މުޖީބުއް ރަޙްމާނަކީ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި ލީޑަރެއް : ރައީސް
ޝެއިޚް މުޖީބުއް ރަޙްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތެތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި މިއަދު ކުރިޔަށް ގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއް ރަޙްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީޙުގައި ވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެ މަނިކުފާނުގެ ޚިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ޙާޞިލް ކުރެވޭނެ މުހިންމު ފިލާވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބަނގްލަދޭޝްގައި އޮތް ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަމުގެ މޭސްތިރިއަކީ ޝެއިޚް މުޖީބުއް ރަޙްމާނު ކަމުގައި ވިދާޅުވިއެވެ.
ބަންގްލަދޭޝް ސަރުކާރުން އެ ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ބަނގްލަދޭޝް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު އެ ޤައުމުގެ އިޤުތިޞާދު ކުރިއަރާ ދުވެލި ހަލުވިވެފައިވާ ކަމަށާއި އެޤައުމުގެ ރައްޔިތުންގެ މިންނެތް ބުރަ މަސައްކަތުން ޤައުމުގެ އިޤުތިޞާދު އަލުން އާރާސްތުކޮށް، އަވަހަށް ކުރިއަރާ، ވަރުގަދަ އިޤުތިޞާދެއް ބިނާ ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.
ބަނގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނގްލަދޭޝް ސަރުކާރަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. މިފަހުން ކޮވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖޭގައި ފައްޓާފައިވާ "ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރު ކޮށްދިނުމަށް ވެސް ބަނގްލަދޭޝްގެ އެއަރފޯސްގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއް ރާއްޖެ އައިސް އެހީތެރިކަން ފޯރު ކޮށްދީފައި ވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ.
މި އެހީތެރިކަމަކީ ދިވެހިން ވަރަށް އުފަލާއެކު ބަލައިގަތް ކަމެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމުން ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒު ކޮށްދޭ ކަމުގައި ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނގްލަދޭޝްގެ ރައީސް ޢަބްދުލް ޙާމިދު އަދި އެޤައުމުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ފަސޭހަފުޅު ވަގުތެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ދައުވަތު ދެއްވާފައެވެ.
މުޖީބުއްރަހުމާނުގެސިޔާސަަތުދަސްކޮއްގެންތޯ ރާއްވިއްކާލަނީ ރާއްޖެއަޅުވެތިތިޔަކުރުވަނީ