ހަގީގީ ހާދިސާ

ހަގީގީ ހާދިސާ: ނިޔާވި ބޮޑުބޭބެގެ މޫނު ބެލުމަށްފަހު، އަހަންނަށް އެންމެންވެސް ސިފަވީ މައްޔިތުންގެ ގޮތުގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

" 'މަރުވެދާނޭ މާދަމާ ގައިމޭ، ދޫކޮށްފަ ލޯތްބާ އުފާ' މި ޅެމުގައި ބުނާ އެބަސްކޮޅަކީ ވަރަށް ވެސް ބޮޑު ތެދެކެވެ. މަރަކީ ކޮންމެފަދަ ވަގުތެއްގައި ވެސް ތިމާއާ ބައްދަލު ކޮށްފާނެ އެއްޗެއްކަން ގައިމެވެ. ދިރުންހުރި ކޮންމެ މަޚްލޫގެއް ވެސް މިފަނާކުރުވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާނެތެވެ.

Ads by MWSC

އެފަދަ ވަގުތެއް އަހަރެންގެ ގާތް މީހަކާވެސް މިވަނީ ބައްދަލުކޮށް، އަހަރުމެންނާ އޭނާ އަލްވަދާޢު ކިޔާފައެވެ. އަހަރެންގެ ބޮޑުބޭބެ އަހަރުމެންނާއި ވަކިވެގެން އެދިޔައީ ހަމަޔަގީނުން ވެސް އެތައް ބަޔަކު ރޮއްވާލާފައެވެ. އިއްޔެ ކުއްލިއަކަށް ލިބުނު އެޚަބަރާ، ކުރެވުނު އެއިހުސާސްތަކަކީ ކިތަންމެ ބަޔަކު ކޮންމެ ެުދުވަހަކުމެ ކުރާނެ އިހްސާސެއްކަން ޔަގީނެވެ.

އިއްޔެއަކީ ހަމަ އެހެން ދުވަސްތައް ފަދައިން އަހަރެން އެކި ކަންކަމުގައި ބުރަވެގެން އުޅުނު ދުވަހެކެވެ. މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް ލިބުނު ހިތާމަވެރި ޚަބަރަކީ، ގާތުގައި ފެންނަންހުރި ހަމައެކަނި ބޮޑުބޭބެ، އަދި އަހަރުމެންނާ ކިރިޔާވެސް ބައްދަލު ކޮށްލަން އަންނަ ބޮޑުބޭބެ ނިޔާވެއްޖެ ކަމުގެ ހިތާމަވެރި ޚަބަރެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ނަމަވެސް، އަހަންނަށްވުރެ ބޮޑަށް އެކަމުގައި ހިތާމަ ކުރީ އަހަރެންގެ މަންމައެވެ. މަންމަ އެންމެ ލޯބިވާ ކޮއްކޮ މަންމައާ ވަކިވުން ވެގެން ދިޔައީ މަންމައަށް އެވަގުތު ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ ވެސް ބޮޑު ހިތާމައަކަށެވެ.

އެޚަބަރު އިވުމަށްފަހު، މަންމަ އެހެން އިނދެފައި ހޭން ފެށިއެވެ. ހަމަ އެއާއެކު ރޯންވެސް ފެށިއެވެ. އަދި ތިމަންނަ ބޭނުމީ ކާޓޫނު ބަލަންށޭ ބުނެ، ކާޓޫނު ބަލަން އިނދެފައި އަނެއްކާވެސް ރޯން ފެށިއެވެ. ނޫނެކޭ ތިމަންނައާ ދުރަކަށް ނުދާނެއޭ އަންނާނޭ ބުނެ މޮޔަ ގޮވެން ފެށިއެވެ. ކޮންމެއަކަސް މަންމަގެ ހާލަތު ދަށަށްދާން ފެށުމުން އެއްވެސް ތަނެއްގައި މަންމަ އެކަނި ނުބެހެއްޓުނެވެ.

