މީހުން

ޅަ އުމުރުގައި ޤުރުއާން ހިތުދަސްކޮށް، އަޝްހަމްގެ ދުނިޔެ އެހެން ކުދިންނާ ހާސްބައި ތަފާތު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ކުޑަކުޑަ ހާފިޒް، އަޝްހަމް

މީގެ ކުރިން ވެސް އަޅުގަނޑު އެތައް އިންޓަރވިއުތަކެއް ނަގައިފީމެވެ. އެހެން ނަމަވެސް މިއަދުގެ އިންޓަރވިއުއަކީ އަޅުގަނޑުގެ ޙަޔާތުގައި ވެސް ނެގުނު އެންމެ ތަފާތު އިންޓަރވިއުއެވެ. އެ ކުއްޖާގެ ޚާއްޞަ ކަމާއި އެ ކުއްޖާ ޙާޞިލް ކުރި މަތިވެރި ކަމުގެ ސަބަބުންނެވެ.

Ads by Sosun Fihaara

"ކޮންތާކަށް ތިދަނީ؟" ހެލްމެޓު ހިފައިގެން ގެއިން ނިކުންނަނިކޮށް ދައްތަ ސުވާލު ކުރިއެވެ. "މިދަނީ ކުޑަކުޑަ ހާފިޒެއްގެ އިންޓަރވިއުއެއް ނަގަން" އެހެން ބުނުމަށް ފަހު އަޅުގަނޑު ގެއިން ނިކުތީމެވެ. ގެއިން ނިކުތް އިރު އެކުވެރި އާލިމް ސައިކަލުގައި އަޅުގަނޑު ބަލާ އައިސް ހުއްޓެވެ. ދެމީހުން އެކުގައި ނައްޓާލީ ސިނަމާލެ ބްރިޖާ ދިމާލަށެވެ. ބްރިޖާއި ހަލިމަގު ހުރަސްކޮށް ހުޅުމާލެއަށް ދެވުނުއިރު، އިރުއޮއްސުމުގެ ރީތި ޤުދުރަތީ މަންޒަރުން އަޅުގަނޑުމެންގެ ހިތްތައް އާޝޯޚު ކުރުވިއެވެ.

ކޮންމެއަކަސް ހުޅުމާލެ އެރުމާއެކު އަޅުގަނޑުމެން އަވަސްވެގަތީ އިންޓަރވިއު ނެގުމަށް ހަމަޖެހިފައިވާ ހާފިޒްގެ ބައްޕައާ ބައްދަލު ކުރުމަށެވެ. ބައްޕައާ ބައްދަލުވެ ދެކެވުނު ވާހަކައިން އޭނާއަކީ އެންމެނާ ވެސް އެކުވެރި އަދި ހިތްހެޔޮ މިޒާޖެއްގެ ވެރިއެއްކަން އެނގިގެން ދިޔައެވެ. ލަސް ކުރުމެއް ނެތި ދެން އަޅުގަނޑުމެން އިންޓަރވިއު ނެގުމަށް ހަމަޖެހިފައިވާ ގެއަށް ދިއުމަށް މިސްރާބު ޖެހީމެވެ.

ގޭގެ މައި ދޮރު ހުޅުވާލުމާއެކު ސިޑިން ތިންވަނަ ބުރިއަށް އެރިއިރު އަޅުގަނޑު ހުރީ ވަރުބަލި ވެފައެވެ. އެހެން ނަމަވެސް އެކަން ނުދެއްކޭތޯ ވަރަށް މަސައްކަތްކުރީމެވެ. އެޕާޓްމެންޓުގެ ދޮރު ހުޅުވާލުމާއެކު ބައްޕަގެ ފަހަތުން އަޅުގަނޑު ވެސް އެތެރެއަށް ވަނީމެވެ.

