ބަރުލަމާނީ ނިޒާމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުކަމަށް ރައީސް ޞާލިހު ވެސް ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާ: ރައީސް ނަޝީދު
ރާއްޖޭގައި ވެރިކަން ކުރަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ސަރުކާރުން ވެސް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން އެދޭ މައުލޫމާތެއް ފޯރުކޮށް ދިނުމަކީ ގާނޫނީ ގޮތުން ވެސް ސަރުކާރަށް ލާޒިމު ވާ ކަމެއް ކަމަށެވެ.
އަދި ސަރުކާރުން އެކަންކަމަށް އެއްބާރުލުން ނުދޭ ހާލަތުގައި ވެސް ވަރަށް ގިނަ ކަންކަން އެކި ގޮތްގޮތަށް ކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ މަޖިލީހުން ކުރާ "ފުން މަސައްކަތަކަށް" މި ސަރުކާރުން ޖާގައާއި އެއްބާރުލުން ދީ، މައުލޫމާތު ފޯރު ކޮށްދޭތީ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފައެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެކަމުން އެނގިގެން ދަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަމަށް ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާ ކަން ކަމަށެވެ.
“އެ ބޭފުޅާއަކީ އެނގިވަޑައިގަންނަވާނެ، މިވަގުތު ރާއްޖޭގައި ތިބި ބަރުލަމާނީ ތަޖުރިބާ އެންމެ ބޮޑަށް އެނގިވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެއް” ރައީސް ޞާލިހަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަރަށް ކުރިއްސުރެ ތާއީދު ކުރި ކަމެކެވެ. އެކަމަކު ފަހުން އެކަމަށް އެންމެ ބޮޑަށް ތާއީދު ކުރައްވާ އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ އެމްޑީގެ ރައީސް އަދި މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދެވެ.
ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ފަހުން ވެސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނުމަށް ވުރެ މުހިއްމު ކަންތައްތައް އެބަހުރި ކަމަށެވެ.
ވެރިކަމާހެދި ލޮލުން ނާރު ފުއްޕާލާފައި
ޞޯލިހާ ނަޝީދަށް ބަރުލަމާނީ ނިޒާމު ރަނގަޅުވިޔަކަސް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި ރައްޔިތުން އޮތީ ބަރުލަމާނީ ނިޒާމަކަށް “ނޫނެކޭ” ބުނެފަ.