ބޮޑުބޭބެ ސަހަރާއަށް ގެންގޮސް ހިނަވާނިމި، މޫނު ދައްކަން ފެށިއެވެ. އެތަނަށް އަހަރެން ވެސް ދިޔައީމެވެ. ދިރިހުރިއިރު އަބަދުވެސް ފުރިހަމަ ސާދާ މިޒާޖެއްގައި، އަދި ބޮޑު ފިރިހެނެއްގެ ގޮތުގައި ފެނުން ނަމަވެސް، ނިޔާވިއިރު ބޮޑުބޭބެ ސިފަވީ ވަރަށް ކުޑަ މީހެއްގެ ގޮތުގައެވެ. އަހަރެންގެ ހިތް ވެސް އެވަގުތު ހިތާމައިން ފޯވިއެވެ. ލޮލަން ޖަމާވަމުން ދިޔަ ކަރުނަތައް ވަރަށް ގަދަ ހިތްވަރާއެކު ކޯތާފަތް މައްޗަށް އޮހުރުނަ ނުދީ ހިފެހެއްޓީމެވެ.

އެންމެ ފަހުގެ ސަލާމް ކުރުމަށްފަހު، ނަމާދު ވަގުތު ގާތްވުމުން ބޮޑުބޭބެގެ ސަންދޯއް އެތަނުގެ ތެރެއަށް ވެއްދިއެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. އެންމެ ފަހުގެ އަލްވަދާޢު ކިޔުމުގެ ވަގުތު އައިސް ޖެހުނީކަން ވެސް އެނގެން ފެށިއެވެ. އޭގެ ތެރެއަށް ބޮޑުބޭބެގެ ހަށިގަނޑު ނުލުމަށް ބުނަން އަހަރެން ވެސް ބޭނުންވިއެވެ. ނަމަވެސް އެއީ ބުނެގެންވާނެ އެއްޗެއް ނޫން ކަމަށާއި، އެނޫން ގޮތެއް ވެސް ނެތްކަން އަހަންނަށް ވިސްނެމުން ދިޔައެވެ. އެހެންކަމުން އަހަރެން ކެތްކުރީމެވެ.

މޫނު އެޅުމުގެ ވަގުތު ޖެހުނީއެވެ. އެކަމާ ހަވާލުވެ ހުރި މީހާ ބޮޑުބޭބެގެ ބޮލައިވީ ކޮޅުގައި ހުއްޓުނެވެ. އަދި ޢާއިލާ މީހުން މައްޔިތާގެ ގާތަށް އައުމަށް ބުންޏެވެ. ފިރިހެނުން ބޭތިއްބީ ވާތް ފަރާތުގައެވެ. އަދި އަންހެނުން ކަނާތް ފަރާތުގައެވެ. އެއީ އަންހެނުންނާ ފިރިހެނުން މަސްހުނި ނުކުރުމަށް ކަމަށް އަހަންނަށް ޤަބޫލު ކުރެވުނެވެ.

އެވަގުތު އަހަންނަށް ކުރެވެމުން ދިޔައީ ވަރަށް އެހެންކަހަލަ އިހުސާސްތަކެކެވެ. އަހަންނަށް ލިބިފައިވި މަދު ޢިލްމަކުންނާއި، އަހަރެން ވެސް ކިޔަވާ އަޑުއެހި ދީނީ ދަރުސްތަކަކުން، ދެން އޮތީ ކޮން ކަންތައްތަކެއްކަން އަހަންނަށް ވިސްނި، އެ ޚިޔާލުތައް އަހަރެންގެ ހިތާއި ސިކުނޑިއަށް ވަންނަމުން ދިޔައެވެ.

