ސިއްޙަތު

ކޮވިޑް-19 ވެކްސިނުން އުމުުރުން ދުވަސްވީ މީހުންނަށް ބަލިން ކުރާ އަސަރު 80 އިންސައްތަ ކުޑަކޮށްދޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާތަނަށް އުފައްދާފައިވާ އޮކްސްފޯޑު، އެސްޓްރަޒެނެކާ ވެކްސިން އަދި ފައިޒާ ބައޮޓެކް ވެކްސިންގެ އެންމެ ޑޯޒަކުން، 80 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ޖެހުމުން ކުރާ އަސަރު ކުޑަކޮށްދޭ ކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާއެއްގައި ދައްކައިފިއެވެ.

Ads by STELCO

އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތް ޑޭޓާ އާ ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ވެކްސިންގެ އަސަރު، ވެކްސިން ޖަހާތާ ދެ ހަފްތާ ނުވަތަ ތިން ހަފްތާގެ ތެރޭގައި ކުރަން ފަށައެވެ.

އެގޮތުން 80 އަހަރުން މަތީގެ މީހުން ހިމަނައިގެން ކުރި މި ދިރާސާގައި، ބަލީގެ ރިސްކު 80 އިންސައްތަ ކުޑަކޮށްދިން ކަމަށް ވަނީ ބުނެފައެވެ. އުމުރުން ދުވަސްވީ މީހުންނަކީ ބަލީގެ ހައި ރިސްކު މީހުންނެވެ.

މި ދިރާސާއާއެކު އެ ގައުމުގެ ގިނަ ސައިންޓިސްޓުން ނަތީޖާއަށް ތައުރީފްކޮށް ވާހަކަ ދައްކާފައިވާއިރު، އެންމެ ފުރިހަމަ ރައްކާތެރިކަމަށް ވެކްސިން ދެ ޑޯޒު ބޭނުންވާ ކަން ވަނީ ފާހަގަ ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވަނީ ދާދި ފަހުން ވެކްސިންގެ ނަތީޖާ ވަރަށް ވަރުގަދަ ކަމަށް ބުނެފައެވެ. އޭނާ ބުނީ ކޮވިޑް-19 އަށް ފަރުވާދޭ އައިސީޔޫތަކުގައި، 80 އަހަރުން ދަށުގެ މީހުންގެ އަދަދު ނިސްބަތުން މަދުވުމަކީ މީގެ އެއް ހެކި ކަމަށެވެ.

އިނގިރޭސިވިލާތުގެ ދިރާސާއަކުން މިގޮތަށް ދެއްކި ނަމަވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް އޮކްސްފޯޑު، އެސްޓްރަޒެނެކާ ވެކްސިން ނުދޭން އޮތީ ނިންމާފައެވެ. ނަމަވެސް ޑަބްލިޔުއެޗްއޯއިން ވަނީ ޢުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެސް މިވެކްސިން ޖެހިދާނެ ކަމަށާއި 65 އަހަރުންމަތީގެ މީހުންނަށް ވެކްސިން ދިނުމުގައި މައްސަލައެއް އޮތްކަމަކަށް ނުފެންނަ ކަމަށް ބުނެފައެވެ.

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިވެކްސިން މިހާރު ވެސް އަންނަނީ ޖަހަމުންނެނެވެ. ޑަބްލިއުއެޗްއޯއިން، ޖެހުމުގެ ލަފާދިން ވެކްސިންގެ ތެރޭގައި ރާއްޖޭގައި މިހާރު ޖަހަމުންދާ ކޮވިޝީލްޑް ވެކްސިން ހިމެނެއެވެ. ކޮވިޝީލްޑްއަކީ ވެސް އޮކްސްފޯޑް، އެސްޓްރާޒެނެކާ ވެކްސިނެކެވެ. މިވެކްސިން އުފައްދާފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކުންފުނި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ. މިއީ ވެސް އެސްޓްރަޒެނެކާ ވެކްސިނެއް ނަމަވެސް މިވެކްސިނަށް ކުރުކޮށް ކިޔައި އުޅެނީ ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު މިމަހުގެ ފުރަތަމަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!