މީހުން ދެން ފުރަމަލަ

"ޖަވާބަ"ށް ސުވާލުތަކެއް! ޖަވާބު ދިނީ ގައުމަށް ރީތި ނަން ހޯދައިދިން ހުނަރުވެރި އަރުޝަދު!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ވަރުބަލިވެއްޖެއެވެ. އަދި މި އެރުނީ ހަތަރުވަނަ ބުރިއަށެވެ. އަރަން މި ޖެހެނީ 7 ވަނަ ބުރިއަށެވެ. ހިތްވަރު ކޮށްފައި ހަތްވަނަ ބުރިއަށް ވެސް އަރައިފީމެވެ. ހަތް ވަނަ ބުރީގައި "ޖަވާބު ޕވޓ ލޓޑ"ގެ އޮފީހުގެ ދޮރުމަތީގައި ހުއްޓިލައިގެން އަރުޝަދު ހުއްޓެވެ. ވަރުބަލި ވެއްޖެ ދޯއޭ ބުނެ ފެން ކޫލަރާ ދިމާއަށް އިޝާރާތް ކޮށްލިއެވެ. ނަމަވެސް ފެން ނުބޮވާތީ އަޅުގަނޑު އޯކޭ ކަމަށް ބުނީމެވެ.

Ads by STELCO

މި ބައްދަލުވީ ހއ.އުލިގަމަށް އުފަން އަރުޝަދު އަހްމަދާއެވެ. އޯލެވެލްއިން ދުނިޔެއިން ތިންވަނަ އަދި ގައުމަށް ރީތި ނަން ހޯދައިދީ ރައީސްގެ އެވޯޑް ޙާޞިލް ކޮށްފައިވާ ޒުވާން ހުނަރުވެރިޔާއާއެވެ. "ޖަވާބު"ގެ ބާނީއާއެވެ. އޭނާގެ ޖަވާބުތައް މިއޮތީއެވެ.

އަރުޝަދުގެ ޝައުގުވެރިކަން އައިޓީ ދާއިރާއަށް

އުފަން ރަށް ހއ.އުލިގަމުގައި ދިރިއުޅުމަށް ފަހު އަރުޝަދު މާލެ ބަދަލުވީ 2000 ވަނަ އަހަރުގައެވެ. މާލޭގައި އޭނާ ކިޔަވަން ހުރީ ދެބެންގެ ދެދަރި ކުއްޖެއްގެ ގޭގައެވެ. އޭނާއަށް ހަޔާތުގައި ފުރަތަމަ ފަހަރަށް ކޮމްޕިއުޓަރެއް ފެނުނީ އެ ގޭގައި ކިޔަވަން ހުރި ދުވަސްވަރުއެވެ. އެ ހިސާބުން ވެސް އޭނާގެ ޝައުގުވެރިކަން ކޮމްޕިއުޓަރަށް ދަމައިގަތެވެ. ކޮމްޕިއުޓަރުން އެކި ކަހަލަ ގްރެފިކްސް ކަންތައްކޮށް އެކި ކަހަލަ ގޭމްތައް ކުޅެ ކޮމްޕިއުޓަރަށް އޭނާ އަހުލުވެރިވިއެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެ ވެސް އަރުޝަދުގެ ޝައުގުވެރިކަން ހުއްޓުނީ އައިޓީ ދާއިރާއަށެވެ.

އަރުޝަދު "ދެން"އަށް އިންޓަވިއު ދެނީ

ގްރޭޑް 8ގައި ޚިޔާރު ކުރީ ކޮމްޕިއުޓަރ ސައިންސް

ސާނަވީ ތައުލީމާ ހިސާބަށް ދެވުމުން ކޮންމެ ވެސް މާއްދާއެއް އޮޕްޝަނެއްގެ ގޮތުގައި ނަގަން ޖެހެއެވެ. ބައެއް ކުދިން ޓްރެވަލް އެންޑް ޓޫރިޒަމް ނަގާއިރު އަރުޝަދު ޚިޔާރު ކުރީ ކޮމްޕިއުޓަރ ސައިންސެވެ. އަރުޝަދު އެހެން ބުނުމުން މާޒީގެ ސަފްހާތައް ގޮސް ހުއްޓުނީ އަޅުގަނޑު އަހްމަދިއްޔާގައި އުޅުނު ދުވަސްވަރު ކޮމްޕިއުޓަރ ސައިންސް ކިޔެވި ހަނދާނަށެވެ. އެއީ އަޅުގަނޑަށް ވަރަށް އުނދަގޫވި މާއްދާއެކެވެ. ކިރިޔަ ކިރިޔާ ހަމަ ފާސްވީއެވެ. ފިލާވަޅު ނުނިންމާ ދާތީ ގިނަ ފަހަރަށް ހުންނަން ޖެހެނީ ކުލާހުން ބޭރުގައެވެ.

