ވާހަކަ

ކުރު ވާހަކަ: ފެށުން

ދެން އެމްވީ ، ދެން އޮންލައިން

"ލިބުނު ފޯނުކޯލުގެ ސަބަބުން ހިތް ނުތަނަވަސްވެފައިވާ ޙާލު ހޮސްޕިޓަލަށް ދިއުމަށް ޓަކައި ހިނގައިގަތީމެވެ. ނަމަވެސް..."

Ads by Sosun Fihaara

އަނެއްކާވެސް އާ ވާހަކައެއްގެ ފެށުމެވެ. މިއީ އަހަރެންގެ ފަންސަވީސްވަނަ ވާހަކައެވެ. މީގެ ކުރިން އަހަރެން މުޅިން ވެސް ލިޔަނީ ކުރުވާހަކައެވެ. ނަމަވެސް މިއަދު، ފުރަތަމަ ފަހަރަށް އަހަރެން ދިގު ވާހަކައެއް ލިޔަން މި ފަށަނީ ހަމައެކަނި އަހަރެންގެ ލޯބިވާ ދައްތަގެ ހަނދާނުގައެވެ. އެއީ މިފަންނަށް އަހަރެން ވައްދައިދިން އަހަރެންގެ ލޮބުވެތި ދައްތައެވެ.

އަތުގައިވާ ފޮތާއި ފަންސުރު އެނދުމަތީ ބޭއްވުމަށްފަހު ބޯލާކޮޅު ފަޑި މަތީގައި ހުރި ދައްތަގެ ފޮޓޯ ފްރޭމް އަހަރެން ނެގީމެވެ. އެއީ ވަރަށް ރީތިކޮށް ހިނިތުންވެލައިގެން ހުރެ ދައްތަ ނަގާފައިވާ ފޮޓޯއެކެވެ. ދައްތަ އަހަންނާ ވަކިވެގެން ދިޔައީ ކިހައި ހިތްދަތި ގޮތަކަށް ހެއްޔެވެ؟ އެދުވަސް އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ.