ތަނަވަސް ސިޓިން ރޫމެކެވެ. ގެއަށް ވަދެ ހެލްމެޓުތައް އެތާ ހުރި ކަބަޑެއްގެ މަތީިގައި ބަހައްޓައިފީމެވެ. "އައްސަލާމް އަލައިކުމް" ކައިރީގައި ސަލާމަށް އަތް ދިއްކޮށްގެން ހުރީ ހާފިޒް ކަމުގެ ސަނަދު އެހާ ޅައުމުރެއްގައި ހޯދި ކުޑަކުޑަ މުޙައްމަދު އަޝްހަމް އަލީއެވެ. ހިނިތުންވެ އެއް އަތުން ފޯނު ހިފައިގެން ހުރި އިރު، ފޯނުން ޖަހައިފައި ވަނީ އަލީ ރަމީޒުގެ ނަސޭހަތް ކޮޅެކެވެ. ގޭގައި ހުރި ބޮޮޑު ޓީވީގައި އަޅުވައިފައި ވަނީި ޤުރުއާނުގެ ތަރުޖަމާއެވެ. އެއާއެކު އަޝްހަމްއާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އަޅުގަނޑުގެ ހިތުގައި ޝައުގު އުފެދިގެން ދިޔައެވެ.

އަޝްހަމްއަކީ އޭނާގެ ބައްޕައެކޭ އެއްފަދައިން އެންމެންނާ ވެސް އެކުވެރި އަދި ދީނީ ކަންކަމަށް އިންތިހާއަށް ލޯބި ކުރާ ކުއްޖެކެވެ. ކުޑަކުޑަ އިރު ކީރިތި ޤުރުއާނުގެ އާޔަތާއި އޭގެ މާނަ ހިމަނައި، ނަސޭހަތް ދިނުމަކީ އޭނާ ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. ތަޖުވީދަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ އަޑު އެހުމަކީ އޭނާގެ ހިތަށް ލިބިގެންދާ ހިތްހަމަ ޖެހުން ކަމުގައި އަޅުގަނޑަށް ފާހަގަވެގެން ދިޔައެވެ. އަދި އަޝްހަމް ޚާއްސަވާ އެންމެ ބޮޑު ސަބަބަކީ އެއީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވީނަމަވެސް އަޅުގަނޑުމެން ހެޔޮ ޙާލުގައި ތިބި އެންމެންނަށް ވުރެން އޭނާގެ ވިސްނުމާއި އޭނާގެ ޢިލްމު ތަނަވަސް ވެގެން ދިއުމެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރަން ނިންމީ ކިހިނެއް؟

އަޝްހަމްއާ ބެހޭ ގޮތުން ހިތިގައި ފުނިޖެހިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށް އަޅުގަނޑު އަޝްހަމްގެ މައިންބަފައިންނާ ސުވާލު ކޮށްލީމެވެ. އެގޮތުން އަޝްހަމް ކީރިތި ޤުރުއާން އުނގެނުމަށް ލޯބި އުފެދިގެން ދިޔައީ ދޮންދޫނި ޕްރި ސުކޫލުގައި ކިޔަވަމުން އެ ސުކޫލުގެ ގުރުއާން ކުލާހެއްގައި ބައިވެރި ވި ހިސާބުންނެވެ. އަޝްހަމްގެ މުދައްރިސުންނަށް އަޝްހަމްގެ ފަރާތުން ފާހަގަވެގެން ދިޔައީ އޭނާ ކީރިތި ޤުރުއާން ކިޔެވުމުގައި ގެންގުޅެމުން ދިޔަ ގޮތެވެ. އެހެންކުދިންނާ ޚިލާފަށް އަޝްހަމްއަކީ ވަރަށް އަވަހަށް ޤުރުއާން ހިތުދަސްކުރާ ކުއްޖެއްކަން އެނގިގެން ދިޔައީ އެހިސާބުންނެވެ.

ކޮންމެއަކަސް އަޝްހަމްގެ މުދައްރިސުން ނިންމީ އޭނާގެ މައިންބަފައިންނާ ބައްދަލުކޮށް އެވާހަކަ ހިއްސާ ކުރުމަށެވެ. އަދި އެކަމުގައި އަޝްހަމްގެ މުދައްރިސުންގެ ފަރާތުން ވިސްނަމުންދާ ގޮތް އޭނާގެ މައިންބަފައިންނާ ހިއްސާ ކުރުމަށެވެ. އެހިސާބުން އަޝްހަމްގެ މުދައްރިސުން އޭނާގެ މައިންބަފައިންނާ ބައްދަލުކޮށް އަޝްހަމަށް ކީރިތި ޤުރުއާން އެއްކޮށް ދަސްކޮށްދިނުމަށް ބޭނުންވާ ކަމުގައި ބުންޏެވެ. އަދި މިކަމުގައި އޭނާގެ މައިންބަފައިންގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވާނެ ކަމުގައި ވެސް އަޝްހަމްގެ މުދައްރިސުން ފާހަގަ ކުރިއެވެ.