ގްރޭޑް 8ގައި ކޮމްޕިއުޓަރ ސައިންސް އޮޕްޝަނެއްގެ ގޮތުގައި ނެގުން ވެގެން ދިޔައީ އަރުޝަދުގެ ހުނަރު ކުރިއެރުވުމަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތަކަށެވެ. އެގޮތުން ކޮމްޕިއުޓަރ ސައިންސް މާއްދާގެ ތެރެއިން އޭނާއަށް ކޯޑު ކުރަން ދަސްވިއެވެ.

އެހިސާބުން އަސްލު ކޯޑު ކުރަން ފެށުނީ. އޭރު ޕްރޮޖެކްޓަކަށް ހެދީ ސްޓޮކް މެނޭޖްމަންޓް ސިސްޓަމެއް. އޭރު ކޯޑު ކުރަން ދަސްކޮށްފަ އުފެދުނު ޝައުގަކުން އަސްލު މި ދާއިރާއަށް ވަދެވުނީ

އޯލެވެލްގައި ކޮމްޕިއުޓަރ ސައިންސުން ދުނިޔެއިން 3 ވަނަ

މީގެ ކުރިން އަރުޝަދު އަކީ ކާކުކަމެއް އަޅުގަނޑަކަށް މާ ބޮޑަކަށް ނޭނގެއެވެ. އެހެން ނަމަވެސް ފޭސްބުކް ތެރެއިން އޭނާއަކީ އައިޓީގެ ދާއިރާގައި ވަރަށް ކުޅަދާނަ މީހެއްކަން އޮތީ އެނގިފައެވެ. އިންޓަވިއު ކުރިއަށް ދިޔަ ވަރަކަށް އަރުޝަދުއާ ބެހޭ ގޮތުން އިތުރަށް އެނގެމުން ދިޔައެވެ. އޭނާއަކީ ސުކޫލް ދައުރުގައި ވެސް ތޫނުފިލި ދަރިވަރެކެވެ. ދަރިވަރުންނާ ގުޅޭ އިސްވާރެކެވެ.

ކޮމްޕިއުޓަރ ސައިންސުން އޯލެވެލްގައި އޭނާއަށް ދުނިޔެއިން ތިންވަނަ މަގާމު ލިބުނެވެ. އެއީ ހަގީގަތުގައި ވެސް ވަރަށް ތޫނުފިލި ދަރިވަރަކަށް ނޫނީ ނުހޯދޭނެ ނަތީޖާއެއްކަން ޔަގީނެވެ.

އަރުޝަދުއަށް އޯލެެވެލް އިން ކޮމްޕިއުޓަރ ސައިންސް އިން ލިބުނީ 3 ވަނަ

މަތީ ތައުލީމް ހާސިލު ކުރަން ނިންމީ ވެސް ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން

ބައެއް ފަހަރަށް މަތީ ސާނަވީ ތައުލީމާ ހަމައަށް ކިޔެވޭއިރު ވެސް ބައެއް ދަރިވަރުންނަށް ކުރިއަށް ދާން ބޭނުންވާ ދާއިރާ ޔަގީން ނުވެ ހުރެއެވެ. އެހެން ނަމަވެސް ކޮމްޕިއުޓަރ ސައިންސަށް ހިތުގައި އުފެދުނު ޝައުގުވެރިކަމުގެ ސަބަބުން އަރުޝަދަށް އެއީ މާ ބޮޑު އުނދަގުލަކަށް ނުވިއެވެ. އެހެންކަމުން މަތީ ތައުލީމް ހާސިލު ކުރަން ވެސް އޭނާ ނިންމީ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިންނެވެ.