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަރެންގެ ޢުމުރުން ދެއަހަރުގައި މަންމަ މި ދުނިޔެއާ ވަކިވެފައި ވީނަމަވެސް ބައްޕަ އަހަރެމެން ދެބެން ގެންގުޅުމުގައި ފަހަރުގައި ވެސް މަންމަ ނެތުމުގެ އުނިކަން އިޙްސާސް ވިޔަކަނުދެއެވެ. ކުޅުމާއި މަޖަލުގައި ދުވަސްތައް ވޭތުވަމުން ގޮސް އަހަރެންގެ ޢުމުރުން ބާރަ އަހަރު ފުރުމުން މާލޭގެ މަދަރުސާއަކަށް ވެއްދުމަށްޓަ ކައި މާލެ ގެންނަން ބައްޕަ ބޭނުންވިއެވެ. ނަމަވެސް ދައްތައާ ވަކިން ނުދާނެކަމަށް ބުނެ އަހަރެން ރޮއި ބޮޑާ ހޭކީމެވެ. ނަތީޖާއަކަށްވީ އަހަރެމެން ދެބެން އެކުގައި މާލެ ގެނައުމެވެ. އަހަރެމެން ބޭތިއްބީ ބައްޕަގެ ރައްޓެއްސެއްގެ ގޭގައެވެ. ދައްތަގެ ޢުމުރު ދޮށިވުމާއެކު ދައްތަ ވެއްދީ ސަނަދު ކުލާހަކަށެވެ. އަހަރެންނަށް ވަދެވުނީ އީ.ޕީ.އެސް ގްރޭޑް ހަޔަކަށެވެ. ދައްތަގެ އެހީތެރިކަމާއި ބައްޕަ ފޮނުވާ ސިޓީތަކުގައިވާ ނަސޭހަތުގެ ސަބަބުން އަހަރެންގެ ކިޔެވުން ވަރަށް ރަނގަޅަށް ކުރިޔަށް ދިޔައެވެ. ނަމަވެސް ގޭތެރޭގައި ކުރަންޖެހޭ މަސައްކަތް ގިނަކަމުން ދައްތައަށް ގަވާއިދުން ކުލާހަކަށް ނުދެވެއެވެ. އެންމެ ފަހުން ކުލާހަށް ހާޒިރު ނުވާތީ ދައްތަ ކުލާހުން ވަކިކުރީއެވެ. ދައްތަ ބޭނުންވީ ކޮންމެ ގޮތަކުންވެސް އަހަރެންނަށް ކިޔަވައިދޭށެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުން ގޮސް އަހަރެން ގްރޭޑް ނުވައަކަށް ބަދަލުވި އަހަރު ބައްޕަ ނިޔާވެއްޖެއެވެ. އަހަރެމެން ދެބެން މުޅިން އެކަނިވެރިވީއެވެ. އެހިސާބުން އެގޭ މީހުންގެ ހިތުގައި އަހަރެމެންނާމެދު ކުޑަވެސް ރަޙުމެއް ހަމްދަރުދީއެއް ނުވާކަން އެނގުނެވެ. އަހަރެން ސްކޫލަށް ދާން އެމީހުން ނުރުހެއެވެ. ގޭގެ މަސައްކަތަށް ދަތިވާތީއޭ ބުނެ އަހަރެން ސްކޫލުން ކަނޑާލަން އުޅުނު ދުވަހު ދައްތަ ރުއިރުއިމާއި ކުރި އާދޭސް ދުވަހަކުވެސް އަހަރެންގެ ހިތުން ނުފިލާނެއެވެ. ގޭތެރޭގެ އެއްވެސް މަސައްކަތަކަށް ދަތިވެއްޖެއްޔާ އަހަރެން ސްކޫލުން ކަނޑާލެވޭނެކަމުގެ އިންޒާރު އެދުވަހު ގޭގެ ވެރި މީހާ ދައްތައަށް ދިނެވެ. ދައްތަގެ ހުރިހާ ވަގުތެއް މަސައްކަތުގައި ހޭދަ ކުރުމަށް ފަހުގައި ވެސް ނިދުމުގެ ކުރިން އަހަރެންގެ ކިޔެވުމާ ބެހޭ ގޮތުން ސުވާލުކޮށް ފިލާވަޅުތައް ހެދުމުގައި އަހަރެންނަށް އެހީތެރިވެދެއެވެ. ދައްތައަކީ ދިވެއްސަށް ކުޅަދާނަ، މޮޅު ކުއްޖެކެވެ. އެއާ ޚިލާފަށް މަޒުމޫނު ލިޔުމާއި ޅެން ޝަރަޙަކުރުން ފަދަ ކަންތަކަކީ އަހަރެންނަށް ވަރަށް އުނދަގޫ ކަންތަކެވެ. އެހެންކަމުން އެކަހަލަ ކަންތައް އަހަރެން ގިނައިން ކުރުވަނީ ދައްތަ ލައްވައެވެ.

ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ދިވެހި މުދައްރިސް ދެއްވީ ވާހަކައެއްގެ ފެށުމެވެ. ފަސް ޞަފްޙާގެ ވާހަކައެއް ފުރިހަމަ ކުރަން ޖެހުނީއެވެ. ނަމަވެސް ލިޔާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ދައްތަ ލިޔެދޭނެތީއެވެ. އެރޭ ދައްތަގެ ކިބައިން ވާހަކަ ލިޔެ ދިނުމަށް އެދުމުން ފުރަތަމަ ފަހަރަށް ދައްތަ އަހަރެން އެދުނު އެދުމަކާ ދެކޮޅު ހެދިއެވެ. ކޮންމެ ކަމެއްވެސް އެކަމަކަށް ހިއްމަތާ އެކު މަސައްކަތް ކުރުމުން އުނދަގުލަކާ ނުލާ ކުރެވިދާނެކަން އެރޭ ދައްތަ އަހަރެންނަށް ވިސްނައިދިނެވެ. އެހެން ނަމަވެސް އަހަރެން ވަރަށް އާދޭސް ކުރުމުން ވާހަކަ ލިޔާނެ ގޮތުގެ ކުރު ތަފްޞީލެއް ދައްތަ ކިޔައިދިނެވެ. ދައްތަގެ އެދުމާއި ދިން ހިތްވަރުން އެރޭ އަހަރެން ވާހަކައެއް ލިޔުނީމެވެ. އަދި ދައްތައާއި އަހަރެން އުއްމީދުކުރި ފަދައިން އެވާހަކަ ވީ ކުލާހުގެ އެންމެ ރަނގަޅު ވާހަކައަށެވެ. އެންމެ ގިނަ މާކްސް ލިބުނީ އަހަންނަށެވެ. ދައްތައަށް އެ އުފާވެރި ޚަބަރު ދޭހިތުން އަހަރެންނަށް ކުލާހުގައި އިނދެވޭވަރެއް ވެސް ނޫނެވެ. އެދުވަހު އަހަރެން ގެއަށް ދިޔައީ ދައްތަގެ މޫނުމަތިން އުފާވެރި ހިނިތުންވުމެއް ދުށުމުގެ އުއްމީދުގައެވެ.

