވެރި ދުވަހުގައި އެންމެންގެ އެދުމަކަށް ވާނީ އެމީހެއްގެ ހިސާބު ބެއްލެވުމުގައި ލުއި ކުރެއްވުމެވެ. ﷲގެ ތަނަވަސް ރަޙުމަތް އެމީހެއްގެ މައްޗަށް އޮއްސަވައިލެއްވުމެވެ. އެހެން އެކަން ވާހުށީ އެ އިލާޙުގެ ބަސްފުޅުތައް ދެނެގަނެ، ޤަބޫލުކޮށް އެ ބަސްތަކަށް ދުނިޔެ މަތީގައި ޢަމަލު ކުރި މީހަކަށެވެ. ﷲގެ ރަޙުމަތުން ފޭވެގަންނަ މީހުންނަށް އޮތީ ގެއްލުމާއި ހަލާކެވެ.

ﷲގެ ރަޙުމަތަށް އެދި އެންމެހާ މީސްތަކުން ރޮއެރޮއެ ތިބޭ އެ ދުވަހު ، އެއިލާހުގެ ބަސްފުޅު ވެސް ވަޙީ ނުކުރައްވާނެ ތިން ބާވަތެއްގެ ބައެއް ވެއެވެ.

ޞަޙީޙް މުސްލިމް (106)ގައި ރިވާ ކޮށްފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

މާނައަކީ " ޤިޔާމަތް ދުވަހުގައި ﷲ ތަޢާލާ ބަސްފުޅު ވަޙީ ނުކުރައްވާނެ ތިން މީހަކު ވެއެވެ. އެއީ އެއްވެސް އެއްޗެއް ނެތި ކަލަގޮވާ މީހާއާއި ދޮގު ހުވާތަކެއް ކޮށްގެން އޭނާގެ އަތުގައިވާ އެއްޗެއް ވިއްކައިލާ މީހާއެވެ. އަދި އޭނާގެ އިޒާރު އިސްބާލް (ތަނބިކައްޓަށް ވުރެ ތިރީގައި) ބަހައްޓާ މީހާއެވެ."

އަޅަމެންނީ މިފަދަ ބަސްތައް އަޑުއަހައި އެ ބަސްތައް ގަބޫލުކޮށް އެ މަގުން ޢަމަލު ކުރާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!