ދެވަނަ ޑޯޒް ޖެހުމަށްފަހު ކަރަންޓީނުވުމެއް ނެތި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެ: މަބްރޫކް

ކޮވިޑް-19 އަށް ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ކަރަންޓީނު ވުމެއް ނެތި ރާއްޖެތެރޭގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސިގެން ދާނެ ކަމަށް ސަރުކާރުގެ ސްޕޯކްސްޕާސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮވިޑް-19އިން ދިފާއުވުމުގެ ދެވަނަ ޑޯޒް ޖެހުމަށް ފަހު ދަތުރު ކުރެވޭނެ ކަމަށާއި ބައިނަލްއަގްވާމީ ގޮތުން ވެސް އެކަން އެގޮތަށް ހިނގާނެ ކަމަށެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށްފަހު ރާއްޖެ ތެރޭގައި ދަތުރު ކުރެވޭނެ ގޮތް ވެސް ހެދިގެން ދާނެ ކަމަށާއި އެހެން ނަމަވެސް ވަކި ތާރީހެއް އަދި ދެންނެވެން ނެތް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އަދި މިކަމުގެ މަޝްވަރާތައް ސަރުކާރުގެ ތެރޭގައި ކުރެވެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮވިޑް-19އިން ދިފާޢުވުމަށް ރާއްޖޭގައި ޖަހަން ހުއްދަ ދީފައި ވަނީ ތިން ވެކްސިނަކަށެވެ. އެއީ އިންޑިއާއިން ހަދިޔާކުރި އަސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނާއި، ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިނާއި ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން ރާއްޖޭގައި މިހާރު ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިނެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މިހާރު ވަނީ ނިމިފައެވެ.