ޚަބަރު

ވެންޓިލޭޓަރު މައްސަލައިގައި ފައިސާ ހޯދަން އާބިޓްރޭޝަނަށް ދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ހޯދަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެ ފައިސާ ހޯދަން އާބިޓްރޭޝަނަށް ދާން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

Ads by STELCO

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވެންޓިލޭޓަރުތަކަށް ދިވެހި ސަރުކާރުން ފައިސާ ދެއްކި ނަމަވެސް އެ ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ލަފާ ދެއްވީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަން ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އާބިޓްރޭޝަން އޮންނާނީ ރާއްޖޭގައި ކަމަށްވިޔަސް، އެކަމުގައި ޔޫއޭއީ ސަރުކާރު ވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކޮވިޑް ޖެހި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ޓަކައި ގެނައުމަށް ނިންމި75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދިން ނަމަވެސް އަދި ލިބިފައި ވަނީ އޭގެ ތެރެއިން 10 ވެންޓިލޭޓަރެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެ އޮފީހުން ނިންމި ނިންމުމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަނާއި އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން ހުންނާނެކަން ޤަބޫލު ކުރާ ކަމަށެވެ.

ޕީޖީގެ ނޫސްބަޔާނުގައި ބުނެފައި ވަނީ މިކަމުގައި ގިނަ ބައެއްގެ ކަންބޮޑުވުން ހުރުމުން ޕީޖީގެ ނިންމުން މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!