މާޗު މަސް ނިމުމުގެ ކުރިން ހިޔާ ފްލެޓުތައް ހަވާލުކުރަނީ
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކަށް އަންނަ މާޗު މަސް ނިމުމުގެ ކުރިން ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަަސްލަމް ވިދާޅުވީ ފްލެޓު ލިބޭ ފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ ކުރިން ހައުސިން މިނިސްޓްރީން ނިންމަން ޖެހޭ ކަންތައް ކުރަމުންދާ ކަމަށާއި އެގޮތުން އެގްރިމެންޓު ހެދުމުގެ ކުރިން ބަލަންޖެހޭ ކަންތައް މިހާރު ބަލަމުންގެންދާ ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ފްލެޓްތައް ހަވާލުކުރި ނަމަވެސް ތިން މަހަށް އަގު ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށާއި އަގު ނުނަގައި އެތަނަށް މީހުންނަށް ވަދެވޭ ގޮތަށް ހަދާފައި ވަނީ އެތަނަށް ވަންނަ މީހުންނަށް އެތަނުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ކަމަށެވެ.
"އެހެން ނަމަވެސް އެތަނަކަށް ނުއެއް ވަދެވޭނެކަން އެނގޭ ހަވާލު ކުރިޔަސް. ހަމަ އެއާއެކީ އަޅުގަނޑު ދޭނަން އިތުރު ތިން މަސް މިކަމަށް އެއީ އަގު ނުނަގާ ވަނުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި. އެ ފްލެޓްތަކަކީ ފިނިޝަން މަސައްކަތްތަކުގެ ބައެއް މަސައްކަތްތައް ނުކޮށް ހުރި ތަނެއް. ފްލެޓްތަކުގައި އެތެރޭގައި ޓައިލްސް ޖަހާފައެއް ނެތް. އެތެރޭގެ ފާހާނާގަޔާ އެތެރޭގައި ދޮރެއް ނެތް" އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓަށް މީހުން ވަންނަ އިރު ފެނާއިި ކަރަންޓުގެ ހިދުމަތް ދޭނެ ކަމަށެވެ.