ކޮވިޑް-19: ރާއްޖެއިން އިތުރު 124 މީހުން ފައްސިވެއްޖެ
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 124 މީހުން ފައްސިވެ 161 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 100 މީހުންނާއި، އަތޮޅުތެރެއިން 13 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 11 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 21،268 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 18،695 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާވެެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 157 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 565،574 ސާމްޕަލް ނަގައިފައި ވެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމަށްފަހު، މިއަދު މިވަނީ އަދަދު ތަންކޮޅެއް ދަށަށް ގޮސްފައެވެ.
އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް މަޖުބޫރު ކޮށްފައިވާއިރު، ފަސް މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވެސް ވަނީ މަނާ ކޮށްފައެވެ.