ދުނިޔެ

ސައުދީ އަރަބިއާ: ގެއްލިގެން ހޯދަމުން ދިޔަ އޯޓިޒަމް ކުއްޖަކު ފެނުނީ ފަޅަށް ހުރި އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޯޓިޒަމް ހުރި ސީރިއާ ފިރިހެން ކުއްޖަކު، މައްކާގެ ފަޅަށް ހުރި އެޕާޓްމަންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by Sosun Fihaara

ސައުދީ އަރަބިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނީ ފަޅަށް ހުރި އެޕާޓްމަންޓެއްގެ ތެރެއިން ފެނުނީ އުމުރުން 12 އަހަރުގެ ޢަބްދުއްރަޙްމާން ޔަޙްޔާ އިދްލިބީ ނަމަކަށް ކިޔާ ކުއްޖެއް ކަމަށެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށާއި، ހަށިގަނޑު ފެނުނީ އެ ކުއްޖާގެ ގެއާ 500 މީޓަރު ދުރުން ކަމުގައި ވެސް ރިޕޯޓުތަކުން ބުނެއެވެ.

ގެއްލިގެން ހޯދަމުން ދިޔަ ކުޑަ ކުއްޖާގެ ހަށިގަނޑު ފެނުނީ މި ދިޔަ ހޮނިހިރު ދުވަހުގައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އެ ކުއްޖާ ފެނުނީ އެ އެޕާންޓްމަންޓުން ނުބައި ވަހެއް ދުވާތީ އެ އިމާރާތުގައި ދިރިއުޅޭ މީހުން މައްސަލަ ޖެއްސުމުން އިމާރާތުގެ ސެކިއުރިޓީން އައިސް ބެލި ބެލުމުންނެވެ.

ނުބައި ވަސް ދުވީ އެ އެޕާޓްމަންޓުގެ ފާޚާނާ ތެރެއިން ކަމަށާއި، އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ފާޚާނާގެ ދޮރު ފަޅާލުމުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ކުއްޖާގެ ހަށިގަނޑު މިވަގުތު އޮތީ ހޮސްޕިޓަލުގައި، ފޮރެންސިކް ތަހުލީލުތައް ކުރަން ގެންގޮސްފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!