ޚަބަރު

ސަރުކާރުގައި އޮތް ހިނދަކު އެމްޑީޕީން މިވަނީ ރައްޔިތުންނަށް ބޯހިޔާވަހި ކަމަށް ދަރާފައި:ރައީސް ނަޝީދު

މުޙައްމަދު އަރީޙް ، ދެން އޮންލައިން
ރައްވެހިފަތިސް ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/އެމްޑީޕީ

އެމްޑީޕީގެ ސަރުކާރެއް ރާއްޖޭގައި ހިނގާހާ ދުވަހަކު، އެމްޑީޕީން ވަނީ ރައްޔިތުންނަށް ބޯހިޔާވަހި ކަމަށް ދަރާފައި ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން ޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީން ސަރުކާރުގައި ދެމިތިބޭނަމަ، ސިޔާސީ މަސައްކަތުގައި ދެމި ތިބޭނަމަ އެއީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ދަރާފައިވާ ވަރަށް ބޮޑު ބޮޑު ދަރަންޏެއް ކަމަށް ވިދާޅުވިއެވެ. އަދި ޚާއްސަކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން ޖެހޭ ކަމަށާއި އެކަން ޤަބޫލު ކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ އެންމެ ފަހުން ބޭއްވި އިންތިޚާބުގައިވެސް އެމްޑީޕީން މާލޭ ރައްޔިތުންނަށް ގޯތި ދޭނަމޭ ބުނި ކަމަށާއި އެ މީހުން މިއަދު، ގޯތި އަދި ފްލެޓް ކޮބައިތޯ އަހާ ކަމަށެވެ. އަދި ރާއްޖޭގައި ބޯހިޔާވަހި ކަމުގެ މަޝްރޫޢު ހިންގާފައި ވަނީ އެމްޑީޕީން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް އިންތިޒާމް ވެގެން، ބޯހިޔާވަހި ކަމެއް މިހާތަނަށް ލިބިފައިވާނީ، މިއަދުވެސް ތީގެން އެއްވެސް ބޭފުޅެއް ވަދެވަޑައިގެން ތި ތިބެއްވެނީ ދިވެހި ރައްޔިތުންގެ ޑިމަކްރެޓިކް ޕާޓީގެ ނިޒާމުން، އިންތިޒާމުން، ކޮންޓްރެކްޓުން އަޅާފައިވާ ހުރި ފްލެޓް"

އެމްޑީޕީން ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ނުދީ ދިގު ދަންމާތީ، ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓް ނާޅާ ކަމަށާއި ، ކުރީ އެމްޑީޕީގެ ސަރުކާރުގައި އެޅި ފްލެޓްތަކަށް މީހުން ވެއްދުމުގެ މަސައްކަތް ކަމަށެވެ.

ރައީސް ޔާމީންގެ މުޅި ސަރުކާރުގައި 5 އަހަރު ހޭދަ ކުރީ ފްލެޓް އެޅުމުގައި އެއްނޫން، އަޅުގަނޑުމެން އުފެއްދި ކޮންޓްރެކްޓްތަކުގެ ފްލެޓްތައް ނިންމާ އެތަންތަނަށް މީހުން ވެއްދުމުގައި. އިރާދަ ކުރެއްވިއްޔާ އެމްޑީޕީން ތިބޭފުޅުންގެ އުންމީދުތައް ބޮލާލާ ޖަހައެއް ނުލާނެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް، މިހާތަނަށް ހިންގި އެންމެ ބޮޑު ބޯ ހިޔާވަހި ކަމުގެ މަޝްރޫއު ކަމުގައިވާ ހިޔާ މަޝްރޫޢުގެ ދަށުން މުޅިން އަލަށް 7،000 ފްލެޓް އަޅަން ނިންމާ މަސައްކަތުގެ ބޮޑު ބައެއް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައެވެ. އަދި ސަރުކާރު ބަދަލުވިއިރު، ފްލެޓްތައް ފިނިޝިންގ މަސައްކަތާ ހަމައިގައި އޮތްއިރު، މިހާތަނަށް އައިއިރުވެސް ފްލެޓް އޭގެ ހައްޤުވެރިންނަށް ފްލެޓް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އަދި ރައީސް ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަމަށް ޚާއްޞަ ކުރި ގުޅީފަޅުގައި މި ސަރުކާރުން ވަނީ ޕޯޓް އަޅަން ނިންމާފައެވެ. ކުރިން ޕޯޓް އަޅަން ނިންމީ ތިލަފުށީގައެވެ.

މިރޭގެ ޖަލްސާގައި ނަޝީދު ވަނީ ލާމަރުކަޒީ ނިޒާމެއްގައި ކައުންސިލްތަކަށް ވެސް ފްލެޓް އެޅޭނެ ކަމަށާއި ފްލެޓް ނާޅާ ކައުންސިލަށް ދެއްކޭނެ ހުއްޖަތެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓުން ބޮޑުވީ، "ފްލެޓް ދޮންބެ" އާއެކުގައި ކަމަށާއި އެފަރާތްތަކުން ފްލެޓް އަޅާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ޤާނޫން ޖާގަ އެބަދޭ، ފްލެޓް އެޅުމުގެ ބާރު ކައުންސިލަށް، ބިމުގެ މިލްކުވެރިކަން ކައުންސިލަށް. އެކައުންސިލަށް އެބިމުން ވިޔަފާރީގެ މުޢާމަލާތް ކުރެވޭ. ކައުންސިލަށް ނުދޭ އެއްވެސް ބާރެއް ނެތް. ދެއްކޭނެ އެއްވެސް ހުއްޖަތެއްވެސް ނެތް"

ފްލެޓް އަޅުއްވާ ވާހަކަތައް ރައީސް ނަޝީދު ތަކުކާރު ކުރެއްވި ނަމަވެސް، މިސަރުކާރުން، ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓްތައް ބެހުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. އަދި މިކަމަށް އެކަށޭނެ ގޮތެއްގައި ސަރުކާރުން މިހާތަނަށް ޖަވާބުދާރީވެފައެއް ނުވެއެވެ.

  1. ޖާނޭ

    ދައުލަތުން މުސާރަދޭ ކިތައް ސިޠސީ މީހުން އެބަ ތިބިތޯ؟ ނުދަރަންވީ ކޮންދާއިރާއަކުންތޯ؟

  2. ލައިލާ

    މިސަރުކާރު މިއެއޮތީ އަސްލުގަވެސް ބޯހިޔާ ކަމާ އި މުޅިގައުމު ދަރުވާލާފަ.
    މީހުންގެ ފުލެޓު ފޭރިގެންފަ
    ކަމެއް ކުރެވުނު ކަމަކައް ވީހީ އަލުން ފުލެޓު އަލާފަ ޔާމީނު ނުދީތިބި އެންމެންނައް ދިންނަމަނު
    ދަރާ ވިކި ފޭރޭ ރައްޔިތުން ބައިބައި ކުރާސަރުކާރު