ވެންޓިލޭޓަރު އެއްބަސްވުން ބާތިލްކޮށް ފައިސާ ހޯދަން ހެލްތު މިނިސްޓްރީއަށް އަންގައިފި
ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ވި އެއްބަސްވުން ބާތިލްކޮށް، އާބިޓްރޭޝަން މެދުވެރިކޮށް ފައިސާ ހޯދަން ހެލްތު މިނިސްޓްރީއަށް އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އަންގައިފައި ވާ ގޮތާ މެދު ހެލްތުން އަމަލުކުރި ގޮތެއް ހޯދަން އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން ނާޝިޒު ވިދާޅުވީ މިއަދާ ހަމައަށް ވެސް ތަހުގީގަށް ވެސް އަދި މަޖިލީހުގެ ކޮމިޓީން ވެސް ކުރަމުންދާ މަސައްކަތަށް ވެސް އެއްވެސް ހުރަހެއް ސަރުކާރުން އަޅުއްވާފައި ނުވާ ކަމަށެވެ. އަދި ކުރާ މަސައްކަތަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާ ކަމަށް ނާޝިޒު ވިދާޅުވިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. ޝަރީފް މައްސަލަ ހުށަހަޅާފައި ވަނީ ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގި މައްސަލައިގައި ދަޢުވާ ނުކުރަން ނިންމީ ކުރިން ހޯދައިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ޖިނާޢީ ކުށެއްގެ ގޮތުގައި ސާބިތު ކޮށްދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕީޖީ އޮފީހުން ބުނުމާ ގުޅިގެންނެވެ.
ކޮވިޑް ޖެހި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ޓަކައި ގެނައުމަށް ނިންމި75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދިން ނަމަވެސް އަދި ލިބިފައި ވަނީ އޭގެ ތެރެއިން 10 ވެންޓިލޭޓަރެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެ އޮފީހުން ނިންމި ނިންމުމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަނާއި އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން ހުންނާނެކަން ޤަބޫލު ކުރާ ކަމަށެވެ.
ޕީޖީގެ ނޫސްބަޔާނުގައި ބުނެފައި ވަނީ މިކަމުގައި ގިނަ ބައެއްގެ ކަންބޮޑުވުން ހުރުމުން ޕީޖީގެ ނިންމުން މުރާޖާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.