ޚަބަރު

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ މި މަސް ތެރޭގައި މި ބަލީގައި ރާއްޖޭގައި ނިޔާވި 10 ވަނަ މީހާއެވެ.

Ads by STELCO

އެޗްޕީއޭއިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހަކު މިއަދު ފަތިހު 05:06 ގައި، ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވި 62 ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން. އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

އިއްޔެ ވެސް ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މީހަކު ނިޔާވެފައިވެއެވެ. ނިޔާވެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 80 އަހަރުގެ މީހެކެވެ.

މި ދުވަސްވަރު ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާ ވެސް މިވަނީ އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަަހަކު ވެސް ފައްސި އެތައް ކޭސްތަކެއް ފެންނަމުން ދާއިރު މި ބައްޔަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!