ވާހަކަ

ކުރު ވާހަކަ: ސަޕްރައިޒް

ދެން އެމްވީ ، ދެން އޮންލައިން

ދުވަހަކީ، ކަނޑުމަޑު އުޑުމަތިސާފު ދުވަހެކެވެ. ހަނާއާއި އޭނާގެ ހަތަރު އެކުވެރިން ޕިކްނިކް ދާން ފުރިއެވެ. އެމީހުން ޕިކްނިކް ދާން ރޭވީ ނ.ބޮމަސްދޫއަށެވެ. އަދި ގޭ މީހުންކައިރި ވެސް މިމީހުން ބުނެފައި ވަނީ ޕިކްނިކް ދަނީ އެރަށަށް ކަމުގައެވެ.

Ads by MWSC

ބޮމަސްދުއަށް ލެފެން ކައިރިވެފައި ވަނިކޮށް، ޖުމާން އިނދެފައި ބުންޏެވެ.

" އޭތް... މިރަށަށް ވުރެ ރީތި ރަށެއް މިތާ ކައިރި އޮންނާނެ، އެއީ "ހުއިވަނި" ... މޫދު އެރިލަން ވެސް ވަރަށް ރީތި މޫދެއް އޮންނާނެ... ދޮންވެލި ތުނޑި ވެސް އެހައި ރީތިވާނެ... "

ޖުމާން މިހެން ބުނުމުން ހަނާއަށް އެ ޚިޔާލު ކަމުގޮސްފިއެވެ. " އާނ... އެހެންވީމަ ހިނގާ އެ ރަށަށްދާން... އެ ރަށަށް ގޮސް އަނިލްއަށް ސަޕްރައިޒްއެއް ދޭނީ... " ޖުމާން ދިން ޚިޔާލް ހަނާއަށް ކަމުދިއުމުން ދެން ތިބި މީހުން ވެސް އެރަށަށް ދާން ބޭނުންވެ މިސްރާބު ބަދަލުކޮށްލިއެވެ.

އަނިލްއަކީ، ހަނާގެ ވާންއުޅޭ ފިރިމީހާއެވެ. އޭނާއަށް މި ދަތުރުގައި ނުދެވުނީ، އޮފީހުގެ މަސައްކަތްތަކެއް ނިންމަން ޖެހިގެން ބިޒީ ވެގެންނެވެ. އޭނާ ހަނާ ފޮނުވާކަށް ވެސް ބޭނުމެއް ނުވިއެވެ. އެކަމަކު ހަނާ އެ ދަތުރު ދާން ބޭނުން ވެފައިވާލެއް ބޮޑުކަމުން ހަނާގެ ރައްޓެހިންނަށް އިތުބާރު ކޮށްފައި ފޮނުވީއެވެ.

ދަތުރު ކުރަމުން ގޮސް ހުއިވަންޏަށް ދެވުނީ މެންދުރުވާން ކައިރިވެފައި ވަނިކޮށެވެ. އޭރު ދިޔަވަރު ވެސް އޮތީ ބޮޑުވެފައެވެ. މި ރަށަކީ، ދިޔަވަރު ހިކިއްޖެ ނަމަ ފަޅަށް ނުވަދެވޭ ރަށެކެވެ. އަދި ފަޅަށް ވަދެފައި އޮންނަ އެއްޗެއް ދިޔަވަރު ހިކިއްޖެ ނަމަ ފަޅުން ނުނެރުވޭ ރަށެކެވެ. މިރަށަކީ ރީތި ރަށެއް ކަމުގައި ވިޔަސް، އަތޮޅު ރަށްރަށު މީހުން މި ރަށަށް ވަރަށް ނުދާ ކަމަށްވެއެވެ.

ޕިކްނިކް ގެންދިޔަ ހުރިހާ ތަކެެތި ޑިންގީއިން ބޭލުމަށް ފަހު، ޖުމާންއާއި ނައުޝާދު ދިޔައީ ފީނާލާށެވެ. ފިހެލާނެ މަހެއް ހޯދުމުގެ ބޭނުމުގައެވެ. އެމީހުން ފީނަން ދިއުމުން، ހަނާއާއި ޝިޒްލީން އަދި ޒުހާ ތިބީ އެކިއެކި މަޖާ ވާހަކައިގައެވެ. ޝިޒްލީން އާއި ޖުމާން ކައިވެނި ކުރިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. މި ދެ މީހުން ކައިވެނިކުރި ފަހުން މިއީ ކުރި ފުރަތަމަ ދަތުރެވެ. ޒުހާއާއި ނައުޝާދުއަކީ އަދި ދެ ބެސްޓްފްރެންޑުންނެވެ. ޒުހާ ވެސް މިދަތުރުގައި ބައިވެރިވީ ނައުޝާދު އަންނާތީއެވެ.

