މީހުން ދެން ފުރަމަލަ ލައިފްސްޓައިލް

"ފަސްޓް ޗޮއިސް" މޭކަޕް އާރޓިސްޓެއް، އެވްލީންގެ އުއްމީދަކީ ބޮޑު ޕްރޮޖެކްޓެއްގައި ކުލަ ޖައްސާލުން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހަވާސާވެފައިވާ ޒުވާނުން މިގައުމުގައި ގިނަ ނަމަވެސް އަމިއްލަ މަސައްކަތުން ހުނަރުތައް ކުރިއަރުވައިގެން އެކަމުން އާމްދަނީ ހޯދައިގެން މަސައްކަތް ކުރާ ގިނަ ޒުވާނުންތަކެއް އުޅޭ ކަމީ އުފާވެރި ކަމެކެވެ. އަމިއްލަ މަސައްކަތުން ކައިބޮއެ އުޅޭ ހަރުދަނާ ޒުވާނުން ގިނަކަމީ ޔަގީނުން ވެސް އޮތް އުފާވެރި ކަމެކެވެ. ބާއްޖަވެރި ކަމެކެވެ.

Ads by STELCO

މިއީ ވެސް އެފަދަ ޒުވާން އަންހެން ކުއްޖެއްގެ ވާޙަކައެވެ. މޭކަޕް ކުރުމުގެ ދާއިރާގައި މިއަދު ފިޔަ ޖަހަމުން އަންނަ ޒުވާން ފަންނުވެރިއެއްގެ ވާހަކައެވެ.

އެވްލީން "ދެން"އަށް އިންޓަވިއު ދެނީ -- ދެން އިމޭޖްސް / އިބްރާހިމް ޝަމްވީލް

އެންމެ ކުޑައިރުއްސުރެ ވެސް މޭކަޕް ކުރާ ހިތްވޭ

"އެންމެ ކުޑައިރުއްސުރެ ވެސް އާރޓަށް ވަރަށް ޝައުގުވެރިވޭ" އައިޝަތު ނީލާ (އެވްލީން) މޭކަޕަށް މިސްރާބު ޖެހި ގޮތް ކިޔައިދިނެވެ. އެންމެ ކުޑައިރުއްސުރެ ވެސް އޭނާއަކީ ކުރެހުމާއި އެ ކަހަލަ ފަންނުތަކަށް ނުހަނު ޝައުގުވެރިވާ ކުއްޖެކެވެ. އެހެންކަމުން އާރޓްގެ ދާއިރާއިން ކުރިއަށް ދިއުމަކީ އެންމެ ކުޑައިރުއްސުރެ ވެސް އެވްލީން ދެކެމުން އައި ހުވަފެނެކެވެ.

ސުކޫލް ދައުރުގައި ވެސް މޭކަޕް ކުރުމާއި މޭކަޕް ކުރާ ގޮތް ދަސްކުރުމަކީ އެވްލީން ވަރަށް ޝައުގުވެރިކަމާއެކު ކުރި ކަމެކެވެ. އެގޮތުން ގޭތެރޭގައި އުޅޭއިރު ވެސް މޭކަޕް ކުރަން ދަސްކޮށް އަމިއްލައަށް އެ ކަން ކުރެވޭތޯ ކުޑައިރުއްސުރެ ވެސް މަސައްކަތް ކުރާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ކިޔެވުން ނިންމި ގޮތަށް ސެލޫނަކަށް ވަޒީފާއަށް

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސާނަވީ ތައުލީމް ނިންމުމަށްފަހު އެވްލީން ދެކެމުން އައި ހުވަފެނުގައި ކުލަ ޖެއްސުމުގެ މަސައްކަތް ކުރަން ފެށިއެވެ. އެގޮތުން އޭނާ ސުކޫލް ނިންމި ގޮތަށް އެންމެ ފުރަތަމަ ވަޒީފާއަކަށް ދިޔައީ ވެސް ސެލޫނަކަށެވެ.

