ކޮވިޑް-19އަށް ފަރުވާ ދެމުން ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެ

ކޮވިޑް-19އަށް ފަރުވާ ދެމުން ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 80 އަހަރުގެ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 61 ވަނަ މީހާއެވެ. އަދި މިއީ ފެބްރުވަރީ މަހު ރާއްޖެއިން މި ބަލީގައި ނިޔާވި 9 ވަނަ މީހާއެވެ.
މި ދުވަސްވަރު ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާ ވެސް މިވަނީ އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަަހަކު ވެސް ފައްސި އެތައް ކޭސްތަކެއް ފެންނަމުން ދާއިރު މި ބައްޔަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ރާއްޖެއިން ކޮވިޑް-19އަށް ފައްސިވީ މީހުންގެ އަދަދު މިހާރު ވަނީ 19،479 އަށް އަރާފައެވެ.