އައްޑޫއަށް އަސްތައް ގެންގޮސްފި

އައްޑޫސިޓީއަށް ގެންދަން ނިންމާފައިވާ އަސްތައް މިރޭ އެ ސިޓީއަށް ގެންގޮސްފިއެވެ.
އެސްޓީއޯގެ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އަސްތައް ރައްކާތެރިކަމާއެކު އައްޑޫއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމްއެސްއެސް އިން ވަނީ މި އަސްތައް ގެނެސްފައި ވާ އެމްވީބޮންތި2 ގެ ހުރިހާ ކްރޫއިންނަށް ޝުކުރު އަދާ ކޮށްފައެވެ.
އަސްތައް އައްޑޫއަށް ގެންދިޔަޔަސް ނިންމަން ޖެހޭ ބައެއް ފޯމަލް ނިންމުންތަކެއް އެބަހުރިކަމަށް ސްޓެލިއަންސްގެ ފަރާތުން ވާހަކަދެއްކި އަގްލީލް "ދެން" އަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ. އަދި އާންމުންނަށް އަސް ދުއްވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށާއި އެހެންނަމަވެސް އެފުރުސަތު ލިބިގެން ދިއުމަށް އަދި ވަގުތު ނަގާނެ ކަމަށް އަގްލީމް ފާހަގަ ކުރެއްވިއެވެ.