މިވަގުތު ހުރީ ސިނޯފާމް ވެކްސިންގެ 18،000 ޑޯޒް: އެޗްއީއޯސީ

ޗައިނާގެ ސިނޯފާމް ވެކްސިން ރާއްޖޭގައި މިއަދު ޖަހަން ފެށިއިރު މިވަގުތު ހުރީ 18،000 ޑޯޒް ވެކްސިން ކަމަށް ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން ބުނީ އެ އަދަދަށް ވެކްސިން ހުރި ނަމަވެސް މިހާރު ހުރި ޑޯޒްތައް ހުސްވުމުގެ ކުރިން އިތުރު ވެކްސިން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަަށެވެ.
ކޮވިޑް-19 އިން ދިފާޢުވުމަށް ޗައިނާގެ ބީޖިންގް ބަޔޯ-އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްސް އިން އުފައްދާފައިވާ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު މާލޭގައި ދޭން ވަނީ ފަށާފައެވެ.
ސިނޮފާމް ވެކްސިނަކީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ދެވަނަ ވެކްސިނެވެ. މިވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ޖެހޭނީ، ފުރަތަމަ ޑޯޒް ޖަހާތާ 3 ނުވަތަ 4 ހަފްތާ ފަހުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މީގެ އިތުރުން ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) ގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާ ކުރާނެ ކަމަށް އެ ގައުމުން ވަނީ ހާމަ ކޮށްފައެވެ.