އަހަރެން ދިޔަ ގޮތަށް ދިޔައީ ބަދިގެއަށެވެ. ނަމަވެސް ފެނުނު މަންޒަރުން އަހަރެން ހުއްޓުން އެރިއެވެ. ގޭގެ ވެރިމީހާގެ އަންހެނުން ހުރީ އުނދުން މައްޗަށް އެއްޗެއް އުދައިގެންނެވެ. އަހަރެން ފެނުމުން ދެއުކުޅުގައި އަތް ވިއްދާލާފައި އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ފެނުމުން ދައްތަ ކޮބައިތޯ އަހާލާކަށް ވެސް ނުކެރުނެވެ. ވީ ކީއްކަން ނޭނގި ހުރެ އަހަރެމެން ދެބެން އުޅޭ ކޮޓަރިއާ ދިމާއަށް މަޑުމަޑުން ހިނގައިގަތީމެވެ. އެއީ ގޭގެ މައި އިމާރާތާއި ވަކިން ގޯތީގެ އެއްފަރާތުގައި ހަދާފައިވާ ދެކޮޓަރިން އެއް ކޮޓަރިއެވެ. އަނެއް ކޮޓަރީގައި އުޅެނީ އެގޭގައި ބާޒާރު ކުރަން ގެންގުޅޭ ހަސަންފުޅެވެ.

ކޮޓަރީގައި ދައްތަގެ ބަދަލުގައި އިނީ ޝިމްލާއެވެ. އެއީ އެގޭ ތިން ކުދިންގެ ތެރެއިން ހަގު ކުއްޖާއެވެ. ގޭ މީހުންނަށް ސިއްރުން އަހަރެމެން ދެބެންނާ ޝިމްލާ ވާހަކަ ދައްކައެވެ. އޭނާ ބުނިގޮތުގައި ދައްތަވީ ހޮސްޕިޓަލުގައެވެ. އެއްޗެހި ފެންލާން ގުދަށް އޮވެފައި ތެދުވިތަނާ އަނބުރައިގަނެގެން ވެއްޓުނީއެވެ. ވެއްޓުނު ވަގުތު ވަޅު ތުންފަތުގައި ޖެހިފައި ބޯ ވެސް ވަރަށް ބޮޑަށް ފެޅުނީއެވެ. އޭރު ގޭމީހުން ތިބީ ފިލްމެއް ބަލާށެވެ. ދައްތަ ވެއްޓުނު މަންޒަރު ފެނުނީ އެގޭގައި އުޅޭ ހަސަން ފުޅަށެވެ. އަދި ދައްތަ ނަގައިގަނެގެން ގެންދިޔަ ވަގުތު އޭނާގެ ނިޔަތް ނުބައިވީއެވެ. ޒަޚަމްވެފައިވާ ޙާލު ދައްތަ އޮއްވާ.... އިތުރަށް އެންމެ ލަފްޒެއް ވެސް އަޑު އަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހޮސްޕިޓަލަށް ދިއުމަށްޓަކައި ދުއްވައިގަތް ވަގުތު ގޭގެ ވެރިމީހާގެ ބާރު އަޑު އަހަރެންގެ ފައިގައި ކަސްތޮޅު އެޅުވިއެވެ. ގޭގެ މަސައްކަތްތައް ކުރަން ޖެހުނީއެވެ. އަހަރެންނަށް ނޭވާ ލާނެ ވަގުތެއް ވެސް ލިބުނީ އެގާރަ ޖެހިފަހުންނެވެ.

