ކޮވިޑް-19: މިއަދު ވެސް ފައްސިވީ އަދަދު 100އިން ދަށް
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 96 މީހުން ފައްސިވެ 128 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 85 މީހުންނާއި، އަތޮޅުތެރެއިން 10 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 10 މީހުންނާއި އިންޑަސްޓްރިއަލް އައިލެންޑުން އެކަކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 21،572 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 19،095 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާ ވެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 125 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 576،928 ސާމްޕަލް ނަގައިފައި ވެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމަށްފަހު، މިއަދު މިވަނީ އަދަދު ތަންކޮޅެއް ދަށަށް ގޮސްފައެވެ.
އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް މަޖުބޫރު ކޮށްފައިވާއިރު، ފަސް މީހުންނަށް ވުރެ ގިނައިން ބޭރުގައި އުޅުން ވެސް ވަނީ މަނާ ކޮށްފައެވެ.