ކޮވިޑް-19: މާލެއިން ފައްސިވީ 67 މީހުންނާއެކު މިއަދު ފައްސިވީ 169 މީހުން
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 169 މީހުން ފައްސިވެ 86 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 67 މީހުންނާއި، އަތޮޅުތަކުން 65 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 29 މީހަކާއި، ތަރައްޤީ ކުރަމުން އަންނަ ރަށަކުން އެކަކާއި އިންޑަސްޓްރިއަލް އައިލެންޑަކުން 8 މީހެކެވެ.
މިހާރު ރާއްޖެއިން މި ބައްޔަށް ޖުމްލަ 24،548 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 21،368 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 89 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 655،557 ސާމްޕަލް ނަގައިފިއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ވަނީ ބާތިލް ކޮށްފައެވެ. މީގެ އިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެ ސަރަޙައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވާލައިފައެވެ.