ސައިކަލުތައް ފޮހެން ތިބޭ ދިވެހީންގެ ޝަކުވާ: ބިދޭސީން ވަނީ އަހަރެމެންގެ ވަޒީފާތައް ފޭރިގަނެފައި

މިއީ ގިނަބައެއްގެ ލޮލުގައި އަޅައި ނުގަންނަ މަންޒަރަކަށް ވެދާނެއެވެ. އަދި ގިނަ ބަޔަކު ސަމާލުކަން ނުދޭ ކަމަކަށް ވެސް ވެދާނެއެވެ. ނަމަވެސް މި މަންޒަރު އަަޅުގަނޑުގެ ލޮލުގައި އަޅައިގަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި އެ މީހުންގެ ވާހަކަތައް އަހާލާ އެމީހުންގެ އިހްސާސްތަކުގެ އަޑު އަހާލައި ހިތުން އުޅޭތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ.
މި ދައްކަނީ ކާނިވާ ސަރަހައްދުގައި ސައިކަލު ސާފުކުރަން އުޅޭ މީހުންގެ ވާހަކައެވެ. އެތަނުގައި އުޅޭ ދިވެހީންނާ ސުވާލުކޮށްލާ ވާހަކަ ދައްކާލުމަށް ގަސްތު ކޮށްގެން އުޅޭތާ ދުވަަސްކޮޅެއް ވެއްޖެއެވެ. އަދި އެކަމަށް ހިތުލައިގެން ދެތިން ފަހަރަކު ކާނިވާ ކައިރިން ބުރު ވެސް ޖަހައިފީމެވެ. ކޮންމެއަކަސް، ރައްޓެއްސަކާ އެކު ކޮފީއެއް ބޯލަން ކާނިވާ ސަރަހައްދަށް މިއަދު ދެވުމުން އެތަނުގައި ސައިކަލެެއް ފޮހެން ހުރި ދިވެއްސަކާ ސުވާލުކޮށް ވާހަކަ ދައްކައިލީމެވެ.
އުމުރުން 32 އަހަރުގެ މުޝްފައު ހަސަން އަޅުގަނޑާ ވާހަކަ ދައްކަމުން މި މަސައްކަތް ކުރަން ފެށި ސަބަބު ކިޔައިދިނެވެ. އެގޮތުން މިތަނުގައި އުޅޭ ގިނަ ޒުވާނުންނަކީ ވަޒީފާގެ ފުރުސަތުތައް ހަނިވުމުގެ ސަބަބުންނާއި ވަޒީފާއެއް ނުލިބުމުގެ ސަބަަބުން ސައިކަލު ފޮހުމުގެ މަސައްކަތުގައި އުޅޭ މީހުން ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް މި މަސައްކަތް ކުރުމުގައި ވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

މި މަސައްކަތުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީ މަސައްކަތްތެރީން މި މަސައްކަތުގެ ތެެެރެއަށް ވަދެ އުޅުން ކަމުގައި އޭނާ ބުންޏެވެ. އަދި ގިނަ މީހުން އެމީހުންގެ ސައިކަލާއި ކާރު ފޮހެން ހަވާލު ކުރަނީ އެތަނުގައި އުޅޭ ބިދޭސީންނާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
“މުޅި ރާއްޖޭގައި ވެސް މި މީހުންގެ ނުފޫޒު ވަރަށް ވަރުގަދަ، ހުރިހާ ވިޔަފާރިއެއްގައި ވެސް. އަހަރުންނަށް ވަޒީފާގެ ފުރުސަތު ގެއްލިފައި މިއޮތީ ވެސް މި މީހުންނާ ހެދި
މުޝްފަޢު
މުޝްފައު އިތުރަށް ބުނީ އޭނާ އާއި އެތަނުގައި އުޅޭ އެހެން ދިވެހީން ސައިކަލު ސާފު ކޮށްދެނީ ސައިކަލެއް 50 ރުފިޔާއަށް ކަމަށެވެ. ނަމަވެސް ބިދޭސީ މަސައްކަތްތެރީން ދިވެހީންނަށް ޖެއްސުން ކުރުމަށްޓަކައި 30 ރުފިޔާއަށް ސައިކަލެއް ވެސް ބައެއް ފަހަރަށް ސާފު ކޮށްދޭ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި ސައިކަލު ސާފު ކުރުމުގައި ކިޓު ބޭނުން ކުރުމުގެ ބަދަލުގައި ކަޅުތެޔޮ ،ބިދޭސީ މަސައްކަތްތެރީން ބޭނުން ކުރާ ކަމުގައި އޭނާ ތުހުމަތު ކުރިއެވެ.
އިތުރަށް ވާހަކަ ދައްކަމުން މުޝްފައު ބުނީ މިކަމަށް ހައްލެއް ހޯދައި ދެވޭނީ ސަރުކާރަށް އެކަނި ކަމަށެވެ. އަދި ކާނިވާ ސަރަހައްދަށް އަންނަ ދިވެހީން ވެސް ބިދޭސީންނަށް މަސައްކަތް ހަވާލު ކުރުމުގެ ބަދަލުގައި ދިވެހީންނަށް މަސައްކަތް ހަވާލު ކޮށްގެން ކަމަށެވެ.

ހަމަ ޔަގީނުން ވެސް މިއީ ވެސް ދިވެހި މުޖުތަމައުގެ އެއްބައެވެ. މިފަދަ މީހުން ބާކީ ކޮށްލާފައި އަޅާނުލައި ތިބެވޭކަށް އަޅުގަނޑުމެންނަކަށް ނެތެވެ. އެހެންކަމުން، މިފަދަ މީހުންގެ ވާހަކަތައް އަޑުއަހައި މިފަދަ މީހުންގެ އިހްސާސްތައް ވެސް ދެނެ ގަންނަން އެބަޖެހެއެވެ.
ބަލަ ދިވެހިނނަ ވެސް ހުއދަ ނުނަގާ ތިހެން ތަނތަނުގަ ތި ވިޔަފާރި ނުކުރެވޭނެ
ބޮޑު އަގު ދީފަ ތަނތަން ކުލި ދައްކައިނ ސަރުކާރަށ ލާރި ދީގެން ތިކަން ކުރާ މީހުނައ ދެވޭ ކިހާ ބޮޑު އަނިޔާ އެއް ތީ