އަރުޝަދު މަތީ ސާނަވީ ތައުލީމް ހާސިލު ކުރީ ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަން ސެންޓަރ (ސީއެޗްއެސްސީ) އިންނެވެ. އެ ސުކޫލްގައި އުޅެމުން އެކުވެރި ޖައިލަމްއާ ދެމީހުން ވެެގެން އެންމެ ފުރަތަމަ ޑިޒައިން ކުރި ވެބްސައިޓަކީ ސީއެޗްއެސްސީގެ ވެބްސައިޓުކަމަށް އަރުޝަދު ކިޔައިދިނެވެ.

ސްކޮލާރޝިޕެއްގައި މެލޭޝިއާއަށް މަތީ ތައުލީމް ހާސިލް ކުރުމަށް

އަރުޝަދު މަތީ ތައުލީމް ހާސިލު ކުރީ މެލޭޝިއާގެ ޔުނިވާސިޓީ އޮފް ނޮޓިންހަމްއިންނެވެ. އެއީ 10 ކުދިންނަށް ހުޅުވައިލައިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓުން އަރުޝަދަށް ލިބުނު ސްކޮލަރޝިޕެކެވެ.

އަޅުގަނޑަށް ހީކުރެވުނީ ރަނގަޅު ހީކުރެވުމެއްކަން ޔަގީން ވިއެވެ. ހަމަ ހަގީގަތުގައި ވެސް އަރުޝަދަކީ ތޫނުފިލި މޮޅު ދަރިވަރެކެވެ. އެ ކޯހުގައި ވެސް އޭނާއަށް ރަން ވަނައެއް ލިބުނެވެ. އެއީ ކޯހެއްގައި ދަރިވަރަކަށް ލިބޭނެ އެންމެ ފަޚުރުވެރި ވަަނައެވެ. މުޅި ކޯހުން އެއްވަނައެވެ. އެކަމުގެ އަގު ވަޒަންކޮށް ރައީސްގެ ހާއްސަ އިނާމު ވެސް އަރުޝަދު އަށް ވަނީ ލިބިފައެވެ.

މަތީ ތައުލީމް ހާސިލު ކުރުމަށް ފަހު މާލެއަށް، ގޮންޖެހުމަކަށްވީ ވަޒީފާ ހޯދުން

މެލޭޝިއާގެ ސެލަންގޯރުއިން މަތީ ތައުލީމް ހާސިލު ކުރުމަށްފަހު އަރުޝަދު މާލެ އައީ 2016 ވަނަ އަހަރުގައެވެ. މާލެ އައުމަށްފަހު އަރުޝަދުއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާއެއް ހޯދުމަށް ކުރިމަތިވި ދަތިތަކެވެ. އެއީ ރާއްޖޭގައި އައު ވާހަކަތަކެއް ނޫންތާއެވެ. މަތީ ތައުލީމް ހާސިލު ކޮށްގެން ވަޒީފާއެއް ނުލިބި ގަނަތެޅޭ އެތައް ޒުވާނުންނެއް އެބައުޅެއެވެ.

ވަޒީފާތަކަށް އަރުޝަދު އެޕްލައި ކުރަމުން ދިޔައެވެ. އެގޮތުން ނޭޝަނަލް ސެންޓަރ ފޯ އިންފޯރމޭޝަން ޓެކްނޮލޮޖީއަށް ވެސް އަރުޝަދު އިންޓަވިއުއަށް ދިޔައެވެ. ނަމަވެސް އެތަނުން ވެސް އަރުޝަދުއަށް ބުނީ ނޫނެކޭ އެވެ. ނަމަވެސް އަރުޝަދު އުއްމީދު ކަނޑައެއް ނުލައެވެ. ވަޒީފާތަކަށް އެޕްލައި ކުރަނިކޮށް އަރުޝަދަށް އޭނާގެ އަލަތު ވަޒީފާ ލިބުނީ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިންނެވެ.