ފުރަތަމަ ދޮންދޫނި ޕްރި ސުކޫލަށް އަޝްހަމް ގެންދިޔައިމަ އެ ސުކޫލުގެ އާންޓީިންނަށް ފާހަގަވި އަޝްހަމް ޤުރުއާން ކިޔަވާލެއް އަވަސްކަން. ދެން އެދުވަހު ގެންގޮސްގެން ބުނީ އާންޓީން ބޭނުމޭ މިފަހަރު އަޝްހަމްއަށް ޚަތިމް ދަސްކޮށްދެން އެއްކޮށް. ދެން ޕޭރެންޓުންގެ ހެލްޕު ވެސް ބޭނުންވާނޭ ބުނި ހިސާބުން ދެން މަސައްކަތް ފެއްޓީ، އެއީ 2017 ވަނަ އަހަރު

އަޝްހަމްގެ މަންމަ

2017 ވަނަ އަހަރު އަޝްހަމްއާއި އަޝްހަމްގެ މައިންބަފައިންނާއި މުދައްރިސުން އަމާޒު ކުރީ އަޝްހަމަށް ކީރިތި ޤުރުއާން އެއްކޮށް ހިތު ދަސްކޮށްދިނުމަށެވެ. އަދި މާތްﷲ ގެ އިރާދަފުޅުން އެ އަހަރު އަޝްހަމް ދަސްވެނިވުމުނު އިރު އޭނާ ވަނީ ކީރިތި ޤުރުއާން އެއްކޮށް ހިތު ދަސްކޮށްފައެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރީ 2017ގައި، ނަމަވެސް ސަނަދު ލިބުނީ 2021ގައި!

2017 ވަނަ އަހަރު އަޝްހަމް ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކޮށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް އޭނާ ގެންދެވުނެވެ. އެހެން ނަމަވެސް އަޝްހަމްއަކީ އޭރު އެއްތަނަކު މަޑުން އިންނަން އުނދަގޫވި ކުއްޖެއް ކަމަށް އޭނާ މަންމަ "ދެން" އާ ހިއްސާ ކުރިއެވެ. އަދި އެހެންވުމުގެ ސަބަބުން މަރުކަޒުން އެދުނީ އަޝްހަމް އެއްތަނެއްގައި މަޑުން އިނދެވެންދެން އެ އިމްތިހާނު ލަސްކުރުމަށެވެ.

2017 ގައި ފުރަތަމަ ދަސްކޮށްފަ ގުރުއާނާ ބެހޭ މަރުކަޒަށް ވެސް ހަމަ އެއަހަރު ގެންދިޔައިން. އޭރު ދެން އަޝްހަމްއަށް ނުއެއް އިނދެވޭނެ އެއްތަނެއްގަ މަޑުންނެއް. އެހެންވީމާ އެބޭފުޅުން ވިދާޅުވީ އަޝްހަމް ތަނެއްގައި މަޑުމަޑުން އިނދެވެންދެން އިހަށް ލަސްކޮށްލަން. ދެން ލޮކްޑައުންވީމަ ގުރުއާން ކުލާހުން އަނެއްކާ ފެއްޓީ އޭތި. ދެ ފަހަރު މަތިން ޚަތިމް އެއްކޮށް ޓީޗަރަށް ކިޔައިދީފަ ދެން ގުރުއާނާ ބެހޭ މަރުކަޒަށް ސިޓީ ލާފަ ކޮމެޓީގައި ބައިވެރިވެގެން މިފަހަރު އެ ކިޔައިދިނީ

އަޝްހަމްގެ މަންމަ

ދަރިފުޅު މި ރޮނގުން ކުރިއަށް ދިއުމަށް ކުރެވެން ހުރި ކަމެއް ކޮށްދޭން މިތިބީ ތައްޔާރަށް!

