ގައިދުރުކަމާ އެކީ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހެދުމަށް އަންގައިފި

ކޮވިޑް-19 ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގައިދުރުކަމާއެކީ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހެދުމަށް އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާއި، ހާލަތު އިތުރަށް ގޯސްވަމުން ދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާތީ ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަދުގެ މެންދުރު ނަމާދުން ފެށިގެން ކޮވިޑްގެ މިހާލަތުން ލުޔެއް ލިބެންދެން ގްރޭޓަރ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް، ގައި ދުރުކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެގޮތަށް ނިންމާފައި ވަނީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދު ކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތި ކަމަކަށް ވުމާއި، މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ގައި ދުރުކަމާއެކު ނަމާދުގެ ޖަމާއަތް، ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާ ދެއްވާފައިވާތީ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ހާލަތު ރަނގަޅުވާން ފެށުމާއެކު ކުރިއެކޭ އެއްގޮތަށް ޖަމާޢަތުގައި ނަމާދު ގާއިމު ކުރެވިގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.