ޝިޒްލީން އާއި ޒުހާ މޫދު އެރިލަން ދިޔައެވެ. ހަނާ ބޭނުންވީ، އަނިލްއަށް ގުޅައި ސަޕްރައިޒް ދޭށެވެ. އަވަސް އަވަހަށް ފޯނު ނަގައި އޭނާއަށް ގުޅަން މަސައްކަތް ކުރިއެވެ. ގުޅޭ ގޮތެ އްނުވުމުން ފޯން ރަނގަޅަށް ބަލައިލިއިރު ރޭންޖެއްނު ލިބެއެވެ. ދެން އޭނާ ޝިޒްލީންއަށާއި ޒުހާއަށް ގޮވިއެވެ. އެ ދެމީހުން ދުވަމުންދުވަމުން ގޮސް ހަނާ ކައިރި މަޑު ކޮށްލުމުން ރޭންޖް ނުލިބޭ ވާހަކަ ބުންޏެވެ. ދެން އަވަސްއަވަހަށް އެ ދެމީހުން ވެސް ފޯން ބަލައިލިއިރު ރޭންޖް ނުލިބޭކަން އެނގުނެވެ.

ހަނާ އިނީ ވަރަށް ކަންބޮޑުވެ ހާސްވެފައެވެ. އެއީ ގޭމީހުން ކައިރި އާއި އަނިލް ކައިރި ވެސް، ބޮމަސްދޫއަށް ދާ ވާހަކަ ބުނެވުނީމައާއި، ހުއިވަންޏަށް ދިޔަކަމެއް އެމީހުންނަކަށް ނޭނގޭނެތީއެވެ. އަދި އެމީހުންނަށް ހަނާއަށް ނުގުޅިގެން ކަންބޮޑުވެގެން އުޅޭނޭ ހިތަށް އަރާފައެވެ. ދެން ތިބި ދެމީހުން ހަނާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

" ކަންބޮޑު ނުވޭ... އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.. ޖުމާންމެން އައިމަ ޕިކްނިކް ދަތުރު ނިންމާލާފަ ފުރައިގެން ދާނީ..." ލިބުނު މަސްކޮޅު ހިފައިގެން ޖުމާންއާއި ނައުޝާދު އައިސްފިއެވެ. ފޯނަށް ރޭންޖް ނުލިބޭ ވާހަކަ ބުނުމުން އެމީހުން ވެސް ކަންބޮޑުވިއެވެ. އަދި އަވަސްކޮށްލާފައި މަސްކޮޅު ފިހަން ފެށިއެވެ.

މަސްފިހެ ކައި ނިމުނުއިރު އިރުއޮއްސެން ކައިރިވިއެވެ. ރެޑީވެލައިގެން ހުރިހާތަކެތި ހިފައިގެން ޑިންގީ ކައިރިއަށް ދިޔައިރު ވަރަށް ބޮޑަށް ދިޔަވަރު ހިކި ޑިންގީ ވެސް އޮތީ ބީހިފައެވެ. ޑިންގީ ކުރިއަށް ދުއްވޭވަރަށް ވުރެ ވެސް ބޮޑަށް ދިޔަވަރު އޮތީ ހިކިފައެވެ. މާޔޫސްކަމާ އެކު، އެންމެން ވެސް ގޮސް ދޮންވެލިގަނޑު މަތީ އިށީނދެލިއެވެ. އޭރު އިރުއޮއްސި އަނދިރިވެއްޖެއެވެ. ދޮންވެލިގަނޑުމަތީ އިށީނދެލައިގެން ތިބިއިރު އެންމެންގެ މޫނުމަތިން ވެސް ފެންނަނީ މާޔޫސްކަމާއި، ކަންބޮޑުވުމުގެ އަސަރެވެ. މަޖާކޮށްލަން އައި ޕިކްނިކް ދަތުރު މިހާ ފަނި ގޮތަކަށް ދިޔައިމަ ވާނީ ވެސް އެހެންނެވެ.

