ލިފްޓެއްގެ ތެރެއިން އަންހެން ކުއްޖެއްގެ ގަޔަށް އަތްފޯރުވި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި
ލިފްޓެއްގެ ތެރެއިން އަންހެން ކުއްޖެއްގެ ގަޔަށް އަތް ފޯރުވި މީހަކު 3 މަސް ދުވަހަށް ޖަލަށް ލުމަށް ދުބާއީގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ދުބާއީގެ ޚަބަރުތައް ބުނާ ގޮތުގައި ލިފްޓެއްގެ ތެރެއިން އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކޮށް ގަޔަށް އަތްފޯރުވި މީހަކީ 38 އަހަރުގެ އިންޑިއާގެ ރައްޔިތެކެވެ. އަދި އެ އަންހެން ކުއްޖާއަކީ ކޮމޮރޯސް އައިލެންޑްގެ 15 އަހަރުގެ ދަރިވަރެކެވެ.
ޚަބަރުތައް ބުނާ ގޮތުގައި ހާދިސާ ހިނގީ އަންހެން ކުއްޖާ ދިރިއުޅޭ ބިލްޑިންގުގެ ލިފްޓްގެ ތެރެއިންނެވެ. އަންހެން ކުއްޖާއާއި އޭނާގެ ދެ ދައްތައިން ލިފްޓްގައި ތިއްބާ ފިރިހެން މީހާ ، އަންހެން ކުއްޖާގެ ފުރަގަހުން ހަށިގަނޑުގައި އަތްލީ ކަމަށް އެ ކުއްޖާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހެޅީ އަންހެން ކުއްޖާގެ ބައްޕަ ކަމަށާއި ފުލުހުން ވަނީ ވަގުތުން ކުށްވެރިޔާ ހައްޔަރު ކޮށްފައެވެ.
ފިރިހެން މީހާއަށް ތިން މަހުގެ ޖަލުގެ ހުކުމް އިއްވިއިރު ކޯޓުން ވަނީ އޭނާގެ މައްޗަށް އެހެން ހުކުމެއް ވެސް އިއްވާފައެވެ. އެއީ ތިން މަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމާއެކު އެ ގައުމުން ޑީޕޯޓް ކޮށްލުމެވެ.