އަތޮޅުތެރެއިން މިއަދު 1500 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 ވެކްސިން ޖަހައިފި

މިއަދު އަތޮޅު ތެރެއިން 1500 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 1506 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. މާލޭގައި ހުކުރު ދުވަހު ވެކްސިން ޖެހުމުގެ ހިދުމަތް ނުދޭތީ، މިއަދު ވެކްސިން ޖެހުމުގެ ހިދުމަތް ދީފައި ވަނީ ހަމައެކަނި އަތޮޅު ތެރޭގައެވެ.
މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 188،436 މީހުންނަށް ވެކްސިން ދީފައި ވެއެވެ.
މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 105،836 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 82،600 މީހަކަށް ވެކްސިން ދީފައި ވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 86 މީހުންނާއި، އަތޮޅުތެރެއިން 14 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 14 މީހެކެވެ.
މިއަދު ފައްސިވީ މީހުންނާއެކު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 21،268 މީހުން ވަނީ ފައްސި ވެފައެވެ.