ލޮކްޑައުނަކަށް ދާން ބޭނުން ނުވާނަމަ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހޭ: ފައްޔާޒް

ފުރަބަންދުގެ ހާލަތަކަށް ދާން ބޭނުން ނުވާނަމަ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހޭ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް ފައްޔާޒް ޢިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީ އިން އެކި ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް މިވަގުތަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީއިން މި މަސައްކަތްތައް ހުއްޓާލި ކަމުގައި ވިޔަސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ފުލުހުން ގުޅިގެން އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ ކަމުގައި ވެސް ފައްޔާޒް ވިދާޅުވިއެވެ.
އެ މިނިސްޓްރީން ކުރި އިންސްޕެކްޝަންތަކުން، ގިނަ ތަންތަނުން އުސޫލުތަކާ އެއްގޮތަށް އަމަލު ކުރާކަން ފާހަގަ ކުރެވިފައިވާ ކަން ވެސް މިނިސްޓަރުގެ ޓްވީޓްގައި ފާހަގަ ކުރައްވާފައި ވެއެވެ.
އިންސްޕެކްޝަންތައް މިނިސްޓްރީން ހުއްޓާލިކަން އަންގާ މިނިސްޓަރު ކުރެއްވި ޓްވީޓް އަމިއްލަފުޅަށް ރިޓްވީޓް ކުރެއްވުމަށްފަހު ވިދާޅުވީ ލޮކްޑައުނަކަށް ދާން ބޭނުން ނުވާނަމަ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހޭ ކަމަށެވެ.