ކެފޭ، ރެސްޓޯރެންޓުތައް 1:30 ވަންދެން ހުޅުވާފައި ބަހައްޓަން ހުއްދަ ދޭން ގޮވާލައިފި

މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓު އަދި ސައި ހޮޓާތައް ރޭގަނޑު 1:30 ވަންދެން ހުޅުވާފައި ބަހައްޓަން ހުއްދަ ދިނުމަށް ގޮވާލައިފިއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އީޓަރީސް ޔޫނިއަން އިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެޗްޕީއޭ އިން ފަހުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އަދި ރޭގަނޑު 8:00 ގެ ފަހުން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭއާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުން ބަދަލުކޮށް 10:30 ވަންދެން އެތަންތަނުން ހިދުމަތް ދޭގޮތަށް އުސޫލު ބަދަލު ކުރި ކުރުމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އެއާއެކު އެ ޔޫނިއަން އިން ވަނީ ފިޔަވަޅުތައް އިތުރަށް ލުއިކޮށް ރޭގަނޑު 1:30 ވަންދެން އެ ތަންތަން ހުޅުވާފައި ބަހައްޓައިގެން ހިދުމަތް ދޭން ހުއްދަ ދިނުމަށް ގޮވާލާފައެވެ.
ޔޫނިއަންއިން މިހެން ބުނެފައިވާއިރު ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އާންމު ކޮށްފައިވާ ގައިޑްލައިންތަކުގައި ހުރި ކަންބޮޑުވުންތަކުގެ ސަބަބުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ރައްޔިތުންގެ މަޖިލީހަށް މާދަމާ ހާޒިރުކުރަން ވަނީ ނިންމާފައެވެ.