ބޮޑުބޭބެގެ ދެ ދަރިން އަތަށް ހުދު ކަފަގަނޑެއް އެމީހާ ދިނެވެ. އެއީ އެކުދިންގެ ބައްޕަގެ މޫނުމަތީގައި ބޭއްވުމަށެވެ. އަދި އެއަށްފަހު ބޮޑުބޭބެގެ ބޯ ކުޑަކޮށް ހިއްލާލާފައި، ބޯ ދަށުގައި އޮތް ހުދު ކަފުން މޫނުމަތީގައި އަޅާފައި އެއްކޮށް ނިވާކޮށްލާ ކުޑަކޮށް ބަނދެލިއެވެ. އެހިސާބުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ގަތް ބިރަކުންނާއި ވީ ދެރައިން ލޮލުން ކަރުނަތައް ހިފެހެއްޓުމެއް ނެތި ފޭބުމުގެ އިތުރުން ބޮލަށް އެނބުރުން ވެސް އެރިއެވެ. އަދި އަހަރެންގެ ދައްތަގެ މަދަދަށް އެދި، އޭނާގެ އެހީއާއެކު އެތަނުން އަވަހަށް ނުކުތީމެވެ. އާއިލާގެ ފިރިހެންވެރިން ވެގެން ބޮޑުބޭބެގެ ފުރާނަ ނެތް މަސްގަނޑު އެ ސަންދޯކުގެ ތެރެއަށް މަޑުމަޑުންލީ މަންޒަރު ދުރުގައި ހުރެ އަހަރެން ބެލީމެވެ.

އާނއެކެވެ. ބޮޑުބޭބެ ނިޔާވުމުން އެ ހިތާމަ އަހަރެންގެ ހިތުގައި އަބަދުވެސް ހުންނާނެވެ. އޭނާ މަތިން ހަނދާންވެސް ވާނެއެވެ. ނަމަވެސް، އެވަގުތު އަހަރެންގެ ހިތަށް އޭގެ އިތުރުން އަރަމުން ދިޔައީ، ބޮޑުބޭބެއަށް ދެން ކުރިމަތިވާން އުޅޭ ކަންތައްތަކާމެދުގައެވެ. ކަށުނަމާދަށްފަހު ވަޅުލާން ގެންދާނެކަން އަހަންނަށް އެނގެއެވެ. ވަޅުލުމަށްފަހު، އެންމެން ދިޔުމުން ދެން ފެށޭނީ، ނިޔާވެގެން ދާނެ އެއްވެސް މީހަކުން ސަލާމަތް ވެގެން ނުދެވޭނެ ކަމެކެވެ. ކަށްވަޅުގެ ސުވާލު ތަކެވެ. ހަށިގަނޑު ފިއްތާލެވޭނެ ހާލަތެވެ. ނޫނީ ކަށްވަޅު ތަނަވަސްވެ ، ސުވަރުގޭގެ ބަގީޗާއަކަށް ވެގެން ދާނެ ހިނދެވެ.

މީގެ ކޮންމެ ވެސް އެއް ކަމަކާ ކޮންމެ މީހަކަށް ވެސް ކުރިމަތިލާން ޖެހޭނެކަން އަހަރެން ހަނދާންވުމުން ހިތްބިރު ގަނެ ދެރަވާން ފެށުނެވެ. އެއީ ތިމާއާ ސުވާލު ކުރެވެން ފެށޭ ވަގުތެވެ. މާތް ﷲ އާއި، އެކަލާނގެ ރަސޫލާ (ޞޢޥ) އާއި އިސްލާމްދީނާ ބެހޭގޮތުން ސުވާލު ކުރެވޭނެ ވަގުތެވެ. މިބިމުގައި އީމާންތެރި، ތަޤްވާވެރި އަޅެއްނަމަ، އެމީހަކަށް އެސުވާލުތަކުގެ ޖަވާބު އެނގޭނެއެވެ. ނަމަވެސް އީމާންތެރިއެއް ނޫންނަމަ، އަދި ދީނާ ދުރު އަޅެއްނަމަ، ބުނަން ޖެހޭނީ ނޭނގޭ ކަމަށެވެ.

ބޮޑުބޭބެގެ މޫނުބަލާ ނިމިގެން ގެއަށް އައުމަށްފަހު ވެސް އަހަންނަށް ހުރެވުނީ އެޝޮކުގައެވެ. ހިތްހަމަ ޖައްސާލަން ބޭރަށް ނުކުމެލި ކަމުގައިވިޔަސް، މީހުން ވެސް ސިފަވާން ފެށީ މައްޔިތުންގެ ގޮތުގައެވެ. ސަބަބަކީ، ކޮންމެ މީހެއްގެ ވެސް އަޖަލު ހަމަވުމުން މިދުނިޔެއާ ވަކިވެގެން ދާނެކަން އަހަންނަށް ހަނދާންވުމެވެ.

