ޚަބަރު

އެއްފަހަރާ އެތައް ބަޔަކު މަރުވެ، ހާލަތު އިތުރަށް ގޯސްނުވެ މިއޮތީ ކިރިޔާ: ޑރ. ނަޒްލާ

މަރްޔަމް ވަޙީދާ

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގައި ރާއްޖެއިން ގިނަބަޔަކު އެއްފަހަރާ މަރުވެ ބަލީގެ ނުރައްކާ އެންމެ މަތީ ދަރަޖައަށް ނުގޮސް ހިފަހައްޓާލެވިފައި އޮތީ ހަމަ ކިރިޔާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ހިފަހައްޓާލެވުނީ ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ހިސާބެއްގައި ކަމަށެވެ. އެހެން ނަމަވެސް މިކަމުގެ ސީރިއަސްކަން އަދި ނުރައްކާ އޮތް މިންވަރާމެދު ބައެއް މީހުން ނުވިސްނާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މިކަމުގައިހުރި ބިރުވެރިކަން ބައެއް ފަރާތްތަކަށް ވަޒަން ނުކުރެވެނީ ރާއްޖެއިން އެއްފަހަރާ އެތައް ބަޔަކު މަރުވެގެންދާ މަންޒަރު ނުފެންނާތީކަމަށް ބެލެވޭ ކަމަށާއި އެތައް ބަޔަކަށް ކުއްލި ފަރުވާ ދޭން ޖެހޭ ޙާލަތަކަށް ގޮސް އެފަރުވާ އެންމެނަށް ދެވޭނެ އެނދާއި ވަޞީލަތް ނެތިގެން އެތައްބަޔަކަށް ފަރުވާ ނުދެވި ދޫކޮށްލަންޖެހޭ ފަދަ މަންޒަރު ރާއްޖެއިން ނުފެންނާތީ ކަމަށް ވެދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!