ކޮންމެ މައެއްގެ ވެސް އަދި ބަފައެއްގެ ވެސް އުއްމީދަކީ އެމީހުންގެ ދަރިން އެމީހުންގެ ނަން ފަޚުރުވެރި ކުރުމެވެ. އެމީހުންގެ ދަރިންގެ ބުރަ މަސައްކަތުން އަމިއްލައަށް ކާމިޔާބު ލިބިގަތުމެވެ. އެހެންކަމުން އަޝްހަމްގެ ފަޚުރުވެރި މައިންބަފައިން ވެސް މިއަދު އެ ތިބީ އަޝްހަމަށް މިދާއިރާއިން ކުރިއަށް ދިއުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށެވެ.

އަޝްހަމް ދެން އެކަން ކުރާ ހިތުން ކުރާ ކަމުގައި ވަންޏާ ހަމަ އޭގެން ދެވެން ހުރި ހުރިހާ މަގެއް ހޯދައިދޭނަން. މިސާލަކަށް މިއަދު އެއީ ހާފިޒެއް. އަދި ދެން ދީނީ ރޮނގުން އަޝްހަމް ބޭނުންވާ ކޮންމެ ދާއިރާއަކުން ވެސް. ކުރިއަށް ދާން ބޭނުންވަންޏާ މިހުރީ އެކަން ކޮށްދިނުމަށް. މިހާރު ވެސް އެބަ ޓްރައި ކުރަން ޗާންސްތަކަށް. ގުރުއާން މުބާރާތް ތަކާއި، އިސްލާމިކް މިނިސްޓްރީން ރާގަށް ކިޔަވަން ދަސްކޮށްދޭ ކުލާސްތަކުގައި ބައިވެރި ކުރުމަށް.

އަޝްހަމްގެ ބައްޕަ

ފަޚުރުވެރި ހިނިތުންވުމަކާއެކު ތިބި އަޝްހަމްގެ ބައްޕައާއި މަންމަގެ ފަރާތުން އަޝްހަމް ކުރިއަށް ދިއުމަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަން އެމީހުން ފާހަގަ ކުރިއެވެ. އެވަގުތު އަޝްހަމްއާ ދިމާއަށް އަޅުގަނޑަށް ބަލައިލެވުނެވެ. އަދި މަޑު ހިނިތުން ވުމަކުން ހިނިތުންވެ އިނދެ ހިތާހިތުން އެކަލާނގެ ޙަޟްރަތަށް ޙަމްދު ކުރެވުނެވެ.

އަޝްހަމްގެ މައިންބަފައިން "ދެން" އާ ވާހަކަ ދައްކަނީ

ނާސަރީ ރައިމްސްއަށް ވުރެ ބޮޑަށް އަޝްހަމަށް ކަމުދަނީ ކީރިތި ގުރުއާނާއި އޭގެ ތަރުޖަމާ!

އަޝްހަމްގެ މިޒާޖާ ބެހޭ ގޮތުން އަޅުގަނޑުމެން އަޝްހަމްގެ މައިންބަފައިންނާ ސުވާލު ކުރުމުން އެނގިގެން ދިޔައީ އަޝްހަމަކީ ދީނީ ކަންކަމަށް ލޯބިކުރާ ކުއްޖެއްގެ އިތުރުން ދީނީ ވާޖިބުތައް އަދާ ކުރުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭ ކުއްޖެއް ކަމެވެ. އެގޮތުން އަޝްހަމްގެ ބައްޕަ "ދެން" އަށް މައުލޫމާތު ދެއްވި ގޮތުގައި، ބައްޕަ ކޮންމެ ތަނަކު ހުރި ކަމުގައި ވީނަމަވެސް އަޝްހަމް އަބަދުވެސް ނަމާދު ވަގުތަށް ބައްޕައަށް ގުޅާނެ ކަމަށެވެ. އަދި ނަމާދު ކުރުމަށް އެދޭނެ ކަމަށެވެ.

އަޅުގަނޑު ކޮންމެ ތަނެއްގައި ހުއްޓަސް ނަމާދު ވަގުތު ޖެހޭ އިރަށް އަޝްހަމް ގުޅާނެ. ގުޅާފަ ބުނާނެ ބައްޕާއޭ ކޮންތާކުހޭ، އަންނާށޭ ބަންގި ގޮވީއޭ. ފިލްމެއް ބަލަން އިނަސް ބަންގި ގޮވާ އިރަށް އަންނާނެ އައިސް ބުނާނެ ނަމާދު ވަގުތެއް ނޫންހޭ. އަވަހަށް ޓީވީ ޗެނަލް ޓީވީއެމްއަށް ބަދަލު ކުރާށޭ، އެއީ އެއްކަލަ ނަމާދު ކުރާ ތަނާއި ޤުރުއާނުގެ ތަރުޖަމާ އަންނާނެ އެގަޑީގައި.

