ލައިފްސްޓައިލް

ހިތް އެދޭހާ މީހަކު ނުލިބުމަކީ މާޔޫސްވާން ޖެހޭ ސަބަބެއް ނޫނެވެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިރިއުޅުމުގައި އެކި މީހުންނަށް ތަޖުރިބާ ކުރަން ޖެހެނީ އެކި ކަންކަމެވެ. ދިމާވަނީ އެކި ކަހަލަ ހާލަތް ތަކެވެ. އެއިން ކޮންމެ ހާލަތެއްގެ ވަހާއި، ރަހަ އަދި ކުލަ ވެސް ތަފާތެވެ. ދިރިއުޅުމުގައި ތިމާ ބޭނުންވާ ހުރިހާ އެއްޗެއް ތިމާއަށް ނުލިބިދާނެއެވެ. ތިމާ ބޭނުންވާހާ ކަމެއް ވެސް ނުވެދާނެއެވެ. އެއީ ދުނިޔަވީ ޤާނޫނެވެ. އެކަކަށް ވެސް އެމީހަކު ބޭނުންވާ ހުރިހާ ކަމެއް ދިރިއުޅުމުގައި ނުވާނެ ކަން ޔަގީނެވެ.

Ads by STELCO

ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް އެންމެ މުހިންމު އެކައްޗަކީ ލޯބި ކަމާމެދު ޝައްކެތް ނެތެވެ. ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި އެމީހަކު ހިތް ކިޔާ، ކަމުދާ މީހަކާ ދިމާވާނެއެވެ. އެމީހަކު ހޯދަން މަސައްކަތް ވެސް ކުރާނެއެވެ. އެހެން ނަމަވެސް ބައެއް ފަހަރަށް ލޯބީގައި ނާކާމިޔާބު ވެސް ވެއެވެ. އެކަމުގެ ސަބަބުން ބައެއް މީހުން ކަރުނަ އަޅައި ރޮއެ އެކަމާ މާޔޫސް ވެެގެން އުޅޭ މަންޒަރު ފެނެއެވެ.

ހަގީގަތުގައި ތިމާ ހިތް އެދޭ މީހަކު ނުލިބުމަކީ ވަރަށް ދެރަވާނެ ކަމެކެވެ. އެކަމާ މުޅި އުމުރަށް ވެސް ހިތާމަ ކުރާނެ ކަމެކެވެ. ނަމަވެސް އެކަމުގެ ސަބަބުން އެހެން މީހަކާ ލޯބީގެ ގޮތުން ނުގުޅި، ނުވަތަ މީހަކު ދެކެ ލޯބިވާން ބިރު ގަންނާކަށް ނުޖެހެއެވެ. އެންމެން އެއްގޮތް ވާނެ ކަމަށް ގަބޫލު ނުކުރާށެވެ. ތިބާ ދެކެ ވެސް ލޯބިވާނެ މީހުން ވާނެއެވެ. ތިބާއަށް އަޅާލާ ތިބާއާ އެކު މުޅި އުމުރު ހޭދަ ކުރަން ބޭނުންވާ މީހަކު ތިބާގެ އަތުގައި އަދި ހިފާނެއެެވެ.

މޫދު ކޮންމެ ގަލަކަށް މަހެއް ވެޔޭ މުސްކުޅިން ބުނެ އުޅެނީ ސަމާސާއަކަށް ނޫނެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ދުނިޔޭގައި ކަން ހިނގާ ގޮތެވެ. އެހެންކަމުން ހިތް އެދޭހާ މީހަކު ނުލިބުމަކީ މާޔޫސް ވާން ޖެހޭ ސަބަބެއް ނޫންތާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!