" ޖުމާން އަދިވެސް ކަލޭ މޮޅެތި ޚިޔާލު ދޭތި... މީހަމަ ކަލެޔާ ހެދި ވީގޮތް!... " އިރުގަނޑަކު އިނދެފައި އަނިލް ޖުމާންއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. " ނޫން އަނިލް... މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ޖުމާންއެއް ނޫން... މިރަށަށް އަންނަ ޖެހުނީ އަހަރެންގެ ސަބަބުން.. '' ގިސްލަމުން ކަހަލަ ގޮތަކަށް ހަނާ ވާހަކަ ދެއްކިއެވެ. އޭރު އޭނާއަށް އިނީ ރޮވިއެވެ. އަނެއްކާވެސް އެންމެން ހަމަހިމޭންކަމާ އެކު ތިއްބެވެ.

ސިއްސައިގެން ގޮސް އެންމެންނަށް ވެސް ބަލައިލެވުނީ، ކުއްލިއަކަށް އެތަނަށް އައި ދެމީހުންނާ ދިމާއަށެވެ. އެދެމީހުން ތިބީ އެމީހުންނާ ދިމާއަށް ބަޑި ދިއްކޮށްގެންނެވެ. އެސަހައްދަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން މާބޮޑަށް އެ ދެމީހުންގެ މޫނެއް ފާޅެއް ނުވެއެވެ. އެދެމީހުން ބަޑި ދިއްކޮށްފައި ތިބުމުން، އެ އެންމެންގެ ހިތުގައި ވެސް އުފެދުނީ ބައިވަރު ސުވާލުތަކެކެވެ. ވެފައި ތިބި ހާސްކަމާ އެކު އެ ފަސްމީހުން، ބަޑި ދިއްކޮށްގެން ތިބި ދެމީހުންނަށް އަމާން ދިނެވެ. އެ ދެމީހުން އެމީހުންގެ ތެރެއިން އެކަކު، ބަޑީގެ ވާގަނޑު ކޮނޑުގައި އަޅުވާލުމަށް ފަހު، އެ ފަސްމީހުން ޗެކު ކުރަން ފެށިއެވެ. އަދި އެމީހުންގެ އަތުގައި ހުރި ފޯނާއި، ވޮލެޓާއި، އަދި ގަހަނާތައް ނަގައި ކުރިއަށް ދާން އިޝާރާތް ކުރިއެވެ. ބަޑި ދިއްކޮށްގެން ތިބެ ހިންގަމުން ހިންގަމުން ގޮސް، ފަނުން ހަދާފައި ހުރި ފަންގަނޑެއްގެ ތެރެއަށް އެފަސްމީހުން ކޮށްޕައި ގަޅުވާލުމަށް ފަހު، ހަނާ ފިޔަވައި އެ އެންމެންގެ ދެއަތާއި ދެފައި ބަނެވެ. އެ ހަތަރުމީހުންގެ ދެއަތާއި ދެފައި ބަނުމަށް ފަހު، ހަނާ ގޮވައިގެން، އެމީހުން ދާން ހިނގައިގަތުމުން، " އޭތް... ހަނާ ނުގެންދާށޭ ކިޔައި އެމީހުން ހަޅޭއްލަވަން ފެށިއެވެ. ހަނާ ވެސް ހަޅޭއްލަވަމުން، އެމީހުން ކައިރިން ސަލާމަތްވާން މަސައްކަތްކުރިއެވެ.

އެ ދެމީހުން ހަނާ ގެންގޮސް، ތަންކޮޅެއް ދުރުގައި ހުރި ފަން ގެގަނޑެއްގެ ތެރެއަށް އެއްލާލިއެވެ.އަދި އެ ދެމީހުން ވެގެން ހަނާ ރޭޕްކުރަން މަސައްކަތް ކުރިއެވެ. ހަނާ ސަލާމަތްވާން ގަދަ ހަދާލާފައި އޭނާގެ ފައިން ދެމީހުން، ކޮއްޕައި ވައްޓާލުމަށްފަހު ދުއްވައިގަތެެވެ. ރޭގަނޑު ކަނުއަނދިރީގައި ދެވޭ ނުދެވޭ ދިމާލެއް ނޭނގި އޭނާ ދުވަމުންދުވަމުން ގޮސް، ބޮޑު ނިކަގަހެއްގެ މޫގަނޑެއްގެ ދަށުން އޮތް ހޮހޮޅައަކަށް ވަނެވެ. އަނެއް ދެމީހުން ހަނާ ހޯދަން މަސަކަތް ކުރަމުން ދިޔައެވެ. ނަމަވެސް ހަނާގެ ހުޝިޔާރުކަމުން ފިލަން ވަން ތަނެއްގެ ސަބަބުން އެމީހުންނަކަށް ހަނާއެއް ނުފެނުނެވެ.

