ޚަބަރު

ކެފޭ، ރެސްޓޯރަންޓުފަދަ ތަންތަން ރޭގަނޑު 8 ޖަހާއިރު ބަންދުކުރަން އެންގި މުއްދަތު އިތުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލެ ސަރަޙައްދު (މާލެ/ވިލިމާލެ/ހުޅުމާލޭ) ގައި ހިންގާ ކެފޭ، ރެސްޓޯރަންޓް، ސައި ހޮޓާފަދަ ތަންތަން ރޭގަނޑު 8:00 ގައި ބަންދުކުރަން އެންގި އެންގުމުގެ މުއްދަތު ހަތް ދުވަހަށް އިތުރު ކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އެންގި އެންގުމެއްގައި ބުނެފައި ވަނީ މާލެ ސަރަޙައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ދޭ ޚިދުމަތަށް ބަދަލު ގެނައުމަށް އެންގި އެންގުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން 25 ފެބްރުއަރީ 2021 ވީ ބުރާސްފަތި ދުވަހު އަންގާފައިވާ އެންގުމުގެ މުއްދަތު، 6 މާރިޗު 2021 ވާ ހޮނިހިރު ދުވަހުން ފެށިގެން އިތުރު 7 ދުވަހުގެ މުއްދަތަކަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

ރާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އަޅާފައެވެ.

އެގޮތުން ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 8:00 ގައި ބަންދުކުރުމަށް އަންގާފައިވާއިރު، އެތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 10:30 ވަންދެނެވެ.

މީގެއިތުރުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އާއި ހަމައަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް މަނާ ކޮށްފައި ވާއިރު، ރޭގަނޑު 11:00 އިން އަނެއް ދުވަހުގެ ފަތިހު 4:30 އާ ހަމައަށް މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ވެސް ވަނީ މަނާ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!