އަޝްހަމްގެ ބައްޕަ

ހަމައެއާއެކު އާންމުކޮށް އަޝްހަމް އަތުގައި އޮންނަ ފޯނުން އޭނާ 99 އިންސައްތަ ޖަހާނީ ޤުރުއާނާއި އަލީ ރަމީޒުގެ އެކި ދަރުސްތައް ކަމުގައި އޭނާ ބައްޕަ ފާހަގަ ކުރިއެވެ. އަދި ނާސަރީ ރައިމްއެއް ޖަހައިގެން އުޅޭ އަޑު ވަރަށް ނީވޭނެ ކަމުގައި ވެސް ބައްޕަ ފާހަގަ ކުރިއެވެ. އަޝްހަމްގެ ބައްޕަ އެހެން ބުނި ވަގުތު ވެސް އަޝްހަމް ހުރީ އެއްއަތުން ފޯނު ހިފައިން ތަރުޖަމާ އަޅުވައި އަނެއް އަތުން ޚަތިމު ހުޅުވައިގެންނެވެ. ކިޔަވަމުން ދާ އާޔަތް ހޯދުމަށެވެ.

ޚަތިމުން ބަލަމުން ތަރުޖަމާ އަޑުއެހުމުގައި ކުޑަކުޑަ އަޝްހަމް

އަޝްހަމްގެ ކާމިޔާބީއާ ދޭތެރޭ އޭނާގެ މައިންބަފައިން މިއަދު އިންތިހާއަށް ފަޚުރުވެރިވޭ!

އަޝްހަމްގެ މި ކާމިޔާބީއާ ދޭތެރޭ އަޝްހަމްގެ މައިންބަފައިން ދެކެނީ ކިހިނެއްތޯ ކުރި ސުވާލަށް، އަޝްހަމްގެ މަންމައާއި ބައްޕަގެ ދުލުން ވެސް ޖަވާބު އައީ އެކީގައެވެ. އެއް ޖަވާބެކެވެ.

"އަލްޙަމްދުލިﷲ"

މޫނު މަތިން ހިތްހަމަޖެހުމާއި ދަރިފުޅާމެދު ފަޚުރުވެރިވާ ކަން ހާމަކޮށްދޭ ޖޯޝީ ހިނިތުންވުމެއް ފަޚުރުވެރި އެ މައިންބަފައިންގެ ފަރާތުން ފެނިގެން ދެއެވެ. އެ އުފާވެރި މަންޒަރާއެކު ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ވަރަށް ގިނަ ދުވަހުގެ އުއްމީދެއް. 2017ގައި އަޝްހަމް އެކަން ކާމިޔާބު ނުވީމަ އޭރުންސުރެ ހަމަ މަސަައްކަތް ކޮށްގެން ދުޢާ ކުރިން ހަމަ އަޝްހަމަށް މިކަން ކާމިޔާބު ކޮށްދިނުމަށް އެދި. ހިތުގަ އަޒުމް ކަނޑައެޅިން އެކަން އަޝްހަމްއަށް އިރާދަ ކުރެއްވިއްޔާ ވާނޭ. ވަރަށް އުފާވި

އަޝްހަމްގެ މަންމަ

މައެއްގެ ހިތުގައި ދަރިއަށް ޓަކައި ހާސިލުކުރަން ބޭނުންވި ފޮނި އުއްމީދުތައް ހާސިލު ކުރުމަށް އަޝްހަމްގެ މަންމަ ކުރި ބުރަ މަސައްކަތުގެ އަގު އަޝްހަމް އަދާ ކޮށްދިނީ ވަރަށް ވެސް ފުރިހަމައަށެވެ. އެކަމާ މެދު އަޝްހަމްގެ މަންމަ އުފާވާ މިންވަރާއި ފަޚުރުވެރިވާ މިންވަރު އެނގިގެން ދިޔައީ އެ މަންމަގެ އަޑުގެ ޖަޒުބާތުންނެވެ.