"ޔޫ ކިއުޓް"ކިޔާ ސެލޫނަކަށް ދިޔައީ، ތައިލެންޑް ކުދިން އުޅޭނީ އެތަނުގަ.އެތަނުން ވަރަށް ސަޅި، އެމީހުންނަކީ ބިއުޓީ އެކްސްޕީރިއެންސް ހުންނަ ބައެއް ވީމަ އެމީހުން ކައިރިން ދަަސްކޮށްގެން ދެން ދިޔައީ ލަންކާއަށް"

އައިޝަތު ނީލާ

އެވްލީން ބުނީ ސެލޫންގައި އުޅުނު އިރު އޭނާއަށް އެތަނުގައި އުޅުނު ތައިލެންޑް މުވައްޒަފުންގެ ފަރާތުން ވަރަށް ގިނަ އެއްޗެހިތަކެއް ދަސްވެގެން ދިޔަ ކަމަށާއި މޭކަޕް ކުރުމުގެ ގިނަ ތަޖުރިބާތަކެއް ވެސް އޭނާއަށް ލިބިގެން ދިޔަ ކަމަށެވެ.

އަމިއްލަ މަސައްކަތަށް ނުކުތުން، ގޮންޖެހުންތަކަކާ ކުރިމަތިވި

ސެލޫންގައި މަސައްކަތް ކުރުމަށްފަހު އެވްލީން ދިޔައީ ލަންކާއަށް މޭކަޕް ކޯހެއް ހެދުމަށެވެ. ލަންކާއަށް ގޮސް މޭކަޕް ކޯހެއް ހެދުމަށް ފަހު އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ "ފްރީލޭންސް" މޭކަޕް އާރޓިސްޓެއްގެ ގޮތުގައެވެ.

އެވްލީންގެ މޭކްއަޕްއެއް

އަމިއްލައަށް މަސައްކަތް ކުރަން ފަށައިގެން އެންމެ ފުރަތަމަ ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މީހުންނަށް އޭނާގެ މަސައްކަތް އިސްތިހާރު ކުރުމުގައި ދިމާވި ގޮންޖެހުން ކަމުގައި އެވްލީން ފާހަގަ ކުރިއެވެ. އެ ގޮތުން އެ ދުވަސްވަރު އެކުގައި މަސައްކަތް ކުރާނެ ފޮޓޯގްރާފަރުން ވެސް ނުތިބޭ ކަމަށާއި އެންމެ ފުރަތަމަ މަސައްކަތް ފެށީ އަމިއްލައަށް ފޮޓޯ ނަގައިގެން ކަމުގައި ވެސް އެވްލީން ބުންޏެވެ.

ފުރަތަމަ ފެށިއިރާ ބަލާއިރު މިއަދު ވަރަށް "އިމްޕްރޫވް" ވެއްޖެ

މޭކަޕް އާރޓިސްޓެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށި ދުވަހުގެ މަސައްކަތްތަކާއި މިއަދު އޭނާ ކުރާ މަސައްކަތާ ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ. އެ ގޮތުން އޭރު ކުރާ މޭކަޕްތަކުގައި ހެދިފައި ހުންނަ ގޯސްތަކާއި މައްސަލަތައް އަމިއްލައަށް ބަލައިގެން ރަނގަޅުކުރަން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރި ކަމުގައި އެވްލީން ބުންޏެވެ.

އެ މަސައްކަތްތަކުން މިއަދު އޭނާގެ މޭކަޕްތައް ކުރިއަށްވުރެ މާ ރީތިވެފައި ހިތްގައިމެވެ. އެހާމެ ޗާލެވެ. އަދި އެ ކުރިއެރުމާމެދު ވަރަށް އުފާވާ ކަމުގައި އެވްލީން ހިނިތުންވެ އިނދެ ފާހަގަ ކުރިއެވެ.

ބޮޑު ކްލައިންޓް ބޭސްއެއް ލިބުން، ބޮޑު ހިތްހަމަޖެހުމެއް

މި ދާއިރާގައި މިހާ ހިސާބަށް އައި އިރު ލިބުނު އެންމެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެވްލީން ފާހަގަ ކުރަނީ ކްލައިންޓުންގެ އިތުބާރު އޭނާއަށް ލިބުމެވެ. މިއަދު އޭނާއަށް އިތުބާރު ކުރާ ހަމައެކަނި އޭނާގެ މޭކަޕް ކުރަން ބޭނުންވާ އެތައް ކްލައިންޓުންނެއް އެވްލީންއަށް ލިބިއްޖެއެވެ. އަދި އެ ކްލައިންޓުން އޭނާގެ މަސައްކަތާ ދޭތެރޭ ހިތްހަމަ ޖެހުމަކީ އެވްލީންއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި އުފަލެކެވެ.

