މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން ހަޅުތާލަށް، އޮޕަރޭޝަން ކުރިއަށް އެބަދޭ!

މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން މަސައްކަތަށް ނުކުތުން ހުއްޓާލާ ހަޅުތާލު ކުރަން ފަށައިފިއެވެ.
ސީޕްލޭން ޕައިލެޓުން މަސައްކަތް ހުއްޓާލައިފައި ވަނީ އެތަނުގެ ޗީޕް ޕައިލެޓް ކެޕްޓަން މަންސޫރު ކުއްލިގޮތަކަށް ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންގެ މަގާމުން ވަކި ކުރުމާ ގުޅިގެން ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.
މިކަމާ ގުޅިގެން "ދެން"އާ ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އަދި ޗީޕް ޕައިލޮޓް ހުންނެވި މަގާމުން ވަކި ކުރުމަކީ އޭނާ ވަޒީފާއިން ވަކި ކުރުން ނޫން ކަމަށާއި އަދިވެސް އޭނާ އަކީ މޯލްޑިވިއަންގެ ޕައިލެޓެއް ކަމުގައި މޫސަ ފާހަގަ ކުރިއެވެ.
އިތުރަށް "ދެން"އާ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ހަޅުތާލު ކުރަމުން ދަނީ ހުރިހާ ޕައިލެޓުން ނޫން ކަމަށާއި އެ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ބައެއް މުވައްޒަފުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް ހުއްޓުމެއް ނާންނަ ކަމަށާއި ފަސިންޖަރުން އެފަރާތްތަކުގެ މަންޒިލަށް ބަރާބަރަށް ގެންދެވެމުން ދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"މިއަދު ވެސް އަދި މާދަމާ ވެސް އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ކުރިއަށް ދާނެ."
މޫސާ ވަސީމް
ޕައިލެޓުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން މޯލްޑިވިއަނުން ވަކި ގޮތެއް ނިންމާފައިވާ ކަމަކަށް އަދި މައުލޫމާތު ލިބިފައެއް ނުވެއެވެ.