މިއަދު އަހަރެންގެ ނަފުސަށް އަހަރެން އާދޭސް ކުރަމުއެވެ. މާޒީގެ ކަންކަމާ ނުވިސްނުމަށެވެ.
ދިރިއުޅުމުގައި އަޑިގަނޑުތަކާއި އުސްގަނޑުތައް އަންނާނެ ކަމަށް ބުނާ ވާހަކައަކީ އަހަރެން ގަބޫލު ކުރާ ވާހަކަތަކެކެވެ. އެހެން ނަމަވެސް ބައެއް ހާލަތްތަކުގައި އަޑިގަނޑުތަކާ ކުރިމަތިލާން ޖެހުމަކީ ތިމާގެ ނަފްސު ދެނެގަތުމަށް ނުވަތަ ނަފްސު މިން ކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމުގައި ވެސް އަހަރެން ގަބޫލު ކުރަމުއެވެ.
މި ދުނިޔެއާއި ދުނިޔޭގައިވާ އެއްވެސް އެއްޗަކީ ދާއިމަށް ހުންނާނޭ އެއްޗެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން ހުރިހާ އެއްޗެއް ވެސް ފަނާވެ ދާނެއެވެ. ހަމަ އެ ބީދައިން ތިމާގެ ޙަޔާތުގައި ވެސް އެތައް މީހުންނެއް ބަދަލުވެ އައު މޫނުތަކެއް ތިބާގެ ދިރިއުޅުމަށް މަރުޙަބާ ކިޔާނެއެވެ. އެއީ ދުނިޔޭގެ ގާނޫނެވެ. ދުނިޔެ ހިނގާ އުސޫލެވެ. މި ކަންކަމަކީ ގަބޫލު ކުރަން ޖެހޭ ކަންތައްތަކެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް އަހަރެންގެ ހިތް ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. އެއަށް ވުރެ މިއަދު އަހަރެންގެ ހިތް މާ ފިނޑިވެއްޖެއެވެ.
މާޒީގައި ވެފައިވާ އެތައް ކަންތައްތަކަކާ ދޭތެރޭ އަހަރެންނަށް ވިސްނެނީ ބޭއިޚުތިޔާރުގައެވެ. ނުވިސްނުމަށް އެތައް މަސައްކަތެއް ކުރުމަށް އެކި ކަހަލަ މަސައްކަތް ތަކުގައި މަޝްޢޫލުވެގެން "ބިޒީ"ވި ނަމަވެސް ދުވަހުގެ ކޮންމެވެސް ހިސާބަކުން އަހަރެންގެ ހިތް ބަދަލުވާން ފަށައެވެ. މާޒީގެ ކަޅުފޮއެ ރޭތަކުގެ ތެރެއަށް އަހަރެންގެ ނަފްސު ވަދެގަނެއެވެ. އެކަމާ އަހަރެން އެތައް އިރެއް ވަންދެން ރޮއެ ހަދަމުއެވެ. އެތައް ފިކުރެއް ކުރަމުއެވެ. އެއިން ކޮންމެ ސިކުންތަކީ އަހަރެންގެ މި ނިކަމެތި ޖިސްމުގައި އަޅަމުންދާ ވޭން އިތުރު ވެގެންދާ ވަގުތެކެވެ.
މިއަދު އެ ހުރިހާ ކަމަކަށް ވެސް އެތައް ދުވަހެއް ވެފައިވާއިރު، އަހަރެން މިއަދު އެންމެ ބިރުގަންނަ އެއް ކަމަކި އައު މީހުންނާ ދިމާވެ އެމީހުންނާއެކު ގާތް ގުޅުމެއް އުފެދިގެން ދިއުމެވެ. މިއަދު އަހަރެން މާ އުފާ ވިނަމަވެސް އަހަރެން ހިތުގައި އެއަށްވުރެ ބޮޑަށް ބިރުވެރިކަން އޮވެއެވެ. އެއީ، އެހާ ބޮޑު އަނދަވަޅުގަނޑެއްގެ ތެރެއިން އަހަރެން މަޑުމަޑުން އަރަމުން އަންނައިރު، ދިމާވާ އެކި ކަހަލަ މީހުންނާ ދިމާވެ އަނެއްކާ ވެސް އެއަށްވުރެ ބޮޑު އަނދަވަޅުގަނޑަކަށް ވެއްޓިދާނެތީއެވެ. މިފަހަރު އަހަރެން ވެއްޓޭނީ ކިހާ ބޮޑު އަނދަވަޅުގަނޑަކަށް ކަމެއް ޚުދު އަހަރެންނަށް ވެސް ތަސައްލީ ނުކުރެވެއެވެ.
މިއަދު އަހަރެން އަހަރެންގެ ނަފުސަށް އާދޭސް ކުރަމުއެވެ. މާޒީގައި ވެދިޔަ ކަންކަމާމެދު ނުވިސްނުމަށެވެ. ކުރިމަގު އުޖާލާކޮށް ރަނގަޅު ދިރިއުޅުމެއް ބިނާ ކުރުމަށް މަސައްކަތް ކުރުމަށް އަހަރެންގެ ނަފްސަށް އަހަރެން ވިސްނައިދިނުމަށް ހާދަހާ މަސައްކަތެއް ކުރަމުއެވެ. ދިރިއުޅުމުގައި މީހުން ގާތް ކުރުމުގައި ވެސް ވަކި މިންގަނޑެއް ގެންގުޅުމަށް އަހަރެން ކެނޑިނޭޅި މަސައްކަތް ކުރަމުއެވެ. ކޮންމެ މީހަކީ ރަނގަޅު މީހެއް ނޫން ކަން ވިސްނައިގަތުމަށް އަބަދުވެސް މަސައްކަތް ކުރަމުއެވެ. އެހެން ނަމަވެސް އަހަރެންގެ މިޒާޖާއި އެކަންކަން ނުބައްދަލު ވުމުގެ ސަބަބުން އަހަރެންނަށް އެކަން ވީ އުނދަގޫ ކަމަކަށެވެ.