ރައީސް ޞާލިހަށް ތާއީދު ނެތްކަން މިއަދު ހާމަވާނެ: އަދުރޭ
ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ނެތް ކަން މިއަދު ހާމަވެގެން ހިނގައްޖެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު މުޒާހަރާ ފެށުމުގެ 2 ގަޑިއިރު ކުރިން ފުލުހުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސްކައިރިއަށް އާންމު އެއްވެސް މީހަކަށް އެއް ނުވެވޭނެހެން މަގުތައް ބަންދުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އަދުރޭ ވިދާޅުވީ ރައީސް ޞާލިހު ވެރިކަމުގައި ހުންނެވި ދައުރު ނިމެންދެން ވެސް ރާއްޖެ ކުއްލި ހާލަތުގައި ބާއްވައި ރައްޔިތުންނަށް މަގުތަކަށް ނުނިކުމެވޭނެހެން ގޭބަންދުގައި ބޭތިއްބުމަށް ރައީސް ޞާލިހަށް ދަންނަވާ ކަމަށެވެ. އަދި ރައީސް ޞާލިހަށް ވެރިކަން ކުރެވެން އޮތީ އެގޮތަށް ކަމުގައި ވެސް އަދުރޭ ވިދާޅުވިއެވެ.
"ރައްޔިތުންގެ ތާއީދެއް ނެތްކަން މިއަދު މަނިކުފާނަށް ޔަގީންވާނެ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ކުރެއްވި ޓްވީޓެއްގައި ބުނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކުރަމުން އަންނަ މަސައްކަތްތައް ނިންމާނީ ދިވެހިންނަށް ދިވެހީންގެ ގައުމު އަނބުރާ ހޯދައިދީފައި ކަމަށެވެ.
"ޢަދުލު އިންޞާފު ކަށަވަރުކޮށްދީފަ.ރައީސް ޔާމީން މިނިވަންކޮށް އަނބުރާ ވެރިކަމަށް ގެނެސްފަ.ހައްޔަރު ކުރާނެ ވަރަކަށް ކުރަންވީ.ފަހަތަށް ޖެހުމެއް ނެތް." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ދާނީ ފަހަތަށް ނުޖެހި ގައުމައިގެން ކުރިއަށް ކަމަށެވެ.