ދިރާގުން ފުރަތަމަ ޖޮބަކަށް ޖޮއިން ކުރީ. އެއީ އެޕްލިކޭޝަން ޑިވަލޮޕްމަންޓް އާރކިޓެކްޗަރއެއް ގޮތުގައި. އެއީ އަސްލު ފުރަތަމަ މުޅިން އަލަށް ޖޮބަކަށް ދިޔަ ފަހަރު. އޭގެ ކުރިން އޭލެވެލް ނިންމާފަ ވެސް ވަޒީފާއެއް ނުލިބޭ

ވަޒީފާގައި އުޅުނީ ބަރާބަރު 2ހަފްތާ

އަރުޝަދު ވަޒީފާއަށް ދިރާގަށް ދިޔައިރު އޭނާއަކީ ވަޒީފާގެ މާހައުލަށް މުޅިން އައު މޫނެކެވެ. ވަޒީފާގައި މާ ބޮޑު ކަމެއް އޭނާ ކުރާކަށް ނުޖެހެއެވެ. މުސާރަ ވެސް ރަނގަޅެވެ. ނަމަވެސް ވަޒީފާގެ މާހައުލަށް މުޅިން އައުވުމާއި އަދިވެސް އެހެން ބައެއް ސަބަބުތަކާހުރެ ވަޒީފާއަށް ދާން ފެށިތާ ދެ ހަފްތާ ތެރޭގައި އޭނާ ފޫހި ވެއްޖެއެވެ. އޭރު އޭނާ ވަނީ ފްރީ ލޭންސްކޮށް ވެސް މަސައްކަތް ކުރަން ފަށައިފައެވެ. އެހެންކަމުން އަމިއްލަ ވިޔަފާރިއެއް ފެށުމަށް އޭނާގެ ވިސްނުން ސިގްނަލް ދެމުން ދިޔައެވެ.

އެހެންކަމުން ވަޒީފާއަށް ނިކުތްތާ ބަރާބަރު ދެ ހަފްތާވީ ދުވަހު އޭނާ ވަޒީފާ ދޫކޮށް ދިރާގުން ކެނޑެން ބޭނުންވާ ވާހަކަ ބޮސް ގާތުގައި ބުންޏެވެ. އަދި ދިރާގުން ކެނޑި އަމިއްލަ ވިޔަފާރިއެއް ފެށުމުގެ މަސައްކަތަށް އޭނާ އަތުކުރި އޮޅާލިއެވެ.

"ޖަވާބު" ވުޖޫދަށް

ދިރާގުން ނުކުމެ ވިޔަފާރިއެއް ފެށުމަށް އަރުޝަދުއަށް އެެންމެ ފަސޭހަވީ އޭނާގެ ވިޔަފާރި ޕާރޓްނަރުގެ ސަބަބުންނެވެ. އޭނާގެ ވިޔަފާރި ޕާރޓްނަރު ޖައިލަމް އާއި އަރުޝަދުގެ ގުޅުމަކީ ދުވަސްވީ ގުޅުމެވެ. މާޒީގެ ސަފްހާތަކުން އެވާހަކަތައް އަރުޝަދު ހިއްސާ ކުރިއެވެ.

އަރުޝަދު އާއި ޖައިލަމް އެންމެ ފުރަތަމަ ދިމާވީ އަރުޝަދު ގްރޭޑް 4ގައި ކިޔަވަން އުޅުނު އިރުގައެވެ. އެއީ ޓީވީއެމްގައި އޮތް ކުއިޒް މުބާރާތެއްގައެވެ. ޖައިލަމް އުޅުނީ ކަލާފާނު ސުކޫލުގައެވެ. އަރުޝަދު އުޅުނީ މަޖީދިއްޔާގައެވެ. އޭރު އެ ދެމީހުންނަކަށް އެކަކު އަނެކަކެއް ނޭނގެއެވެ. އޭގެ ފަހުން ދެމީހުން ވާހަކައެއް ވެސް ނުދައްކައެވެ.

އެހެން ވިޔަސް އަރުޝަދު އާއި ޖައިލަމް އަނެއްކާ ވެސް އިއްތިފާގަކުން ނަމަވެސް ދިމާވީއެވެ ގްރޭޑް އަށަކަށް ޖައިލަމް އާއި އަރުޝަދު ވެސް މަޖީދިއްޔާ ސުކޫލަށް ބަދަލު ވުމުންނެވެ. މިފަހަރު އެދެމީހުން ދިޔައީ އެއް ކުލާހަކަށެވެ. މަޖީދިއްޔާގައި ކިޔެވި ދުވަސްވަރު ޖައިލަމްއަކީ ސުކޫލްގެ ކެޕްޓަނެވެ. އަރުޝަދަކީ ސުކޫލްގެ ހައުސްއެއްގެ ކެޕްޓަނެވެ. މަޖީދިއްޔާއިން ސާނަވީ ތައުލީމް ނިންމުމަށްފަހު ޖައިލަމްއާއި އަރުޝަދު ވެސް ދިޔައީ ސީއެޗްއެސްސީ އަށެވެ. އެ ސުކޫލްގައި ވެސް ޖައިލަމް އުޅުނީ ކެޕްޓަނެއްގެ މަގާމުގައެވެ. އަރުޝަދަކީ ވައިސް ކެޕްޓަނެވެ. އެހެން ކަމުން ސުކޫލްގައި އުޅުނު އިރު ވެސް ދެމީހުންގެ ދެމެދުގައި އުފެދިފައި ވަނީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމެކެވެ.