ޕިކްނިކް ދިއަ މީހުންގެ ޚަބަރެއް ނުވެގެން، އެމީހުންގެ ޢާއިލާތަކުން އެކިގޮތްގޮތުން މަސައްކަތް ކުރަމުން ދިޔައެވެ. މިމައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ފުލުހުން ވެސް އެމީހުން ފެނޭތޯ ހޯދަމުން ދިޔައެވެ. ރޭގަނޑު އަށެއް ޖެހުމާ އެކު، ޓީ.ވީ.އެމް ހަބަރު ފެށިއްޖެއެވެ. ރަަށުގެ އެކިގޭގޭގައި މީހުން ޚަބަރު ބަލަމުން ދިޔައެވެ.

2009އަކުން ފެށިގެން، ސޯމާލިޔާ މީހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ފެންނަ ކަމަށާއި، މި މީހުންނަކީ ފޭރުމުގެ ޢަމަލު ހިންގަމުންދާ ބައެއް ކަމަށާއި، ބައެއް ހާލަތްތަކުގައި މި މީހުންނަކީ ނުރައްކާތެރި ބަޔަކަށް ވެދާނެ ކަމަށާއި، މިދުވަސްވަރު ފަޅު ރަށްރަށުގައި ވެސް މިމީހުން އުޅެމުންދާނެ ކަމަށާއި، އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި ފަޅު ރަށްރަށަށް ގޮސްއުޅޭ ފަރާތްތަކުން، މި މީހުންނަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް އެމް.އެން.ޑީ.އެފްއާއި ފުލުުހުން އިލްތިމާސްކުރާކަމަށް ހަބަރުގައި ބުންޏެވެ. މި ހަބަރާއެކު ޕިކްނިކް ދިޔަ މީހުންނަށް ވެދާނެ ގޮތަކާ މެދު، މުޅިރަށުގެ މީހުންގެ މެދުގައި ހާސްކަމާއި ބިރުވެރިކަން އުފެދިއްޖެއެވެ.

އެހޮހޮޅަތެރޭގައި ހަނާއަށް ނިދިފައި އޮއްވައި، އައީ ބޮޑުކަޅު މީހެކެވެ. ސިއްސަައިގެން ގޮސް އޭނާއަށް ހޭލެވުނީ އެމީހާ ހަނާގެ ކަންފަތްބުޑުގައި ބަރުއަޑަކުން ހަޅޭއްލަވައިގަތް އަޑަށެވެ.އޭރު ހަނާގެ ކުރިމަތީ ހުރި މީހާގެ ދެލޯވެސް ހީވަނީ އަނގުރު އަލިފާން ގަނޑެއްހެންނެވެ. އެ ބިރުވެރި ސިފައިގައި ހުރިމީހާގެ ދެއަތުން ހަނާގެ ކަރުގައި ހިފައި ފިއްތާ ބާރުކޮށްލިއެވެ.

