ބީޗް މަތިން ހަނދާންވާތީ ޝިލްޕާ ރާއްޖެއަށް

ބީޗް މަތިން މާ ބޮޑަށް ހަނދާންވާތީ ބޮލީވުޑް ތަރި ޝިލްޕާ ޝެޓީ ރާއްޖެ އަތުވެއްޖެއެވެ.
ބީޗް މަތިން ހަނދާންވާ ކަމަށް ބުނެ ޝިލްޕާ ވަނީ މީގެ ތިން ދުވަސް ކުރިން އިންސްޓަގްރާމްގައި ޕޯސްޓު ކޮށްފައެވެ.
އޭގެ ފަހުން ޝިލްޕާ ކުރި ޕޯސްޓެއްގައި ވަނީ ދަތުރު ނުކުރެވޭތާ އަހަރެއް ވެއްޖެކަން ފާހަގަކޮށް، މި ދަތުރުގައި ދާނީ ރާއްޖެއަށް ކަމުގައި ބުނެފައެވެ.
ފިރިމީހާ ރާޖް ކުންޑްރާ، ބަތަލާ އަކަންޝާ މަލްހަތްރާ އަދި އޭނާގެ ފިރިމީހާ ރޯހިތު އަގަރުވާލު އާއެކު ރާއްޖެ އަށް ކުރި މި ދަތުރުގައި އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ސީސައިޑް ފިނޮޅުގައެވެ.
އަބަދުވެސް އިންސްޓަގްރާމް އާ ރައްޓެހި ޝިލްޕާ އަންނަނީ ދަތުރުގެ އެކި ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.
މީގެ ދެ އަހަރެއްހާ ދުވަސްކުރިން ވެސް ޝިލްޕާ އާއި ރާޖް ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައި ވެއެވެ. އެ ދަތުރުގައި އެމީހުން އައިސްފައި ވަނީ ކައިވެނީގެ އެނިވާސަރީ ފާހަގަ ކުރުމަށެވެ.
1993 ވަނަ އަހަރު ޝާހްރުކް ޚާން އާއި ކާޖޮލް އެކުގައި ފެނިގެންދިޔަ "ބާޒީގަރް" އިން ބޮލީވުޑަށް ތައާރަފްވި ޝިލްޕާގެ އެންމެ މަގްބޫލު ފިލްމު ތަކުގެ ތެރޭގައި "ދަޅްކަން"، "ޕިރް މިލޭގީ"، "ދަސް" އަދި "ރިޝްތޭ" ފަދަ ފިލްމުތައް ހިމެނެއެވެ