ދެމީހުން އެކުގައި ކުރި ފުރަތަމަ ޑިވަލޮޕްމެންޓް މަސައްކަތަކީ ވޮލެންޓިއަރކޮށް ކުރި މަސައްކަތެކެވެ. ސީއެޗްއެސްސީގެ ވެބްސައިޓް ހެދުމުގެ މަސައްކަތެވެ. ވެބްސައިޓްގެ ހުރިހާ ޑިވަލޮޕްމަންޓް މަސައްކަތްތަކެއް އަރުޝަދު ކުރި އިރު ބޭނުންވާ މައުލޫމާތު އެއްކޮށް ޕްރޮޖެކްޓް މެނޭޖް ކުރީ ޖައިލަމްއެވެ. ބުރަ މަސައްކަތާއެކު ނިންމާލި މި ވެބްސައިޓް އެ އަހަރުގެ ސީއެޗްއެސްސީގެ ޕްރައިޒް ޑޭގައި އިފްތިތާހު ކުރެވުނު އިރު އެއީ ސީއެޗްއެސްސީގެ ވެބްސައިޓެއް އަލަށް އުފަންވި ދުވަހެވެ. މައުލޫމާތު ކުށް ކަމުގައި ނުވާނަމަ އަދިވެސް އެ ސުކޫލްގައި ބޭނުން ކުރަނީ އެ ވެބްސައިޓެވެ.

އެއަށްފަހު އަރުޝަދު އާއި ޖައިލަމްގެ މަސައްކަތް ފެށުނީ ތަންތަނުން ބިޑްކޮށްގެން ލިބުނު މަސައްކަތްތަކުގެ ތެރެއިންނެވެ. އޭރު އަރުޝަދު ހުރީ މެލޭޝިއާގައި ކިޔަވާށެވެ. ޖައިލަމް ހުރީ މާލޭގައެވެ. އެ ވިސްނުމާއެކު ދެމީހުން އެއްބަސްވެ އެންމެ ފުރަތަމަ ބިޑް ހުށަހެޅީ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ވެބްސައިޓް ޑިވަލޮޕް ކުރުމަށެވެ. އޭރު ބިޑް ހުށަހެޅީ އަމިއްލަ ނަމުގައެވެ. ކަން ދިމާ ކުރި ގޮތުން އެ މަސައްކަތް ލިބުނީ ވެސް އަރުޝަދުމެންނަށެވެ. އެ ޕްރޮޖެކްޓުގައި ވެސް ޑިވަލޮޕްމަންޓުގެ ހުރިހާ މަސައްކަތެއް ކުރީ މެލޭޝިއާގައި ހުރެގެން އަރުޝަދުއެވެ. ކްލައިންޓާ ޑީލް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ ޖައިލަމްއެވެ. އެއީ އެކުގައި ކުރެވުނު ފުރަތަމަ މަސައްކަތެވެ. މޯލްޑިވްސް ރެޑް ކްރެސެންޓުން އަދިވެސް ބޭނުން ކުރަނީ އެ ވެބްސައިޓެވެ.