ތެޅިފޮޅިގަތްފައި ހަނާއަށް ހޭލެވުނެވެ. އަދި ފެނުނީ ބިރުވެރި ހުވަފެނެއްކަން އޭނާއަށް އެނގުނެވެ. އޭރު ހާސްވެގެން ގޮސް އޭނާގެ މޭ ވެސް ތެޅެމުން ދިޔައެވެ. އޭރު އިވެމުން ދަނީ ކާޅު ގޮވާ އަޑެވެ. އޭނާގެ ދެލޯ ފޮހެލަމުން، ވަދެ އޮތް ހޮހޮޅައިން ބޭރަށް ނުކުތްއިރު ފަތިސްވެ އަލިވަނީއެވެ. އޭނާ ބޭނުންވީ، ފަން ގެގަނޑެއްގެ ތެެރެއަށްލާފައި ތިބި އޭނާގެ ރައްޓެހިން ސަލާމަތް ކުރާށެވެ. އަނެއްކާ ވެސް ދުވަމުންދުވަމުން އޭނާ އެ ފަންގެ ހޯދަަމުން ދިޔައެވެ. އެކި ދިމަދިމާއަށް ނަޒަރު ހިންގައި ކޮޅުކޮޅު ބަލަމުން ދަނިކޮށް ފަން ގެގަނޑެއް ފެނިއްޖެއެވެ. ސިއްރުސިއްރުން އެތެރެ ބަލާލިއިރު އެ ފަންގެގަނޑު ތެރޭގައި ދެއަތާއި ދެފައި އައްސާފައި ތިބި އޭނާގެ ރައްޓެހިންނަށް ތިބީ ނިދިފައެވެ. ސިއްރުސިއްރުން އޭނާ އެ ފަންގެގަނޑު ތެރެއަށް ވަދެ އެންމެންނަށް ގޮވައި ހޭލައްވާލިއެވެ. އެމީހުންނަށް ހަނާ ފެނުމުން އުފަލުން ގޮސް ދެ ލޮލުންކަރުނަތައް އޮހިގެން ދިޔައެވެ. އެކަކު އަނެކަމަށް ވައިއަޑުން ވާހަކަ ދައްކަމުން ދިޔައެވެ. ހަނާ އެއެންމެން އަތާއި ފައި މޮހާލަދިނެވެ. އަދި އެމީހުން ސިއްރުސިއްރުން ފަން ގެގަނޑުތެރެއިން ނުކުމެ ކުރިއަށް ދާން ހިނގައިގަތެވެ. އެމީހުނަށް އެރަށުގެ ވަލުތެރެއިން ހިނގަމުން ހިނގަމުން ގޮސް ގޮނޑު ދޮށަށް ނިކުމެވިއްޖެއެވެ. އެމީހުން ޑިންގީ ފެނޭތޯ ހޯދަމުން ދިޔައެވެ. ނަމަވެސް ޑިންގީ އެއްވެސް ނުފެނުނެވެ.

'' އެވާނީ... ޑިންގީގައި އެމީހުން ފުރައިގެން ދިޔައީކަމަށް... " ނައުޝާދު ވިސްނާލަން ހުރެފައި ބުންޏެވެ.

އެންމެން ވެސް ތިބީ ބަނޑުހައި ވެގެން ގޮސް ހާންތިވެފައެވެ. ބޯނެ ފެންފޮދެއްހާ ހިސާބު ވެސް ނެތެވެ. އެރަށަކީ ރުކެއް އެއްޗެއް ވެސް ހުންނަ ރަށަކަށް ނުވާތީ، އެރަށުން ކާނެ އެއްޗެއް ހޯދުމަކީ ވެސް ދަތިކަމެކެވެ.

ފުލުހުން ކަނޑުގެ ސަރަހައްދުތަކާއި ފަޅުރަށްތައް ބަލަމުން ދަނިކޮށް، ޑިންގީއެއްގައި އޮޔާދާ ދެމީހުން ފެނިއްޖެއެވެ. އެޑިންގީގައި ތިބީ ހަބަރުތަކުގައި ކިޔަމުން އަންނަ ކަހަލަ ސޯމާލިޔާ ދެމީހުންނެވެ. އެޑިންގީ ހުއްޓިފައި އޮތީ ތެޔޮ ހުސްވެގެންނެވެ. އަދި އެޑިންގީ އޮތީ ހުއިވަންޏާ ދިމާ ބޭރުމަތީގައެވެ. ފުލުހުން އެޑިންގީގެ މަޢުލޫމާތު ހަނާމެންގެ ރަށު މީހުންނަށް ދިނުމުން ، އެއީ ހަނާމެން ޕިކްނިކު ދިޔަ ޑިންގީކަން އެނގުނެވެ. އަދި އެ ޑިންގީގައި ތިބި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފުލުހުންނަށް ހުއިވަންޏަށް ދެވުނުއިރު، ގޮނޑުދޮށު ވެލިގަނޑު މައްޗަށް، ޕިކްނިކް ދިޔަމީހުން ދެމިފައި ތިއްބެވެ. އެމީހުން ތިބީ ވަރަށް ބޮޑަށް ބަލި ހާލަތު ގޯސްވެފައެވެ. އެ އެންމެން ފުލުހުންގެ ލޯންޗަށް ލައިގެން އެމީހުންގެ ރަށަށް ގެންގޮސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، ޑިންގީއިން ފެނުނު ދެ މީހުންނަކީ، ޕިކްނިކް ދިޔަމީހުން އަތުން ފޭރި އެ މީހުން ރަހީނު ކުރި މީހުން ކަމާއި، އަދި އެމީހުންނަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅެމުން ދިޔަ ސޯމާލިޔާ ދެމީހުން ކަމާއި، އެމީހުން ތިބި ބޯޓުން ފުންމާލައިގެން ހުއިވަންޏަށް އެރީ ކާނެ އެއްޗެއް ހޯދުމަށެވެ. އެހެން ނަމަވެސް ކާނެ އެއްޗެއް ނެތުމުން، އެމީހުން ވެސް އެ ރަށުގައި ހާލުގައި ޖެހިފައި ތިބި ކަމަށާއި، އަދި ޕިކްނިކް ދިޔަ މީހުންގެ އަތުން ފޭރި އެމީހުން ރަހީނު ކުރިކަމަށް އެއްބަސްވެފައިވާ ކަމަށާއި، ޑިންގީ ތަޅުދަނޑި ނުނަގާ ހުރުމުން ޑިންގީ ސްޓާރޓްކޮށްގެން އެހެން ފަޅު ރަށަކަށް ދަނިކޮށް އިންޖީނުން ތެޔޮ ހުސްވެގެން ހާލުގައި ޖެހުނީއެވެ.

