ޚަބަރު

22 ހަފްތާގެ ކުރިން ވިހައިފި ނަމަ ބަލަނީ ބައިގެން ދިޔައީ ކަމަށް: އައިޖީއެމްއެޗް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާ ވެއްޖެނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ އެކަން ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ބައިގެން ދިޔައީ ކަމަށް ކަމުގައި އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.

Ads by STELCO

އައިޖީއެމްއެޗުން މިހެން ބުނެފައި މިވަނީ ދުވަސް ނުފުރާ، ބަނޑަށް ފަސް މަހުގައި ވިހެއި ތުއްތު ކުއްޖަކު ނިޔާވުމުގައި އައިޖީއެމްއެޗްގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަމަށް ބުނެ އާއިލާއިން މީސްމީޑިއާގައި އާންމު ކުރުމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައެވެ.

އައިޖީއެމްއެޗްއިން ނެރުނު ބަޔާނުގައި ބުނީ ބައިގެންދިއުން ނުވަތަ ސްޕޮންޓޭނިއަސް އެބޯޝަންއެއް ކަމަށް އެ ހޮސްޕިޓަލުން ބަލަނީ މާބަނޑު މީހެއްގެ ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވިހައިފި ކަމުގައި ވާނަމައެވެ.އަދި ދުވަސް ނުފުރާ ވިހެއި ކުއްޖާގެ ވިންދު ހުރި ކަން ފާހަގަކޮށް، އައިޖީއެމްއެޗްގެ ބަޔާނުގައި އިތުރަށް ބުނީ އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައް ވެސް މިއުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީނުވާ ކަމަށާއި ކުއްޖާގެ ވިންދު ހުރި ނަމަވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ.

އަދި މި ހާލަތުގައި ކުއްޖާއަކީ "ވަޔަބަލް ފީޓަސް" އެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

"މިފަދަ ޢަމަލުކުރާ ގޮތަކީ، ވިހާއިރު ކުއްޖާގެ ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ކުއްޖާ ބޭއްވުމެވެ. މި މަންޒަރަކީ އާއިލާ އަށާއި އެހެނިހެން ފަރާތްތަކަށްވެސް ތަޙައްމަލް ކުރަން ދަތި މަންޒަރެއްކަން ޤަބޫލު  ކުރަމެވެ." އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.

ކުޑަކުއްޖާ މަރުވުމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އާއިލާ އިން ތުހުމަތު ކޮށްފައިވާއިރު އެކަމާ ގުޅިގެން އެ ބަޔާނުގައި ބުނީ ވަކި ބަލިމީހެއްގެ ކޭސްއަކާ ބެހޭ ހާއްސަ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާކުރުމަކީ ގާނޫނީ ގޮތުން މަނާ ކަންތައް ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އަދި މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކަށް، އެ މައްސަލަތަކުގެ ވަކިވަކި ތަފްސީލު ހާމަކުރުމަކީ ނުވަތަ ކަންވީގޮތް ބަޔާން ކުރުމަކީ ގާނޫނީ ގޮތުން ހޮސްޕިޓަލަށް ކުރެވެނަ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ބަލިމީހާގެ ހާލަތާއި ކުރިއަށް ކުރިމަތިވެދާނެ ކަންތައްތަކާއި އެކަމަށް އެއްވެސް ފަރުވާއެއް ދެވެން އޮތްނަމަ ނުވަތަ ނޫންނަމަ އެކަންކަމަކީ ސީދާ ބަލިމީހާ އަށާއި ބަލިމީހާގެ ބެލެނިވެރިޔާ އަށް ހިއްސާ ކުރާ މައުލޫމާތު ކަމަށެވެ. އެ މައުލޫމާތު ހޮސްޕިޓަލަށް އަންނަ އާއިލާގެ އެހެން މެންބަރުންނަށް ހޮސްޕިޓަލުގެ ފަރާތުން ކިޔައި ދިނުމަކީ ސިއްހީގޮތުން އަމަލުކުރާ މިންގަނޑުތަކާ، އެކަށީގެންވާ ހަމަތަކުގެ މަތިން އަމަލީ ގޮތުން ވެސް ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އެފަދަ ހާލަތްތަކުގައި ހޮސްޕިޓަލުގެ ތެރެއަށް ވަދެ، ހިދުމަތް ދޭން ތިބޭ ޑޮކްޓަރުންނާއި ނަރުހުންނަށް އަދި އެހެން މުވައްޒަފުންނަށް ބިރު ދައްކައި މުވައްޒަފުންގެ ފޮޓޯ އާއި ވީޑިއޯ ނަގައި، ސޯޝަލް މީޑިއާގައި އާންމު ކުރުމަކީ ހޮސްޕިޓަލުން ހިތާމަކުރާ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރަން އިލްތިމާސް ކުރާ ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ

މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި އެ އާއިލާއިން ބުނެފައި ވަނީ ބަނޑަށް ފަސް މަހުގައި، ބަނޑުގައި ރިއްސާތީ އެހޮސްޕިޓަލުގައި ދެ ދުވަސް ވެންދެން އެޑްމިޓު ކޮށްފައި ބޭއްވި ކަމަށެވެ.

ކުއްޖާ ވިހެއީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި ނިޔާވީ 13 ވަނަ ދުވަހު އިރާކޮޅު ކަމަށް ވެސް އާއިލާއިން ބުނެއެވެ.

Ads by Ooredoo
  1. ފފފފފ

    ފުރާނަ އެޅުވިފައިވާ ކޮންމެ ނަފްސެއްވެސް އޭގެ އެންމެ ފަހު ވަގުތާ ޖެހެންދެން އެ ނަފްސެއް ސަލާމަތް ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަންޖެހޭނެ