ގިނަ މީހުން ހައްޔަރުކުރި ވަރަކަށް ލިބެނީ ހިތްވަރު: އަދުރޭ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި ގިނަ މީހުން ހައްޔަރުކުރި ވަރަކަށް ލިބެނީ ހިތްވަރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި ވަނީ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަަދައްކަމުންނެވެ. އަދުރޭ ވިދާޅުވީ މި މަސައްކަތް ހުއްޓުވަން އުޅުނަސް އެކަމެއް ނުކުރެވޭނެ ކަމަށާއި ގިނަ މީހުން ހައްޔަރުކުރި ވަރަކަށް ލިބޭ ހިތްވަރު ދަނީ ވަރުގަދަ ވަމުން ކަމަށެވެ.
“ހައްޔަރުކުރާ މީހުން އެތަނުން މިނިވަންވާއިރު މާ ހިތްވަރުގަދަ. އެއްގޮތަކަށް ވެސް ހައްޔަރު ކޮށްގެން މިކަމެއް ނުހުއްޓުވޭނެ،" އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމް އޮފީހަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވީ ބަޔަކު ތަނެއްގައި މުޒާހަރާ ކުރިޔަސް، ޕީޕީއެމް، ޕީއެންސީ އޮފީސް ބަންދުކުރާކަށް ނުޖެހޭނެ ކަމަށެވެ. އަދި އިދިކޮޅަށް ނޭވާލާނެ ފުރުސަތު ނުދިނުމުގެ ގޮތުން އެކި ގޮތްގޮތުން އަމަލުކޮށް އެންގުންތައް އަންގަމުން އަންނަކަން އަދުރޭ ފާހަގަ ކުރެއްވިއެވެ.
އަދުރޭ ވިދާޅުވީ އެޗްޕީއޭ އިން އަމަލު ކުރަމުން އަންނަ ގޮތުން މިހާރު އެތަނަކީ މިނިވަންކަމާއެކު މަސައްކަތްކުރާ ތަނެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.