ޚަބަރު

ފަސް މީހުންނަށް ވުރެ ގިނައިން މަގުމަތީ އެއްވެ އުޅުން މަނާކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

މާލޭގެ މަގުމަތީގައި 5 މީހުނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާ ކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަރުކު ސޮއިކުރައްވާ ނެރުއްވި އެންގެވުމެއްގައި ވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން އެކަމަނާ އަށް ލިބިދީފައިވާ ބާރުގެ ދަށުން މާލެ ސަރަހައްދު [މާލެ، ހުޅުމާޅެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލެ] ގައި އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ. މި ފިޔަަވަޅު އަޅާފައި ވަނީ އެއް ހަފްތާގެ މުއްދަތަށެވެ.

ކޮވިޑް-19 ކޭސްތައް މާލޭގައި އިތުރުވުމާއެކު، މީގެ ކުރިން އެޗްޕީއޭއިން އަންގާފައި އޮތީ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ ނޫޅެވޭ ގޮތަށެވެ.

މީގެ އިތުރުން ވެސް އެޗްޕީއޭއިން ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތައް ހަރުކަށިކޮށް، އިތުރު ބައެއް ފިޔަވަޅުތައް އަޅާފައެވެ.

އިތުރު ފިޔަވަޅުތައް:

  • ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުން
  • ދުވުމަށް ހާއްސަ ކޮށްފައިވާ ޓްރެކުތައް ބަންދުކުރުން
  • ޕާކުތަކާއި މައިޒާންތައް ބަންދުކުރުން
  • ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓައިލުން
  • އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުން

އޭގެ އިތުރުން އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ވެސް ބައެއް ކަހަަލަ ފިޔަވަޅުތައް ދަމަހައްޓަން ވަނީ ނިންމައިފައެވެ.

  • ޖިމްތަކުގައި، ހަމައެކަނި، އެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުން
  • ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮތުން
  • ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓައިލުން
  • ޑޭ ކެއާގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ދިނުން ހުއްޓައިލުން

 

 

Ads by Ooredoo
  1. ޖާނޭ

    ރާްއްޖޭގައި އުޅެނީ ސަރުކާރުގެ ބަސްވަރަށް ބޮޑަށް ް ޤަބޫލުކުރާ ކޮވިޑެއް. މިހާރު ކޮވިޑް ނޫން ބައްޔެއް،ނެތް. މުޒާހަރާ ކުރާތީވެ، ބިރު ގަންނަނީ.