އަޝްހަމްގެ މަންމަ މެދު ނުކެނޑި އެކަމަށް ހުސްވެގެން ގޭގަ އިނީ. މަންމައެއްގެ ފަރާތުން އަޝްހަމަށް ހަމަ އެންމެ ފުރިހަމަ އެއްބާރުލުން ލިބިގެން ދިޔަ. ދެން އަޅުގަނޑު ކުރާ މަސައްކަތުގެ ގޮތުން ގިނަ ފަހަރު އުޅެން ޖެހެނީ މާލެއިން ބޭރުގައި. އެހެން ނަމަވެސް އަޝްހަމްގެ މަންމައަކީ އަޝްހަމްގެ އެންމެ ބޮޑު ހިތްވަރު.

އަޝްހަމްގެ ބައްޕަ

 

އަޝްހަމްއަކީ ޚާއްސައެހީއަށް ބޭނުންވާ ކުއްޖެއްކަން އެނގުނީ ކިހާ ހިސާބަކުން؟

އަޝްހަމްއަކީ އެހެންކުދިންނާ ތަފާތު ކުއްޖެކެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެންމެ ފުރަތަމަ އަޝްހަމްއަކީ އޯޓިސްޓިކް ކުއްޖެއްކަން އަޝްހަމްގެ މައިންބަފައިންނަށް ވެސް އެނގުނީ އޭނާގެ އުމުރުން އެންމެ ދެ އަހަރާއި ބައިގައެވެ. އަޝްހަމްގެ މިޒާޖުން އެ ދެމީހުންނަށް ފާހަގަވަމުންދާ ކަންކަމަށް ރިއާޔަތްކޮށް ޑޮކްޓަރަށް ދެއްކުމުންނެވެ.

އަސްލު އަޝްހަމްގެ އުމުރުން ދެއަހަރާ ބައިިވި ފަހުން އަޅުގަނޑުމެނަށް ނޯޓިސް ކުރެވެން ފެށީ. އޭރު ހުރީ މަންމަ(އަޝްހަމްގެ މަންމަ) ރަށުގަ. އެއީ ގދ ފިޔޮރީގަ. މަންމަގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އެމައްސަލަ ބެލުމަށް ޑޮކްޓަރަށް ނުދެއްކުން. ދެން އަސްލު އަޝްހަމް އައި ކޮންޓެކްޓެއް (ލޮލާ ލޯ ސީދާކޮށް ބެލުން) ނުބާއްވާނެ، އޭނާ އުޅޭނީ އޭނަގެ އަމިއްލަ ޚިޔާލުގަ. އެކަހަލަ ކަންކަމާ ހެދީ އަސްލު ބެލީ

އަޝްހަމްގެ ބައްޕަ

ޑޮކްޓަރަށް ދެއްކުމަށް ފަހު އެތައް ޓެސްޓުތަކެއް ހަދައި އެންމެ ފަހުގެ ނަތީޖާއާއެކު "ކޮންކުލޫޝަން"އަކަށްވީ އަލަތު ދަރިފުޅަކީ އޯޓިސްޓިކް ކުއްޖެއް ކަމަށް ނިންމުމެވެ. އޯޓިސްޓަކީ އެއީ ކިހިނެއްވާ ބައްޔެއް ކަމެއް އެދެމަފިރިންނަކަށް އޭރު ނޭނގުނު ނަމަވެސް ދަރިފުޅުގެ ކޮންމެ ޙާލަތަކަށް ކުރިމަތިލުމުން އެ ދެމަފިރިން ތިބީ ތައްޔާރަށެވެ.

ޑޮކްޓަރު އެހެން ބުނީމަ އަސްލު ފުރަތަމަ ނޭނގުނު އޯޓިޒަމްއަކީ ކޮބައި ކަމެއް ވެސް. ދެން ޑޮކްޓަރު ރޫމުން ނުކުމެފަ ވެސް ހަމަ ރޮވުނު. ވަރަށް ދެރަވި އެދުވަހު. ދެން ވަރަށް ގިނަ ދުވަސްތައް ނެގި އެކަމަށް ހޭނެން. ގޭތެރޭގައި އަޝްހަމްގެ ކަންތައްތައް ފެންނަ ގޮތުންނާ ކަންތައްތައް ދިމާވާ ގޮތުން. ދެން މިހާރު ބުނަންޏާ އެކަންތައްތަކަށް ހޭނިފަ މިހުރީ

އަޝްހަމްގެ މަންމަ

މަޑުމޮޅި ރާގެއްގައި އަޝްހަމްގެ މަންމަ އެދުވަސްތަކުގެ އިހުސާސްތައް "ދެން" އާ ހިއްސާ ކޮށްލިއެވެ. އެވަގުތު އެ ދެމަފިރިންގެ ހިތްވަރަށް އަޅުގަނޑަށް ހިތާ ހިތުން ސާބަސް ދެވެމުން ގެންދެވުނެވެ.

"އޯޓިޒަމް ކުދިން ބާކީ ނުކޮށްލާ" އަޝްހަމްގެ މައިންބަފައިންގެ އާދޭސް!

މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި މަދުން ނަމަވެސް ފެންނަ މަންޒަރަކީ މިފަދަ ކުދިން މުޖުތަމައުން އެއްކިބާކޮށް ބާކީ ކޮށްލައިފައިވާ މަންޒަރެވެ. އެފަދަ މީހުންނަށް އަޝްހަމްގެ މައިންބަފައިން ޚާއްޞަ މެސެޖެއް ދީފައެވެ.

އެހެން ނަހަދާ. އެެކުދިން ބާކީ ނުކޮށްލާ. ހަގީގަތުގައި އެކި ކުދިންނަށް ލިބިފައި ހުންނާނީ އެކި ހުނަރު. އެއްބައި ކުދިން ލިޔެ، ކުރަހާނެ. ނޫނީ ވާހަކަ ކިޔާނެ. ބާކީ ކޮށްނުލާ އެކުއްޖެއްގެ ޓެލެންޓުން ކުރިއަށް ގެންދިއުމަށް ފުރުސަތުދީ

އަޝްހަމްގެ ބައްޕަ

މިއަދު އަޝްހަމްގެ މައިންބަފައިން އަޝްހަމްގެ ކާމިޔާބީއާ ދޭތެރޭ ފަޚުރުވެރިވާ ޙާލު، އެ ދެމީހުންގެ ކުޑަކުޑަ އަޝްހަމްއާ ދޭތެރޭ ކުރެވޭ އުއްމީދު ވެސް އެހާމެ ފޮންޏެވެ. އެގޮތުން މިދާއިރާގައި ދަރިފުޅު މައްޗަށް ދިއުމަކީ ދެމަފިރިންގެ އެންމެ ބޮޑު އުއްމީދެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެ ދެ މީހުންގެ ވާހަކަތަކުން އަޅުގަނޑަށް ފާހަގަވިއެވެ.

އަޝްހަމްއާއި އަޝްހަމްގެ ކުޑަކުޑާ އާއިލާ

އަޝްހަމްގެ މި ކާމިޔާބީގެ ފަހަތުގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި ހިތްވަރު!

އަޝްހަމްގެ މި ކާމިޔާބީގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ އެއް ފަރާތެއްގެ ގޮތުގައި އަޝްހަމްގެ މައިންބަފައިން ފާހަގަކުރީ، އާއިލާއެވެ. އާއިލާގެ އެހީތެރިކަމާ ނުލާ އެއީ ވާނެ ކަމެއް ނޫން ކަމަށް އެދެމީހުން ގަބޫލު ކުރެއެވެ. އަދި ޚާއްސަކޮށް ދޮންދޫނި ޕްރީ ސުކޫލަށް އަޝްހަމްގެ މައިންބަފައިންގެ ހިތުގެ އެންމެ އަޑިން ޝުކުރުއަދާކުރާ ޙާލު އެ ދެމީހުން ފާހަގަ ކުރީ، 99 އިންސައްތަ މަގުދައްކަދިން ބައެއްގެ ގޮތުގައި ދޮންދޫނި ޕްރީ ސުކޫލް ވާނެ ކަމަށެވެ. އަދި އެ ސުކޫލުގައި އަޝްހަމްގެ މުދައްރިސެއް ކަމަށްވާ ނަޒޫ އާންޓީ އަޝްހަމްއާ ދޭތެރޭ ބެހެއްޓެވި ގާތްކަމާއި ވެދެއްވި އެހީތެރިކަން އެ ދެމީހުން ވަނީ ފާހަގަ ކޮށްފައެވެ.