އެއަށްފަހު އަރުޝަދު ކިޔަވާ ނިންމުމަށްފަހު މާލެ އައިސް ވެސް އަމިއްލަ ގޮތުން ތަންތަނަށް ބިޑް ހުށަހަޅަމުން ދިޔައެވެ. ނަމަވެސް ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްފައި ނުވުމުން ދަތިތަކާ ކުރިމަތިވަމުން ދިޔައެވެ. އޭރު ޖައިލަމް ހުރީ ކިޔަވަން ލަންކާއަށް ގޮހެވެ. އެހެންކަމުން 2016 ވަނަ އަހަރު "ޖަވާބު" ފުރަތަމަ ވުޖޫދަށް އައީ އަރުޝަދުގެ އަމިއްލަ ކުންފުންޏެއް ގޮތުގައެވެ. އެ ގޮތުގައި އަހަރެއްހާ ދުވަހު އޮޕަރޭޓް ކުރުމަށްފަހު ޖައިލަމް ކިޔަވައި ނިންމާ މާލެ ބަދަލުވުމުން ދެމީހުންގެ ޕާރޓްނާޝިޕް ކުންފުންޏަކަށް ވިޔަފާރި ބަދަލު ކުރެވުނެވެ.

"ޖަވާބު"އާ އެކު ގިނަ މަސައްކަތްތަކެއް

ޖަވާބުއާއެކު ކުރެވުނު އެންމެ ހިތްހަމަ ޖެހޭ މަސައްކަތަކީ ކޮބައިތޯ އަރުޝަދުއާ ސުވާލު ކޮށްލީމެވެ. އެއީ އަރުޝަދަށް ޖަވާބު ދޭން މާ ފަސޭހަވީ ސުވާލެއް ނޫނެވެ. ސަބަބަކަށް ވަނީ ގިނަ މަސައްކަތްތަކެއް "ޖަވާބު"ގައި އަރުޝަދުއަށް ކުރެވިފައި ވުމެވެ. އެގޮތުން ފާއިތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސާޅީހަށްވުރެ ގިނަ ޕްރޮޖެކްޓުގެ މަސައްކަތް ކުރެވިފައިވާނެ ކަމަށް އަރުޝަދު ބުންޏެވެ.

ވިސްނަން އިރުކޮޅަކު އިނުމަށްފަހު އަރުޝަދު ޖަވާބު ދިނެވެ. ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓް ހެދުމުގެ މަސައްކަތަކީ ވަރަށް ހިތްހަމަ ޖެހޭ މަސައްކަތެއްގެ ގޮތުގައި އަރުޝަދު ސިފަކުރިއެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެއީ ރާއްޖޭގެ މޫނުމަތި ކަމުގައި ވުމަކީ އެންމެ ބޮޑު ސަބަބެވެ. އެއީ މިދިޔަ އަހަރު ޖަވާބުން ކުރި މަސައްކަތެކެވެ.

މީގެ އިތުރުން އަރުޝަދު ފާހަގަ ކުރީ ފުރަބަންދުގެ ތެރޭގައި އިންކަމް ސަޕޯޓް އެލަވަންސްއަށް ހުށަހެޅުމަށް ހުޅުވައިލީ ޖަވާބުން ޑިވަލޮޕް ކުރި ޖޮބް ސެންޓަރ ވެބްސައިޓުން ކަމަށެވެ. އެއީ ވެސް ވަރަށް ހިތްހަމަ ޖެހޭ އަދި އެހާމެ "އިމްޕެކްޓްފުލް" މަސައްކަތެއްގެ ގޮތުގައި އަރުޝަދު ސިފަކުރިއެވެ،

ޖަވާބު އެކަޑަމީ

މި ދާއިރާގައި މަސައްކަތް ކުރަން ފަށައި ދިމާވި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އަރުޝަދު ސިފަ ކުރީ މަސައްކަތާ ގުޅޭ ފަންނުވެރިން ހޯދުމެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދައި މިދާއިރާއިން ދިވެހީން ބިނާކުރުމުގެ ގޮތުން "ޖަވާބު އެކަޑަމީ"ގެ ނަމުގައި އަރުޝަދުމެން މަސައްކަތެއް ފެށިއެވެ. އެ މަސައްކަތުގައި އިންޓަރންޝިޕް ފުރުސަތެއް ވެސް ހުޅުވާލިއެވެ. އެއީ ޕެއިޑް އިންޓަރންޝިޕެކެވެ. އެ އިންޓަރންޝިޕްގައި 2018 ވަނަ އަހަރު މަސައްކަތްކުރި ކުއްޖަކު މިހާރު ވެސް ޖަވާބުގެ މުވައްޒަފެއްގެ ގޮތުގައި އެބައުޅެއެވެ.

ޖަވާބު އުފެދި އެންމެ ފުރަތަމަ އަރުޝަދުމެން މަސައްކަތް ކުރީ ވަރަށް ކުޑަ ޖާގައެއްގައެވެ. އަރުޝަދު އެތަން ސިފަ ކުރީ ކުޑަކުޑަ ކޮޓަރިގަނޑެއްގެ ގޮތުގައެވެ. އެ ތަނުގައި ދުވަސްކޮޅަކު މަސައްކަތް ކުރުމަށްފަހު މިހާރުގެ އޮފީހަށް އެމީހުން ބަދަލުވީ 2018 ވަނަ އަހަރުގައެވެ. އެއީ ޖާގަ ތަނަވަސް އޮފީހެއް ކަމުން އަރުޝަދުމެން ބޭނުންވީ ޖާގައިގެ ބޭނުން ކޮންމެވެސް ގޮތަކަށް ހިފާށެވެ.އަދި އަރުޝަދު އާއި ޖައިލަމްއަކީ ވެސް މީގެ ކުރިން ޓިއުޝަން ދިން ދެމީހުން ކަމަށް ވާތީ އެންމެ މޮޅު ޚިޔާލަކަށް އައީ އެތަނުގައި ކިޔަވައިދޭން ފެށުމެވެ. އެހެން ކަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި "ޖަވާބު އެކަޑަމީ"ގެ ނަމުގައި ރަޖިސްޓްރީ ކުރެވި މަސައްކަތްތައް ފެށީއެވެ.

ހުން ސްކޭން، ތަފާތު މަސައްކަތެއް

އާރޓިފިޝަލް އިންޓެލިޖެންސްއަކީ ރާއްޖޭގައި ވަރަށް ނުކުރާ މަސައްކަތެކެވެ. އެހެން ނަމަވެސް ޖަވާބުއާ އެކު އަރުޝަދުމެން މިހާރު ވަނީ އެފަދަ މަަސައްކަތްތައް ވެސް ކުރަން ފަށައިފައެވެ. އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޖަވާބުގެ ފަރާތުން ޑިވަލޮޕް ކުރި ހުން ސްކޭން އަކީ ތަފާތު މަސައްކަތެކެވެ.

އެ މަސައްކަތަކީ މެލޭޝިއާގެ ބައެއްގެ ފަރާތުން ޓެމްޕެރޭޗަރ ސްކޭން ސިސްޓަމެއް ހެދުމަށް އެދުމުން އަރުޝަދުމެން ކުރަން ފެށި މަސައްކަތެެކެވެ. އޭގެ ސޮފްޓްވެއަރ ޑިވަލޮޕް ކުރީ އަރުޝަދުމެންނެވެ. އެގޮތުން އެ މެޝިނުން މީހާގެ ފިނިހޫނުމިން ހުރި ވަރު ފުރަތަމަ ބަލައެވެ. އެއަށްފަހު މެޝިން ލައިނެއް ބޭނުން ކޮށްގެން މީހަކު އައިސް ކުރިމައްޗަށް ހުއްޓުމުން އެމީހެއްގެ ހުން ހުރިތޯ ނުވަތަ ނޫންތޯ ޗެކް ކުރާނެއެވެ.

މީގެ އިތުރުން ވެެސް ހުން ސްކޭންގައި އެމީހުން އެހެން ފީޗަރ އެއް ވެސް ހިމެނިއެވެ. އެއީ އޭގެ ކުރިމައްޗަށް ހުއްޓުމުން މާސްކު އެމީހަކު ހުރީ މާސްކު އަޅާފައިތޯ ނުވަތަ ނޫންތޯ ބެލުމެވެ. އަދި މާސްކު ނާޅާ ހުރެއްޖެ ނަމަ މާސްކު އެޅުމަށް އެ މެޝިނުން އަންގާނެއެވެ.

މިހާރު ވެސް އަރުޝަދުމެން ދަނީ ތަފާތު މުހިންމު މަސައްކަތެއް ކުރަމުންނެވެ. އެއީ ލޯފަން ކުދިންނަށް ތާނައިން ލިޔެފައި ހުންނަ އެއްޗެހި ކިޔައިދޭ ސޮފްޓްވެއަރ އެކެވެ.

