ޚަބަރު

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު މާދަމާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ތާވަލު ކޮށްފިއެވެ.

Ads by STELCO

އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާތަކެއް އުފުލިފައި ވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު އަމުރު ނެރުނީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އޭނާ އެދިވަޑައިގަތުމުންނެވެ.

ދައުލަތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވިއެވެ. ނަމަވެސް އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ވަނީ ބަލައިގެންފައެވެ.

އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައި ވަނީ މާދަމާ މެންދުރުފަހުއެވެ.

ޖިިނާއީ މައްސަލަތައް ދައުވާލިބޭ މީހުންގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭއިރު، އަލީ ވަހީދު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އޭނާ ހުންނެވީ ތުރުކީގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!