ލައިފްސްޓައިލް ލުއި ޚަބަރު

ދުނިޔޭގެ އެންމެ އަގު ބޮޑު ފައިސާއަކީ ކޮބާ؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ބޭރު ފައިސާގެ ނޫޓްތަކުގެ ވާހަކަ ދައްކާއިރަށް އަހަރެމެންނަށް އަބަދުވެސް ސިފަވެފައި އޮންނަނީ އެމެރިކާގެ ޑޮލަރެވެ. އެމެރިކާގައި ބޭނުންކުރަމުން އަންނަ އެމެރިކަން ޑޮލަރަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެކިއެކި ފައިސާގެ މުޢާމަލާތްތަކުގައި ބޭނުން ކުރަމުން އަންނަ ފައިސާގެ ނޫޓެކެވެ. މިހެން މިކަން އޮތުމުގެ ސަބަބުން ދުނިޔޭގައި އެންމެ އަގު ބޮޑު ފައިސާގެ ނޫޓަކީ ޑޮލަރު ކަމަށް ވަރަށް ގިނަ ފަރާތްތަކަކަށް ހީވެފައި އޮވެއެވެ.

Ads by Hajj Corporation

ޤައުމެއްގެ ފައިސާގެ ނޫޓްގެ އަގު ކަނޑައަޅާ ގޮތް މީގެ ކުރިން އެހެން އާޓިކަލްއެއްގައި ވާނީ ކިޔައި ދީފައެވެ. މި ފަހަރު މިއޮތީ ދުނިޔޭގެ އެންމެ އަގު ބޮޑު 5 ފައިސާއެވެ.

1-ކުވައިތު ދީނާރު

ދުނިޔޭގެ އެންމެ އަގު ބޮޑު ފައިސާގެ މަޤާމުގައި އޮތީ ކުވައިތު ދީނާރެވެ. 1960 ވަނަ އަހަރު ވުޖޫދުވި މި ފައިސާގެ އަގަކީ 51.14 ރުފިޔާއެވެ. ކުވައިތުގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ތެލަށެވެ. އެ ޤައުމުގެ އިޤްތިޞާދުގެ 95 އިންސައްތައަކީ ތެލުގެ ވިޔަފާރިއެވެ. ކުވައިތު ދީނާރުގެ އަގު މިހާ މަތީގައި އޮތް ސަބަބަކީ އެޤައުމުގެ އިޤްތިޞާދު ތެލަށް ބަރޯސާވެފައި އޮތުމެވެ. ދުނިޔޭގެ ތެލުގެ 9 އިންސައްތަ އޮތީ އެޤައުމުގައިކަން ފާހަގަކޮށްލެއެވެ. އޭގެ އިތުރުން ކުވައިތަކީ ވަޒީފާ ނެތް މީހުން ވަރަށް މަދު ޤައުމެކެވެ. އެޤައުމު އޮތީ ޖީޑީޕީ އިން ބޮލަކަށް ޖެހޭ މިންވަރު އެންމެ ގިނަ ޤައުމުގެ ލިސްޓްގައި 8 ވަނައިގައެވެ. ކުވައިތަށް އިނގެރޭސިންގެ އަތްދަށުންް މިނިވަންވެ، އަމިއްލަ ފައިސާއެއް އުފެއްދިއިރު ކުވައިތު ދީނާރުގެ އަގަކީ ސްޓާލިންގް ޕައުންޑްގެ އަގެވެ. ނަމަވެސް އެޤައުމުގެ ތެލުގެ ވިޔަފާރި ކުރި އަރައިގެން ދިއުމާއެކު، އެޤައުމުގެ ފައިސާގެ އަގުވެސް ވަނީ މައްޗަށް އަރާފައެވެ.