އަރުޝަދުގެ ހުވަފެން، ރާއްޖޭގެ އަސްދަނޑިން ބޭރަށް

ރާއްޖޭގެ އިގްތިސާދު ބިނާވެފައި މި އޮންނަނީ ޓޫރިޒަމްގެ މައްޗަށް ކަމަށް ވެފައި ކޮވިޑް-19ގެ ސަބަބުން ގެސްޓުންނަށް ރާއްޖެއަށް ނާދެވި ގިނަ ދަތިތަކަކާ ޓޫރިޒަމް ދާއިރާއަށް ކުރިމަތިވިކަން އަރުޝަދު ފާހަގަ ކުރިއެވެ. އަދި އެ ދުވަސްވަރު ވެސް ގޫގުލް އަދި އެމެޒޮން ފަދަ ތަންތަނުގެ ޝެއަރތައް މައްޗަށް ދިޔަ ކަމުގައި ބުންޏެވެ. އެހެންކަމުން އަރުޝަދު ބުނީ ސޮފްޓްވެއަރ ޑިވަލޮޕްމަންޓް ނުވަތަ އައިޓީގެ ދާއިރާއަކީ ވަރަށް މުހިންމު އަދި ކުރި އެރުވޭނެ މަސައްކަތެއް ކަމަށެވެ.

އަރުޝަދުގެ ހުވަފެނަކީ ރާއްޖޭން ބޭރަށް ބައިނަލްއަގްވާމީ މާކެޓަށް ވެސް ރާއްޖޭގައި ޑިވަލޮޕް ކުރާ ސޮފްޓްވެއަރތައް ދިއުމެވެ.

އަރުޝަދުގެ ޝުކުރުގެ ލިސްޓު

އެންމެ ފުރަތަމަ ވެސް އަރުޝަދު ޝުކުރު އަދާ ކުރީ އޭނާގެ މަންމަ އާއި ބައްޕައަށެވެ. އެއަށްފަހު މާލެއަށް ބަދަލުވެ އޭނާ ހުރީ ދައްތައެއްގެ ގާތުގައި ކަން ފާހަގަ ކޮށް އޭނާގެ ދައްތައަށެވެ. އަދި އެއަށްފަހު އަރުޝަދުގެ ޝުކުރުގެ ލިސްޓުގައި ފާހަގަ ކުރީ އޭނާގެ ވިޔަފާރި ޕާރޓްނަރު ޖައިލަމްއަށެވެ. އަދި މި ދާއިރާގައި އޭނާއަށް އެކި ގޮތްގޮތުން އެހީތެރިވީ އެންމެހާ ފަރާތްތަކަށް ވެސް އަރުޝަދު ޝުކުރު އަދާ ކުރިއެވެ.

އިންޓަވިއު ނިންމާލުމަށްފަހު އަޅުގަނޑުމެން ދިއުމުގެ ކުރިން އަރުޝަދުމެން ޑިވަލޮޕް ކުރި ހުން ސްކޭން ވެސް ބަލައިލީމެވެ. އެއީ ހަގީގަތުގައި ވެސް ތަފާތު މަސައްކަތެކެވެ.

ސިޑިން އަރަން އުނދަގޫ ވި ނަމަވެސް ފޭބުން މާ ބޮޑު އުނދަގުލަކަށް ނުވިއެވެ. އެހެންނަމަވެސް ތިރިއަށް ފޭބުނީ ދަބަސް ބާއްވައިފައިކަން ހަނދާންވީ ތިންވަނަ ބުރިއާ ހަމައަށް ދެވުނު ފަހުންނެވެ. އަނެއްކާ ވެސް މައްޗަށް އަރައި ދަބަސް ހިފައިގެން ތިރިއަށް ފޭބިއިރު ވަރުބަލިވި ނަމަވެސް ހުނަރުވެރި އެ ޒުވާނާގެ "ޖަވާބުން" ލިބުނު ޖަވާބުތަކުން އެކަން މާބޮޑަކަށް އިހްސާސެއް ނުވިއެވެ.

Ads by Ooredoo
  1. މަރުހަބާ! އަރުޝަދު. ތިއީ އުލިގަމާއި ދިވެހި ގައުމަށްވެސް ފަޚުރުވެރި ދަރިއެއް. އިތުރު ކާމިޔާބަށް އެދެން.

  2. އަބްދުﷲ ޔަޒީދު

    އަރުޝަދު ވަރެއް ނެތް، ސާބަހޭ ބްރަދަރ….