އަލުވި ބޭނުން ކުރެވެނީ ކައްކަން އެކަންޏެއް ނޫން، އެއީ އެއަށްވުރެ މާ ބޭނުންތެރި އެއްޗެއް!
އަލުތްވަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. އަލުވި ރިހަ އަކީ އެތައް ބަޔަކަަށް އެންމެ ކަމުދާ ކެއުމަށް ވާއިރު އަނެއް ބަޔަކަށް އަލުވިން ހަދާ "ފްރެންޗް ފްރައިސް" އަކީ ހަމަ އެއްވަނަ އެވެ. އަދި މީގެ އިތުރުން ވެސް އަލުވި ބޭނުން ކޮށްގެން ތައްޔާރު ކުރާ ކާނާ އަކީ ގިނަ ބަޔަކަށް ކަމުދާ ތަކެއްޗެވެ.
އަލުތްވަކީ ހަމަ އެކަނި އަނގައަށް މީރު އެއްޗެއް ނޫނެވެ. އެއްޗެހި ސާފު ކުރުމަށް ވެސް އަލުތްވަކީ ބޭނުންތެރި އެއްޗެކެވެ. އެގޮތުން މި ލިޔުމުގައި އަލުވިން ސާފު ކުރެވިދާނެ ހަތަރު އެއްޗެއް ހިމަނާލާނަމެވެެ.
ނަންބަރު އައިނު
އައިނު ފުސްވުމުން ކުރިމަތިވާ ތަކުލީފު އެންމެ ރަނގަޅަށް އެނގޭނީ އައިނު އަޅާ މީހުންނަށް ކަން ގައިމެވެ. އަދި ހާއްސަކޮށް ކޮވިޑް-19ގެ ސަބަބުން މާސްކު އެޅުން މަޖުބޫރު ވެފައިވާއިރު އައިނާއެކު މާސްކު އެޅުމުން އައިނު ވަރަށް ބޮޑަށް ފުސް ވެގެންދެއެވެ.
މިކަމުގެ ހައްލު ވެސް އަލުވިން ހޯދައިދެއެވެ. އެގޮތުން އައިނުގެ ބިއްލޫރިކޮޅުގައި އެތެރެއިން އަލުވި ހާކާށެވެ. މިގޮތަށް ކަންތައް ކުރުމުން އަލުވީގައި ހިމެނޭ މާއްދާއެއް ކަމަށްވާ "ސްޓާރޗް"ގެ ސަބަބުން އައިނުގެ ބިއްލޫރިގަނޑު ފުސްވުމުން ދުރުކޮށްދެއެވެ.
ދަބަރު
ދަގަނޑު އެއްޗެހީގައި ދަބަރު ޖެހުމުން އެކަމާ ހަދާނެ ގޮތް ހުސްވެގެން އެތަކެތި އެއްލާލަނީ މަދު ބައެއް ނޫނެވެ. އެހެން ނަމަވެސް އެކަމުގެ ހައްލު ވެސް އަލުވިން ހޯދައިދެއެވެ. އެގޮތުން ވަޅި، ކަތުރު އަދި ކަޓަރު ފަދަ ތަކެތީގައި ދަބަރު ޖެހުމުން އަލުވި މެދުން ފަޅާލުމަށްފަހު މެދަށް ބޭކިން ސޮޑާ އާއި ސައިބޯނި އަޅާށެވެ. އަދި އެއަށްފަހު ދަބަރު ޖަހާފައިވާ އެއްޗެއްގައި ދަބަރު ފިލަންދެން އަލުވި ހާކާށެވެ. އެއަށްފަހު ރަނގަޅަށް ދޮވެލުމަށް ފަހު ހިކެންދެން ބާއްވާށެވެ.
ބިއްލޫރި
ބަދިގެ ތެރޭގައި އުޅޭއިރު ބައެއް ފަހަރަށް ބިއްލޫރި ތަށި ވެއްޓި ތަޅައިގެންދާ ފަހަރު އާދެއެވެ. އަދި އެފަދަ ހާލަތްތަކުގައި މުށިތަކުގެ މަތިން ބިއްލޫރި އެތިކޮޅުކޮޅު ނެގުން ވެފައި އޮންނަނީ ތަކުލީފަކަށެވެ. އެހެން ނަމަވެސް އަލުވިން މި މައްސަލަ ވެސް ހައްލު ކޮށްދެއެވެ. އެގޮތުން، އަލުވި މެދުން ފަޅާލުމަށް ފަހު ބިއްލޫރި އެތިކޮޅުތައް ހުންނަ ތަންތަނުގައި ހާކާށެވެ. ރައްކާތެރިވުމުގެ ގޮތުން މިކަން ކުރާއިރު އަންގި ބޭނުން ކުރުން މުހިންމެވެ.
އަންނައުނު
ބައެއް ފަހަރަށް ނޭނގުމެއްގެ ތެރޭގައި އަންނައުނުގައި އެއްޗެހި ޖެހެއެވެ. އަންނައުނުގައި ޖެހޭ އެފަދަ ލައްތައް ސާފު ކުރުމަށް ވެސް އަލުވި ބޭނުން ކުރެވިދާނެއެވެ. އެގޮތުން، ހަޑިވެފައިވާ އަންނައުނުގައި އަލުވި ޖައްސާ ފިއްތާލާށެވެ. ލައްތައް މުޅިން ފިލުވައިލުމަށް މިކަން ތަކުރާރު ކުރަމުން ގެންދާށެވެ.