2-ބަޙްރައިން ދީނާރު

ދުނިޔޭގެ 2 ވަނައަށް އެންމެ އަގު ބޮޑު ފައިސާއަކީ ބަޙްރައިންގެ ދީނާރެވެ. 1 ބަޙްރައިން ދީނާރަކީ 40.99 ދިވެހި ރުފިޔާއެވެ. ގާތްގަނޑަކަށް މިލިޔަނެއްހާ މީހުން ދިރިއުޅެމުން އަންނަ ބަޙްރައިންގެ އިޤްތިޞާދު ބިނާވެފައި އޮތީ ތެލުގެ ވިޔަފާރި އަށެވެ. އޭގެ ކުރިން ބަޙްރައިންއިން މުތް ހޯދާ އެވިއްކާ އުޅުނެވެ. ނަމަވެސް 1930ގެ ފަހުން އެމަސައްކަތް މަޑު މަޑުން ނެތެމުން ދިޔައެވެ.

3-އޮމާނީ ރިޔާލް

އޮމާންގެ ރަސްމީ ފައިސާ އޮމާނީ ރިޔާލަކީ ދުނިޔޭގެ 3 ވަނަ އަށް އެންމެ އަގު ބޮޑު ފައިސާއެވެ. 1 އޮމާނީ ރިޔާލަކީ 40.14 ދިވެހި ރުފިޔާއެވެ. އޮމާންގެ ރިޔާލްގެ 1/4 ރިޔާލްގެ ނޫޓާއި 1/2 ނޫޓް ވެސް ހުރެއެވެ. 1973 ވަނަ އަހަރު އެމެރިކާގެ ޑޮލަރާއި އޮމާނީ ރިޔާލް ވަނީ ޕެޖްކޮށްފައެެވެ. މާނައަކީ އޭގެ ފަހުން އޮމާންގެ ރިޔާލްގެ އަގު ހުންނާނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

4-ޖޯޑަން ދީނާރުު

ޖޯޑަން ދީނާރަކީ ޖޯޑަންގެ ރަސްމީ ފައިސާއެވެ. ޖޯޑަންގައި ޖޯޑަން ދީނާރު ރަސްމީކޮށް ބޭނުން ކުރަން ފަށައިފައި ވަނީ 1950 ވަނަ އަހަރުގެ ފަހުންނެވެ. އޭގެ ކުރިން އެޤައުމުގެ ރަސްމީ ފައިސާއަކީ ފަލަސްތީނިއަން ޕައުންޑެވެ. ޖޯޑަން ދީނާރަކީ ދުނިޔޭގެ 4 ވަނައަށް އެންމެ އަގު ބޮޑު ފައިސާއެވެ. 1 ޖޯޑަން ދީނާރަކީ ގާތްގަނޑަކަށް 21.81 ރުފިޔާއެވެ.

5-ޕައުންޑް ސްޓާލިންގ

ޕައުންޑް ސްޓާލިންގއަކީ އިނގިރޭސިވިލާތުގައި ބޭނުން ކުރަމުން އަންނަ ފައިސާގެ ނޫޓެވެ. އިނގިރޭސިވިލާތުގެ ޤައުމުތަކުގެ އިތުރުން އައެލޭންޑްގެ ރަސްމީ ފައިސާގެ ނޫޓަކީ ވެސް ޕައުންޑެވެ. މިއީ ދުނިޔޭގެ 5 ވަނައަށް އެންމެ އަގު ބޮޑު ފައިސާގެ ނޫޓެވެ. އަދި ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފައިސާގެ ނޫޓަކީ ވެސް މިއީއެވެ. 1 ޕައުންޑަކީ ގާތްގަނޑަކަށް 21.38 ރުފިޔާއެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު ފައިސާއަކީ ޑޮލަރު ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. 1 ޑޮލަރަކީ 15.42 ރުފިޔާއެވެ. ނަމަވެސް ޑޮލަރަކީ ދުނިޔޭގެ އެންމެ ބާރު ގަދަ ފައިސާއެވެ. އެ ވާހަކަ އެހެން ލިޔުމަކަށް ބާއްވަން ހިނގާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!