އަހަރެންނަށް ހޮސްޕިޓަލަށް ދެވުނު އިރު ދައްތައަށް އޮތީ ނިދިފައެވެ. ކައިރީގައި އިނީ އަހަރެމެންގެ އަވަށްޓެރިއެއް ކަމަށްވާ ޒާހިދާއެވެ. ސިލުނބަށް އަލިފާން އެޅުމަށްޓަކައި އަހަރެމެން ތިބޭ ގެއަށް ޒާހިދާ ދިޔައިރު ހަސަންފުޅު ދަބަހެއް ހިފައިގެން ނުކުމެގެން ދަނީ ކަމަށާއި، ރޮމުން ރޮމުން ދައްތަ ހަސަންފުޅުގެ ކޮޓަރިން ނުކުތް ޙާލު ފެނުމުން ކަންތައް ވީގޮތް ވަރަށް ރަނގަޅަށް އެނގުނުކަމަށް ޒާހިދާ ބުންޏެވެ. ޒަޚަމްވެފައި ހުރިލެއް ބޮޑުކަމާ އެކު ދައްތަ ގޮވައިގެން އޭނާ ހޮސްޕިޓަލަށް އައީއެވެ. އެގޭގައި އަހަރެމެން ދެބެން އުޅޭ ހާލު އެންމެ ރަނގަޅަށް އެނގޭ އެކަކީ ޒާހިދާއެވެ. އިރުކޮޅަކު އިނުމަށް ފަހު ހެނދުނު އަންނާނެކަމަށް ބުނެފައި ޒާހިދާ ދިޔައީއެވެ.

ދައްތައަށް ހޭލެވުނީ ފަތިހު ހަތަރެއް ޖަހަނިކޮށެވެ. އަހަރެން ފެނުމާ އެކު ދައްތަ ހިނިތުންވެލިއެވެ. ނަމަވެސް ދައްތަގެ ތޫނު ކަޅިރަވަ ތެމެމުން ދާތަން އަހަންނަށް ފެނުނެވެ. ކިތަންމެ ހިތްވަރު ކުރިޔަސް އަހަންނަށް ކެތްކުރެވޭނެ ހެއްޔެވެ؟ އެއްވެސް ހިފެހެއްޓުމެއް ނެތި އަހަންނަށް ބާރަށް ރޮއި ގަނެވުނެވެ. ނަމަވެސް ވަރަށް އަވަހަށް އަހަރެން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރީމެވެ. ދައްތަ ވެސް ވަރަށް މަސައްކަތުން ވާހަކަ ދެއްކިއެވެ. މިއަދުގެ ކިޔެވުން ކިހިނެތްތޯއާއި ލިޔުނު ވާހަކަ ކަމުދިޔަތޯ އެހިއެވެ. އަހަރެން ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ދައްތަ ވަރަށް އުފާވިއެވެ. އަހަރެންގެ ބޮލުގައި ފިރުމާލާފައި އަހަރެންނަށް ހިތްވަރުދިނެވެ. މަސައްކަތް ކޮށްފިއްޔާ ކުލާހުން ކީއްކުރަން ހެއްޔެވެ؟ މުޅި ރާއްޖެއިންވެސް ހޮވާލެވޭ ފަދަ ލިޔުންތެރިއަކަށް އަހަރެން ވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ބުންޏެވެ. އަދި އެއީ ދައްތަގެ ވަރަށް ބޮޑު އުއްމީދެކޭ ބުނަމުން މަޑުމަޑުން ލޯމަރާލިއެވެ. ދައްތަ އޮތީ އަހަރެންގެ އަތުގައި ހިފަހައްޓާލައިގެންކަމުން ދައްތަގެ އަތް ފިނިވަމުން ދާކަމުގެ އިޙްސާސް އަހަންނަށްވިއެވެ. އަހަރެން އަވަސް އަވަހަށް ނަރުސް ކުއްޖަކަށް ގޮވީމެވެ. އެކުއްޖާ ޑޮކްޓަރުވެސް ގެނުވިއެވެ. ނަމަވެސް ފުރާނައިގެ މައްޗަށް ބާރު ފޯރުވޭނެ މީހަކު ހުންނާނެ ހެއްޔެވެ؟ މި ބޮޑު، އަނިޔާވެރި ދުނިޔެއަށް އަހަރެން އެކަނި ދޫކޮށްލުމަށް ފަހު ދައްތަވެސް އަހަރެންނާ ވަކިވީއެވެ.