އެ ޚިޔާލުތަކުން ދުރުވެވޭތޯ، މަގުމަތިން ހިނގާފައި ދަމުން ލަވައެއް ވެސް ޖެހީމެވެ. ނަމަވެސް، އޭގެ ސަބަބުން ގަންނަން ފެށި ބިރުވީ އިތުރެވެ. އަހަންނަށް މިކުރެވެނީ ނުބައި ކަމެކޭ، މިޔުޒިކް އަޑު އަހާކަށް ނުވާނޭ، އެއަޑު އަހަނިކޮށް އަހަރެން މަރުވެއްޖެނަމަ ދެން ވާނީ ކިހިނެއްބާއޭ ހިތަށް އަރާ، އަނެއްކާވެސް ބިރު ގަންނަން ފެށިއެވެ.

އަހަންނަށް ވާން ފެށި ގޮތްތަކުން މިންޖުވެވޭނީ މާތް ﷲ އަށް އަޅުކަން ކުރުމުންކަން ދެން އަހަންނަށް ވިސްނުނެވެ. މުސީބާތްތަކާއި ހިތާމައިން ސަލާމަތް ކުރައްވާނެ ފަރާތަކީ އެކަލާނގެއެވެ. އެހެންކަމުން އަހަރެން ބޭރުގައި އިނދެފައި ފޯނުން ޤުރުއާން ކިޔަވަން ފެށީމެވެ. މަޑުމަޑުން އަހަރެން ހިތްހަމަ ޖެހެން ފެށިއެވެ. ވަކި ހިސާބަކަށް ކިޔެވުމަށްފަހު، ދެން ތަރުޖަމާއާއެކު ކިޔަން ފެށީމެވެ. ކިޔެވޭ އެއްޗެއްގެ މާނަ އެނގެން ފެށުމުން އިތުރަށް ހިތްހަމަ ޖެހުން ލިބުނެވެ.

އަހަންނަށް ވިސްނުނެވެ. މަރަކީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެކެވެ. މަސައްކަތް ކުރަންވީ، އެދުވަހަކަށް އަބަދުވެސް ތައްޔާރުވެ ތިބުމަށެވެ. މާތް ރަސްކަލާނގެއަށް އަޅުކަން ކޮށް، ޙަރާމް ކަންތައް ކުރުމުން ދުރުހެލިވެ، ހެޔޮ ޢަމަލު ގިނަ ކުރުމުން، މަރާމެދު ގަންނަންވީ އެއްވެސް ބިރެއް ނެތެވެ. މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. އެންމެ ބޮޑަށް ވިސްނާ، ތައްޔާރުވާންވީ ދާއިމަށް އުފަލާ ހިތްހަމަ ޖެހުން ހޯދުމަށެވެ. ސުވަރުގޭގެ ނަސީބު ހޯދުމަށެވެ.

މާތް ﷲ އަޅަމެންގެ ކުދި ބޮޑު އެންމެހާ ފާފަތައް ފުއްސަވާ ދެއްވާ، އަޅަމެންނަށް ދެ ދުނިޔޭގައި ވެސް ހެޔޮކަން، އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވާނދޭވެ. އަދި ކަށްވަޅުގެ އަޒާބާއި ނަރަކައިގެ އަޒާބުން އަޅަމެން ސަލާމަތް ކުރައްވާ، އަޅަމެންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާންދޭވެ. އާމީން

މާތް ﷲ އަޅުގަނޑުގެ ބޮޑުބޭބެގެ ފުރާނައަށް ވެސް ހެޔޮ ރަޙްމަތްލައްވާ، ބޮޑުބޭބެގެ ފާފަ ފުއްސަވާދެއްވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!