ދީން

ރަސޫލާ ސުވަރުގެ ވަޑައިގެންނެވުމުގެ ދާންކޮޅުގައި އޮންނަވާ އެންމެ ފަހުން ވަސިއްޔަތް ކުރެއްވީ ނަމާދަށް ރައްކާތެރިިވުމަށް: ޚުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނަމާދަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އީމާންކަމުގައި ނަމާދުގެ މަޤާމަކީ، ހަށިގަނޑުގައި ބޮލުގެ މަޤާމެވެ. ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވަނީ، ނަމާދަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައެވެ. ނަމާދު ކުރުމަށް އަންގަވައި، ނަމާދު ނުކުރާ މީހުންނަށް ވަރަށް ވަރުގަދަ އިންޒާރުން އިންޒާރު ދެއްވާފައިވެއެވެ. ފަހެ، ނަމާދަކީ، ދީނުގެ ތަނބެވެ. ދީނުގައި އޭގެ މިސާލަކީ، ފޭލިގެއެއްގެ މެދުގައި ޖަހާފައި ހުންނަ ދަނޑީގެ މިސާލެވެ. އެ ދަނޑި ވައްޓާލައިފިނަމަ، ފޭލިގެ ކޮޅަކަށް ނުހުންނާނެއެވެ. ހަމައެފަދައިން، ނަމާދާ ނުލައި މީހެއްގެ އިސްލާމްކަން ސީދާ ނުވާނެއެވެ.

Ads by Sosun Fihaara

މިއަދުގެ ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އިސްރާ އާއި މިއުރާޖުގެ ޒިކުރާ އާއި މަސްޖިދުލް އަޤްޞާގެ ދިފާއުގައި" މިއެވެ.

އިސްރާ އާއި މިއުރާޖްގެ މަތިވެރި ހާދިސާ އަކީ މާތްﷲ ކީރިތި ރަސޫލާއަށް ދެއްްކެވި މަތިވެރި މުއުޖިޒާތެއް ކަމަށާއި މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނެކެވެ. އެގޮތުން އިސްރާ އަކީ މައްކާގެ މަސްޖިދުލް ހަރާމުން އަލްމަސްޖިދުލް އަޤްޞާއަށް މާތް ނަބިއްޔާ ކުރެއްވި ދަތުރުފުޅު ކަމަށާއި އެ މިސްކިތުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން ނަމާދުފުޅު ކުރެއްވި ކަމަށް ހުތުބާގައި ބުނެދިނެވެ. އަދި މިއުރާޖްގެ ދަތުރުފުޅަކީ ބިމުން ފެށިގެން ގޮސް މަތިވެރި ވެގެންވާ އުޑުތަކަށް ކުރެއްވި ދަތުރުފުޅު ކަމަށާއި މި ދަތުރުފުޅު ނިމުނު ހިސާބު ދެނެވޮޑިގަންނަ ވަނީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ މާތް ﷲ ކަމަށް ހުތުބާގައި ބުނެދިނެވެ. އަދި އެއްވެސް މީހަކަށް ވާޞިލު ނުވެވޭނެ މަތިވެރި ދަރަޖަތަކަށް އެކަލޭގެފާނު މި ދަތުރުފުޅުގައި ވާޞިލުވެ ވަޑައިގެން ކަމަށް ވެސް ހުތުބާގައި ފާހަގަކުރިއެވެ.

މީގެ އިތުރުން މި މަތިވެރި ދަތުރުފުޅުގެ ތެރޭގައި މާތްﷲ މި އުއްމަތަށް ދެއްވި އަގުބޮޑު ނިއުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުން ކަމަށާއި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަޚުން ކަމުގައިވާ ނަބީބޭކަލުންގެ އަރިހުގައި އިމާމުވެ ވަޑައިގެން ޖަމާޢަތުގައި ނަމާދު ކުރެއްވުމުން، އިސްލާމްދީނުގެ މި ރުކުނުގެ މަތިވެރިކަމާއި ޤަދަރުވެރިކަން ހާމަވެގެން ދިޔަ ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

"އެހެން ފަރާތެއް މެދުވެރި ނުކުރައްވައި ސީދާ ﷲ ސުބްހާނަހޫ ވަތަޢާލާ މި އުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވުމުން، މި ފަރީޟާގެ މަތިވެރިކަން އެނގިގެން ދެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާން ކޮށްދެއްވާފައިވާ ފަދައިން ނަމާދަކީ ދީނުގެ ތަނބެވެ. އެއީ އީމާންކަން މިނެދޭ މިންގަނޑެވެ."

މީގެ އިތުރުން މަޙްޝަރު ބިމުގައި، އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުން ކަމަށާއި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ދާންކޮޅުގައި އޮންނަަވައި، އެންމެ ފަހުން ކުރެއްވި ވަޞިއްޔަތަކީ، ނަމާދަށް ރައްކާތެރިވުމަށް ކުރެއްވި ވަޞިއްޔަށް ކަމަށް ވެސް ޚުތުބާގައި ފާހަގަ ކުރިއެވެ.

މަސްޖިދުލް އަޤްސާ އާއި ފަލަސްތީނުގެ މައްސަލަ އަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫން ކަމަށާއި އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި މުސްލިމުންގެ ބިމަކަށް ބަޔަކު އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަން ކުރުމަށްޓަކައި އެންމެހައި މުސްލިމުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ހުތުބާގައި ބަޔާން ކުރިއެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!