ޕިކްނިކް ދަތުރު ދިޔަ މީހުންނާ ގުޅޭ ގޮތުން ރަށު ތެރޭގައި ދެކެވެމުންދާ ވާހަކަތަކުން، ހަނާއަކީ ބަޠަލެއް ކަމަށާއި، ހިތްވަރު ގަދަ އަންހެނުންގެ ލިސްޓުގައި އޭނާ ހިމަނައިފައި ވެއެވެ. އަދި ހަނާ ދެއްކި ހިތްވަރުން އެންމެންގެ ތަޢުރީފް ހަނާއަށް އޮހެމުން ދިޔައެވެ.

ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރޭގައި ހަނާ އާއި އޭނާގެ ލޯބިވާ އަނިލް ޖޯލިފައްޗެއްގައި ތިއްބެވެ. އަދި މަޑުމަޑުން ހިނިތުންވެލަމުން ހަނާ އަނިލްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.

" ސަޕްރައިޒް ކިހިނެއް؟" އަނިލް ހަނާގެ އަތުގައި ހިފައި ބާރު ކޮށްލަމުން ބުންޏެވެ. " ތިދިން ސަޕްރައިޒުން، ހީވީ އަހަރެންގެ މެއަށް ހަންޖަރެއް ހަރާލިހެން، ހަނާ ހޯދުމަށް އަހަރެން ވެސް އެކިގޮތްގޮތުން މަސައްކަތް ކުރިން، ހަނާމެންގެ ޚަބަރެއް ނުވެގެން، އަދި އެތަނުން އެކެއްގެ ފޯނަށް ވެސް ނުގުޅިގެން އެ ދުވަހު ހަވީރު ޑިންގީއެއްގައި ބޮމަސްދުއަށް ވެސް ދިޔައިން، އެރަށަށް ގޮސް މުޅިވަޅުތެރެއާއި އެތަންމިތަން ހޯދައި، އިރުއޮއްސުނުއިރު ވެސް ނުފެނިގެން ފުލުހުންނަށް ރިޕޯރޓް ކުރީ، އަދި އެރޭ ޓީ.ވީ.އެމް އަށެއްގެ ޚަބަރުގައި ސޯމާލިޔާ މީހުންގެ ވާހަކަ ބުނުމުން އިތުރަށް އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނު، އަނިލް އޭނާގެ އިޙްސާސްތައް ބަންޑުން ކޮށްލަމުން ބުނެލިއެވެ. "އިޓްސް އޯކޭ! އަހަރެން ހަނާއަށް ދޭނީ ހަނާ އުފަލުން ފޮޅޭ ފަދަ ސަޕްރައިޒްއެއް! އަނިލް އާއި ހަނާ އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ.

..ނިމުނީ..

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައި ވަނީ ޙަސަން ޒަރީރު އިބްރާހީމެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!