ޕީޕީއެމް މީހެއްގެ ކެނޑިޑެސީ އީސީން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ތ.ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
އޭނާގެ ކެނޑިޑަސީ އީސީން ބާތިލްކުރީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ، މިދިޔަ މަސް ތެރޭގައެވެ. އޭނާގެ ކެންޑިޑަސީ ބާތިލްކުރުމާއެކު އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބަކާ ނުލައި ހޮވުނު ކަން ވެސް އީސީން އިއުލާނު ކުރިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ހަސަން މޫސާގެ ފަރާތުންނެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވާއިރު ކޯޓުގެ ހުކުމްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހަސަން މޫސާގެ ކެނޑިޑެސީ ބާތިލްކުރީ އޭނާގެ ކެނޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހުގައި ކަމަށް ވުމާއެކު އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެނޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާއިރު، އެ މުއްދަތު ހަމަވުމަށް ފަހު މީހެއްގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.
ކެނޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާގެ ކެނޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.