ހަނދު ފެނިއްޖެނަމަ ބަޑި ޖަހާނެ: އެމްއެންޑީއެފް
މިއަހަރުގެ ރަމަޟާން މަހަށް ހަނދު ސާބިތު ކުރުމަށްޓަަކައި ބާއްވާ ޖަލްސާގައި ހަނދު ފެނިއްޖެކަމަށް ނިންމައިފިނަމަ ބަޑިޖެހުމުގެ ރަސްމިއްޔާތު މިފަހަރު ވެސް އޮންނާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ވިދާޅުވީ ހަނދު ސާބިތު ކުރުމަށް ބާއްވާ ޖަލްސާގައި ހަނދު ސާބިތު ވެއްޖެ ކަމަށް ނިންމައިފި ނަމަ ބަޑި ޖެހުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށެވެ.
ރޯދަމަހަށް ހަނދު ބެލުން އޮންނާނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ވަނީ ބުނެފައެވެ.މިއަދު ނެރުނު އިއުލާނެއްގައި ބުނީ 1442 ވަނަ އަހަރުގެ ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޝައުބާން 29 (11 އޭޕްރިލް) ވާ އާދީއްތަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާއި ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކާއި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.
މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ނެތްނަމަ އެރަށެއްގެ ރަށު ކައުންސިލުގެ އިދާރާ ހިންގުމާ ހަވާލުވެ ހުރި އިސްވެރިއެއްގެ ކުރިމަތީގައެވެ.
އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިއްޖެނަމަ މާލޭގައި ނަމަ ޑީޖޭއޭއަށް، ނުވަތަ ރަށެއްގައި ނަމަ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ކައުންސިލަށް ހާޒިރުވެ އެކަމުގެ މައުލޫމާތު ދިނުމަށް ޑީޖޭއޭއިން އެދެއެވެ. އަދި ހެކިބަސް ދިނުމަށްޓަކައި އައުމާއި ދިއުމުގެ ޚަރަދު ދޭނެކަމަށް ވެސް ޑީޖޭއޭއިން ބުންޏެވެ.
އަޅޭ. ހެޔޮނުވާނެ ހަދާ. ނުފެންނާތި. ފެނިއްޖިއްޔާ އަހަރެމެން އެންމެންގެ ދުވަސް އެ ދިޔައީ. ބަޑިޔޯ ޖަހަނީ. އަވަހަށް ފިލާ