އެވްލީންގެ މޭކްއަޕެއް

 ދާއިރާގައި އެންމެ އުފާވި ދުވަސް!

މޭކަޕް ކުރުމުގެ ދާއިރާގައި އެވްލީން އެންމެ އުފާވި ދުވަހަކީ އޭނާގެ ކޯސް ފުރިހަމަ ކޮށް ދަސްވެނިވި ދުވަހެވެ. އެއީ ވަރަށް ބުރަ މަސައްކަތް ކޮށްގެން އޭނާ ހެދި ކޯހެއް ކަމަށާއި އެ ކޯސް ނިންމާލެވުމުން ނުހަނު އުފާވި ކަމުގައި އެވްލީން ބުންޏެވެ. އޭނާ ހެދި ކޯހަކީ ޑިޕްލޮމާ އިން ބިއުޓީއެވެ. އަދި ޑިގްރީއާ ހަމައަށް ކިޔެވުމަކީ ވެސް އޭނާގެ ވަރަށް ބޮޑު އުއްމީދެކެވެ.

މި ދާއިރާގައި އެންމެ ބޭނުންވަނީ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތުގައި އުޅެލަން ކަމަށާއި އެކިކަހަލަ މުނާސަބަތުތަކާ ދިމާކޮށް މޭކަޕް ކުރުމަކީ އޭނާ ވަރަށް ކުރަން ބޭނުންވާ ކަމެއްގެ ގޮތުގައި އެވްލީން ފާހަގަ ކުރިއެވެ.

"މިހާރު އެކަހަލަ އެއްޗެހި ދަސްކުރަމުން މިދަނީ. ސޯ މިސާލަކަށް ފިލްމެއް ކަަހަލަ އެއްޗަކުން ވޯކް ކުރަން ލިބިއްޖިއްޔާ ވަރަށް ސަޅި ވާނެ"

އައިޝަތު ނީލާ

ކޮވިޑް-19އާ ގުޅިގެން ގިނަ ގޮންޖެހުންތަކެއް

ކޮވިޑް-19އާ ގުޅިގެން އެންމެ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިވީ އެއްބަޔަކީ ފްރީލޭންސްކޮށް މަސައްކަތް ކުރާ މަސައްކަތްތެރީންކަން ގައިމެވެ. އެގޮތުން ފޮޓޯގްރާފަރުންނާއި ލަވަކިޔުންތެރިންނާއި މޭކަޕް އާޓިސްޓުންނާއި އެހެން ވެސް ފަންނާނުން ހިމެނެއެވެ.

"ވަރަށް ބައިވަރު އިވެންޓްސް ކެންސަލްވި، ދެން ޖޮބެއް ނޫންވީމަ އެހާ ބައިވަރު އެޕޮއިންޓްމެންޓްސް ކެންސަލްވީމަ ވަރަށް އުނދަގޫވި. އެހާ މޭކަޕްސް އެއް ނުއެއް ލިބޭ"

އައިޝަތު ނީލާ

އެންމެ ބޮޑު ގޮންޖެހުމަކަށްވީ ކައިވެނިތަކާއި އެހެނިހެން ހަފްލާތައް ބޭއްވުން މަނާ ކުރުމުން އެ އިވެންޓުތަކަށް ހުއްޓުމެއް އައުމުން ކަމުގައި އެވްލީން ބުންޏެވެ. އަދި އެކަމުގެ ސަބަބުން ލިބިފައިވާ އެތައް އެޕޮއިންޓްމެންޓެއް ކެންސަލްވި ކަމަށާއި ގިނަ ގޮންޖެހުންތަކަކާ އެ ދުވަސްވަރު ދިމާވި ކަމުގައި އެވްލީން ބުންްޏެވެ.

ލިބިފައިވާ ހުނަރު އެހެން މީހުންނަށް ދަސްކޮށްދޭ

ލިބިފައިވާ އިލްމެއް ނުވަތަ ހުނަރެއް އަނެކާއަށް ބުނެދިނުމަކީ ނުވަތަ ދަސްކޮށްދިނުމަކީ ވަރަށް ރަނގަޅު ކަމެއް ކަން ޔަގީނެވެ. އެވްލީން މިއަދު އެ މަސައްކަތް ވެސް ކުރަމުން އެބަ ގެންދެއެވެ. މޭކަޕްގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިންނަށް މޭކަޕް ދަސްކޮށްދިނުމުގެ ކްލާސްތައް އޭނާ ހިންގާތާ މިހާރު ދެ އަހަރު ވެއްޖެ ކަމުގައި އެވްލީން ފާހަގަ ކުރިއެވެ.

