ޚަބަރު

މާލެ ލޮކްޑައުން ކުރިޔަސް މާދަމާ މަގުތަކަށް ނުކުންނާނަން: ސެންބެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
"މަގޭ ފްލެޓް ކޮބާ؟"ގެ ނަމުގައި އިދިކޮޅުން ކުރަމުންދާ ސިލްސިލާ އިހްތިޖާޖު ------- ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް މާލެ ފުލް ލޮކްޑައުން އަކަށް ދިޔަ ނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާދަމާ މުޒާހަރާ ކުރާނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސެންބެ މިހެން ވިދާޅުވެފައި މިވަނީ މާލެ ފުލް ލޮކްޑައުން އަކަށް ދާނެ ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ދެއްވުމާ ގުޅިގެންނެވެ.

ސެންބެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ވިއްކާލައި ހެޔޮ ވަރަކަށް ދިރުވާލުމަށް ފަހު ސަރުކާރުން އިތުރު ބަހަނާ ދައްކާނެ ކަމެއް ނެތް ކަމަށެވެ.

އަދި މާލެ ލޮކްޑައުން ކުރި ނަމަވެސް މާދަމާ އިދިކޮޅުން ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަނީ ޓޫރިޒަމްއަށް ކަމަށްވާއިރު، ލޮކްޑައުންއަކަށް ދިޔުމުގެ ގާބިލުކަން ރާއްޖޭގައި ނެތް ކަމަށެވެ.

އަތޮޅު ތެރޭގައި އަދި ރިސޯޓުތަކުގެ ހާލަތަށްވުރެ މާލޭގެ ހާލަތު ކަންބޮޑުވާ ވަރަށް ގޯސްވެފައިވާ ކަން ފާހަގަ ކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ މާލެ އޮތީ ފުލް ލޮކްޑައުންއަކަށް ދާން ޖެހޭ ހާލަތުގައި ނަމަވެސް މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް ބޮޑަށް ލޮކްޑައުންއަކަށް ނުގޮސްވޭތޯ ކަމަށެވެ.

މިނިސްޓަރު ވަނީ އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން އުޅޭ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ނަމަވެސް އަޅާނީ ކޮން ފިޔަވަޅެއް ކަން ވިދާޅެއް ނުވެއެވެ.

Ads by HDC
  1. ހައްޕު

    ދެން ނިކުންނަވާ ތިޔައީ ރައްޔިތުންދެކެ ލޯބިފުޅުވެލައްވާ ބޭފުޅުންގެ ފަރާތުން ފެނިގެންދާ ސާފު މިސާލެއް …..