ހަމައެހެންމެ، ފިކުރީ ސާރ އާއި، އަޝްހަމްގެ ގުރުއާން ކުލާހުގެ މުދައްރިސް، ޒޫނާ މިސްއަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް އެ ދެމަފިރިން ވަނީ އަދާ ކޮށްފައެވެ. އަދި ހާމިދު ސަރގެ ނަން ފާހަގަ ކޮށް އަޝްހަމްގެ ބައްޕަ ހާމިދު ސަރ ސިފަ ކުރެއްވީ އެއްބަނޑު މީހެއްހާ ގާތް މީހެއްގެ ގޮތުގައެވެ. ހާމިދު ސަރގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވެސް އެ ދެމަފިރިންގެ ހިތުގެ އެންމެ ފުންމިނުން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ނަން ހާމަ ނުކުރެވުނު ނަމަވެސް އަޝްހަމްގެ މި ކާމިޔާބީގައި އެހީތެރި ވެދިން އެންމެހާ ބޭފުޅުންނަށް އެ ދެމަފިރިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އިންޓަރވިއު ނިންމާލުމަށް ފަހުގައި އަޅުގަނޑުމެން ބޭނުންވީ އަޝްހަމްގެ ކިޔެވުން އަޑުއަހާލާށެވެ. އެގޮތުން ކިރިތި ގުރުއާނުން ކުޑަ މިންވަރެއް ކިޔާލުމަށް އަޅުުގަނޑުމެން އެދުމުން އަޝްހަމް ކިޔަވަން ފެށިއެވެ. ކިޔަވަމުން ދިޔަ ވަގުތު އަޝްހަމް ކިޔަވަމުން ގެންދިޔަ ސޫރަތް ، ޚަތިމުން ބަލަމުން ގެންދިޔައީ އަޝްހަމްގެ މައިންބަފައިންނެވެ.

އަޝްހަމްގެ ކިޔެވުން އަޑު އެހުމަށް އަޅުގަނޑު އިނީ ހަމަ ހައިރާންވެ އަންތަރީސް ވެފައެވެ. ޚަތިމަށް ނުބަލާ ކިޔަވަމުން ގެންދިޔައިރު، ތަޖުވީދު މަގުން އަޝްހަމް ގެންދިޔައީ އެކި ރާގުތަކަށް ކިޔެވުން ފައްތަމުންނެވެ. ހަގީގަތުގައި ވެސް ހިތާ ކުޅެލި ފުރިހަމަ މަންޒަރެކެވެ. މާތްﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކެބަލާށެވެ. އަހަރެމެން ސިއްހަތު ސަލާމަތުން ތިބި މީހުންނަށް ޤުރުއާން ހިތު ދަސްކުރުން އުނދަގޫ ކަމަކަށް ވެފައިވާއިރު، އުމުރުން ނުވަ އަހަރުގެ ކުޑަކުޑަ އަޝްހަމް އެހުރީ ޤުރުއާން ހިތުދަސް ކޮށްގެންނެވެ. ޚާއްސައެހީއަށް ބޭނުންވާ ކުއްޖަކީ އެއީ އެއް ނޫނެވެ. ޚާއްސަ އެހީއަށް ބޭނުން ވަނީ އަހަރެމެންގެ ވިސްނުމާއި އަހަރެމެންގެ ފިކުރެވެ. މިއަދު އަޝްހަމް އެހުރީި މާތްﷲ ގެ އިރާދަފުޅާއެކު އާޚިރަތުގައި އަޝްހަމްގެ މައިންބަފައިންގެ ބޮޅުގައި އަޅާނެ ރަން ތާޖު ހާސިލުކޮށްގެންނެވެ. އަޝްހަމްގެ މައިންބަފައިންނާ އަޝްހަމްގެ ކާމިޔާބިއާ މެދު އަޅުގަނޑު ފަޚުރުވެރި ވަމެވެ.

Ads by HDC
  1. ކިޔުންތެރިޔާ

    މަރްހަބާ ޝުފާ