އަދިވެސް ބޭނުން ވަނީ ދަސްކުރަން

ކުރިއަށް އޮތްތަނުގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އެވްލީން ބުނީ އޭނާ އެންމެ ބޭނުންވަނީ މޭކަޕްގެ ދާއިރާގައި ތަޖުރިބާކާރު މީހެއްގެ ގާތުން އެ މަސައްކަތް ދަސްކުރަން ކަމަށެވެ. އަދި ފިލްމެއް ކަހަލަ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުމަކީ އޭނާ މިހާރު ދެކޭ އެންމެ ބޮޑު އެންމެ ބޮޑު ހުވަފެނެވެ.

އެވްލީން ކޮށްފައިވާ މޭކަޕްއެއް

އެވްލީންގެ ޝުކުރުގެ ލިސްޓު

މި ދާއިރާގައި މިއަދު އެވްލީން އެ ހުރި ހިސާބަށް އައުމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާގެ މަންމަ އާއި ބައްޕަގެ ފަރާތުން ކަމުގައި އެވްލީން ބުންޏެވެ. އޭނާ މިއަދު ހުރި ހިސާބަށް އައުމުގައި އެދެމީހުންގެ ވަރަށް ބޮޑު ހިއްސާއެއް ވާނެ ކަމަށާއި އޭނާގެ ވިޔަފާރި ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް އޭނާގެ މައިންބަފައިން ކޮށްދީފައިވާ ކަމުގައި އެވްލީން ބުންޏެވެ.

ދެވަނަ އަށް އެވްލީން ފާހަގަ ކުރީ އޭނާޣެ އެކުވެރީންނެވެ. އެގޮތުން އޭނާގެ އެކުވެރިންގެ ތެރޭގައި ވަރަށް ގިނަ ފޮޓޯގްރަފަރުންނާއި މޮޑެލް ކުރާ ކުދިން އުޅޭ ކަމަށާއި އެވްލީންގެ މަސައްކަތް އެހެން މީހުންނަށް ދައްކައިދިނުމަށް އެމީހުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަމުގައި އޭނާ ބުންޏެވެ. އަދި އެމީހުންނާ ނުލައި މިއަދު އޭނާ އެހުރި ހިސާބަށް ވާސިލު ނުވެވުނީސް ކަމުގައި ވެސް އެވްލީން ފާހަގަ ކުރިއެވެ.

އެވްލީންއަކީ މިއަދު މޭކަޕްގެ ދާއިރާގައި ގިނަ ބަޔަކަށް އެނގޭ މޫނެކެވެ. ގިނަ ބަޔަކަށް ކަމުދާ މޭކަޕް އާރޓިސްޓެކެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މޭކަޕްގެ ދާއިރާގައި ރާއްޖޭގައި ކުރިމަގެއް އެބައޮތެވެ. ގިނަ ތަޖުރިބާކާރު މޭކަޕް އާރޓިސްޓުންތަކެއް ވެސް ރާއްޖޭގައި އެބައުޅޭ ކަމަށާއި އެފަދަ މީހަކަށް ވުމަކީ އޭނާ ވަރަށް އުއްމީދު ކުރާ ކަމެއްގެ ގޮތުގައި އެވްލީން ބުންޏެވެ.

އެވްލީން ފޮޓޯ ޝޫޓެއްގައި، މިއީ އޭނާ އެންމެ ހިތްހަމަ ޖެހޭ އެއް ފޮޓޯ ޝޫޓް

އަމިއްލަ މަސައްކަތުން އަމިއްލަ ހުނަރު ކުރި އަރުވައި މަސައްކަތް ކުރާ މިފަދަ ޒުވާން ހުނަރުވެރީންގެ ވާހަކަ ދައްކައި އެމީހުންގެ އަގު ވަޒަން ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. އަޅުގަނޑާއި މުޅި "ދެން" ޓީމުގެ ފަރާތުން އެވްލީންއަށް އެދެނީ ކާމިޔާބީއަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!