އެ ދުވަހު ކުރަން ޖެހުނު ހުރިހާ ކަމެއްވެސް ކޮށްދިނީ ޒާހިދާއެވެ. ގެއަށް ދިޔަ މަގުމަތީގައި އޯގާވެރި ބަސްތަކުން އަހަރެން ހިތްހަމަޖައްސައިދެވޭތޯ ޒާހިދާ މަސައްކަތް ކުރިއެވެ. އެއީ ކިހާ ހިތްހެޔޮ އަންހެނެއް ހެއްޔެވެ؟ ގޭގެ ދޮރާށިން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު އަހަރެންނަށް ހުއްޓެން މަޖުބޫރުވިއެވެ. ގޭތެރޭގައި ހުރި ޖޯލިފަތި މަތީގައި އަހަރެންނާއި ދައްތަގެ މަދު އަންނައުނުކޮޅާއި، ގެންގުޅޭ އެހެނިހެން ތަކެތި ހުއްޓާ ފެނުމުންނެވެ. އެންމެ ދެރަވީ ކިޔަވަން ގެންގުޅޭ ފޮތްތައް އެއްވެސް ރަޙުމެއްނެތި އުކާލެވިފައިވާ ތަން ފެނުމުންނެވެ. ޒާހިދާ އަހަރެން ގޮވައިގެން އެތަކެއްޗާ ދިމާއަށް ހިނގައިގަތެވެ. ޖޯލި ދަށުގައި ވެއްޓިފައި އޮތް ފޮތް ނެގުމަށްޓަކައި އަހަރެން ގުދުވީމެވެ. އެއީ އަހަރެންގެ ދިވެހި ފޮތެވެ. ހުޅުވިފައިވާ ގަނޑުގައި ލިޔެފައިވާ ޢިބާރާތްކޮޅަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. "ލިބުނު ފޯނުކޯލުގެ ސަބަބުން ހިތް ނުތަނަވަސް ވެފައިވާ ޙާލު ހޮސްޕިޓަލަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ. ނަމަވެސް..." އެއީ އަހަރެން ލިޔުނު ވާހަކައިގެ ފެށުމެވެ. ނަމަވެސް އެއީ އަހަރެންގެ ބަދުނަސީބުގެ ފެށުމޭ އެ ވަގުތު ހިތަށް އެރިއެވެ. މިފަހަރު ވެސް އަހަރެންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ޒާހިދާއެވެ. ތަނަވަސްކަމެއް ލިބިފައި ނުވި ނަމަވެސް އެގެއިން އަހަރެންނަށް ލޯބި ލިބުނެވެ.

ޚިޔާލީ ދުނިޔެއިން އަހަރެން ހޭލައްވާލީ ކޮޓަރީގައި ހުރި ސޯނާގަޑިއެވެ. ސިހިގެން ގޮސްފައި އަހަރެން ގަޑި ބަލާލީމެވެ. ފަތިހު ފަހެއް ޖެހީއެވެ. ދައްތަގެ ފޮޓޯގައި ބޮސްދިނުމަށް ފަހު ފަޑިމަތީގައި ބަހައްޓާފައި އެފޮޓޯއާއި މުޚާތަބުކޮށް އަހަރެން ބުނީމެވެ. "ދައްތާއެވެ. ދައްތަ އުއްމީދުކުރި ފަދައިން އަހަރެންނަކީ މިއަދު ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިއެކެވެ. މިދާއިރާގައި ފުރަތަމަ ފިޔަވަޅު އަހަރެން އެޅީ ދައްތަގެ އެދުމުގެ މަތީންނެވެ. އަހަރެންނަށް މިފަންނުގައި ލިބުނު ކޮންމެ ކާމިޔާބީއެއްގެ ސިއްރަކީ ދައްތައެވެ. އެހެންކަމުން މިއަދު އަހަރެން ގަސްދުކުރަނީ ދައްތަގެ ހިތާމަވެރި ޙަޔާތުގެ މައްޗަށް ވާހަކައެއް ލިޔާށެވެ. ނަމަވެސް މިވާހަކައިގެ ފެށުމަކަށް ވާނީ ހަމަ އެފެށުމެވެ. އާނއެކެވެ. ދައްތަގެ ލަފަޔާއި އިރުޝާދުގެ މަތީން އަހަރެން ލިޔުނު ފުރަތަމަ ވާހަކައިގެ ވެސް ފެށުމެވެ."

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މި ވާހަކަ ލިޔެފައިވަނީ ފާތިމަދު ޝުހައިދާ ޝަރީފެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

Ads by Ooredoo
  1. މުހައިމިން

    ވަރަށް ރީތި ވާހަކައެއް. އަދި އިތުރު ވާހަކަތަށް ލިޔާނެކަމުގެ އުންމީދުކުރަން……

  2. މުހަންމަދު ސަރިީފް

    ވަރަށްރަނގަޅު އިބުރަތްތެރި ވާހަކައެއް. 100 ޕަސެންޓް މާރކްސް ދެން